އިންޑިޔާއިން ނަގާފައިވާ ދަރަންޏަށް ލުއި ދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

އިންޑިޔާއިން ނަގާފައިވާ ދަރަންޏަށް ލުއި ދިނުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިޔާ އާއި ދެމެދު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ކުރީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އިންޑިޔާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ އިއްޔެ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލު ކުރެއްވުމުގެ ކަންކަމާއި ގުޅޭގޮތުން އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރ ޒަމީރު ވިދާޅުވީ ކުރީ ސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ ދަރަންޏަކީ 60 ބިލިއަން ރުފިޔާގައި ކަމަށްވީ ނަމަވެސް އެ ވެރިކަން ނިމުނުއިރު ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

"އޭގެތެރެއިން ބޮޑު ބައެއް ދައްކަން ޖެހެނީ އިންޑިޔާއަށް، އެހެންވެ، ދަރަންޏަށް ލުއިދިނުމާއި ގުޅޭ ގޮތުން އެ މަޝްވަރާ ކުރަން ޖެހުނު،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އިންޑިޔާއަކީ 1965 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށެވެ. އިންޑިޔާއިން މިހާރު ވެސް ދަނީ ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގަމުން ކަމަށާއި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭ ގޮތުންވެސް ދެގައުމުގެ މެދުގައި ވަނީ މަޝްވަރާ ކުރެވެމުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމު ތަކުން، ތަރައްގީ ވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލު ވުމުގައި އިންޑިޔާގެ ފަރާތުން ބޮޑު އެހީތެރި ކަމެއް ލިބުނު" ޒަމީރު ވިދާޅުވިއެވެ.

އިންޑިޔާގެ ޓޫރިސްޓުންނަކީ ރާއްޖޭގެ އިގްތިސޯދަށް މުހިންމު ބައެއްކަން ފާހަގަ ކުރައްވައި ޒަމީރު ވިދާޅުވީ ތިން ޑެޕިޔުޓީ މިނިސްޓަރެއްގެ ޚިޔާލަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ކަމަށާއި ރާއްޖެއިން، އިންޑިޔާ އަދި ޗައިނާއެކުވެސް އެކުވެރިކަން ބަހައްޓާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *