ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އދ.ގެ އާންމު މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
ފަލަސްތީނަކީ މިހާރު އދ.ގެ 'އޮބްޒާވާ ސްޓޭޓަސް’ގެ ގައުމެކެވެ.
އދ.ގެ މިއަދު 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ކުއްލި ބައްދަލުވުމަށް ހުށަހަޅައިފައެވެ. ރާއްޖެއިން ވަނީ އެ ގަރާރު ކޯ ސްޕޮންސާރ ކޮށްފައެވެ. ކުއްލި ބައްދަލުވުން ބާއްވާފައި ވަނީ ފަލަސްތީނުން އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށްޓަކައި އަލްޖީރިއާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް އެމެރިކާއިން ދެކޮޅަށް ވޯޓުލައި އެކަން ހުއްޓުވާފައިވާތީއެވެ. އދ.ގެ ސަލާމަތީ މަޖިލީހަށް އެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާނުކުރުވޭ ހާލަތެއްގައި މެމްބަރު ގައުމު ތަކުން ކުއްލި ބައްދަލު ވުމަކަށް ގޮވާލެވޭނެއެވެ.
މި ރޭ އެ ގަރާރަށް ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ގަރާރަށް ތާއީދުކޮށްފައެވެ. ގަރާރާ ދެކޮޅަށް 9 ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓު ދޭން 25 ގައުމަކުން ބޭނުމެއް ނުވިއެވެ.
އދ. މެމްބަރު ގައުމަކަށްވުމުން ފަލަސްތީނަށް ލިބިދޭ އިތުރު ހައްގުތައް:
1- އދ.ގެ އެހެން މެމްބަރު ގައުމުތަކާއެކު ކަނޑައެޅިފައިވާ ތަރުތީބުން އިށީނދެގެން ތިބުމުގެ ހައްގު.
2- އދ.ގައި ބާއްވާ ހުރިހާ ބައްދަލުވުމެއްގައި ވާހަކަ ދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު.
3- ގްރޫޕް ތަކުގެ ފަރާތުން ތަޤުރީރު ކުރުމުގެ ފުރުސަތު.
4- އދ.އަށް ޕްރޮޕޯސަލްތައް ހުށަހަޅައި، އިސްލާހު ހުށަހަޅައި، އަދި ކޯ-ސްޕޮންސަރ ކުރުމުގެ ފުރުސަތު.
5- އދ.ގައި ނަގާ ވޯޓު ތަކާއި ބަހުސް ތަކުގައި ރައްދު ދިނުމުގެ ހައްގު.
6- އދ.ގައި ހިނގާ ބައްދަލުވުން ތަކުގައި ނިޒާމީ ނުކުތާ ނެގުމުގެ ހައްގު.
7- އދ.ގެ ޕްލީނަރީ އަދި މައި ކޮމިޓީ ތަކަށް ކުރިމަތިލުމުގެ ހައްގު.
8- އދ.ގެ ހުރިހާ ބައްދަލުވުންތައް އަދި ބައިނަލްއަގުވާމީ ކޮންފަރަންސްތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ހައްގު.
ނަމަވެސް މި ބައްދަލުވުމުގައި ފާސް ކުރެވުނު ގަރާރުން އދ.އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގު ފަލަސްތީނަކަށް ނުލިބެއެވެ.