"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުން ކަމަށް ބަޔާންކޮށް ކުރީގެ ސަރުކާރުން ގެޒެޓު ކުރި ދާއިމީ ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް، ފްލެޓުތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރިޔަސް، ފްލެޓު ލިސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓަށް ބޮލާލައި ޖެހުމަށްފަހު، ކުރީގެ ލިސްޓަށް ފުލެޓްތައް ދޫނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވީ މިހާރު އޮތް ފްލެޓު ލިސްޓަށް ބަލައިގެން ފްލެޓު ދޭއިރު، އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ.
"އެގިވަޑައިގަންނަވާނެ އޭސީސީގެ ރިޕޯޓެއް އެބަ އޮތް ފްލެޓުތައް ދޫކޮށްފައި ހުރި ގޮތާ ގުޅޭ ގޮތުން. އޭގައި އެބަހުރި ވަރަށް ކަންބޮޑުވާ ކަންތައް ތަކެއް. އެހެންވީމާ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިޔުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫން," ހީނާ ވިދާޅުވިއެވެ.
"ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ ރިޕޯޓު ބޮލާލައި ޖަހައި، އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ ފްލެޓު ނުލިބި ތިބި ފަރާތްތަކުގެވެސް އަދި ފްލެޓު ލިބިފައި ތިބި ފަރާތްތަކުގެ ވެސް ހައްގުތައް ގެއްލިގެން ދާނެކަމެއް." ހީނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ދައުރުގެ ފަހުކޮޅުގައި ވަނީ ގެޒެޓު ކޮށްފައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ވަނީ ފްލެޓު ލިބުނު ބައެއް މީހުންނާއެކު ފްލެޓު ކަނޑައަޅައި، އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ނަމަވެސް އޭސީސީ އިން ބުނެފައި ވަނީ ފުލެޓް ލިސްޓާއި ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގެއް ފަށައި، އެ ތަހުގީގުގައި ބެލި ފޯމު ތަކުގެ %59.6 ފޯމަކީ ޝަރުތު ހަމަނުވާ ފޯމު ތަކެއްކަން ވަނީ އެނގިފައި ކަމަށެވެ. އެއާއެކު މި ސަރުކާރުން ނިންމާފައި ވަނީ ލިސްޓު އަލުން ބެލުމަށް ފަހު، ފުލެޓުތައް ހަވާލު ކުރުމަށެވެ.
މި ސަރުކާރުން ކުރީގެ ލިސްޓާ އެއްގޮތަށް ދޫކުރުން ލަސްކުރާ ކަމަށް ބުނެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ރިޕޯޓެއް ވަނީ އެކުލަވާލައިފަ އެވެ. އެ ރިޕޯޓުގައި ނިންމާފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުން ކަނޑައެޅި ލިސްޓާ އެއްގޮތަށް ފުލެޓް ދިނުމަށް ސަރުކާރަށް އެންގުމަށެވެ.