ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚާއްސަ މެހެމާން ދާރީގައި ކުރައްވާ އުމްރާ ދަތުރުފުޅެއްގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މަދީނާއަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ސައުދީއަށް ފުރާވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ސައުދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާ ބޯޓެއްގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ސައުދީއަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެންމެ ކުރީ ސަފުގައި ހުންނެވީ މަދީނާ ސަރަހައްދުގެ ގަވަރުނަރު، ސާހިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް އާލް ސުއުދު ކަމަށެވެ.
ސައުދީގެ ނޫސް ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުން މަދީނާއަށް ވަޑައިގެން ވަނީ ކީރިތި ރަސޫލާ މުހައްމަދު ސައްލަ ﷲ އަލައިހި ވަސައްލަމަގެ މިސްކިތަށް ޒިޔާރަތް ކުރައްވައި އެ މިސްކިތުގައި ނަމާދު ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، މިނިސްޓަރު ޝަހީމުގެ އިތުރުން އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝައިހް މުހައްމަދު ލަތީފު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު ބައިވެރިވެވަޑައިގަނަންވައެވެ.