ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަންކުރި އިއުލާން ބާތިލު ކޮށްފި

ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަންކުރި އިއުލާން ބާތިލު ކޮށްފި

ފުލުހުންގެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ގެނެސްދޭނެ ބަޔަކު ހޯދަން އެ މުއައްސަސާއިން ކުރި މިރޭ އިއުލާން ބާތިލުކޮށްފިއެވެ.

ފުލުހުން ގެޒެޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެއިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާއި ގުޅޭގޮތުން ސަރުކާރު އިދާރާ ތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާ ކަމަށެވެ.

އެފަހުން މިރޭ ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ޕޯސްޓެއްގައި ވިދާޅުވީ އެ އިއުލާން މިހާރު ބާތިލު ކޮށްފައިވާ ކަމަށާއި އެ އިއުލާނަކީ ފުލުހުންގެ އިދާރާގެ ޑިޕާޓްމެންޓު ތަކުގައި ބިދޭސީން ލައްވާ ކުރުވަމުން އައި މަސައްކަތް ކުރުމަށް، ބިދޭސީން ހޯދުމުގެ ބޭނުމުގައި ކުރި އިއުލާނެއް ކަމަށެވެ.

ނަމަވެސް ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް އަމަލު ކުރަން ފުލުހުންގެ ޚިދުމަތުން ނިންމުމާއި ގުޅިގެން އެ އިއުލާން ބާތިލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން، އެ މުއައްސަސާގެ ބޭނުމަށް ބިދޭސީން ހޯދަން އިއުލާން ކޮށްފައިމިވަނީ ސަލާމަތީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ބިދޭސީން ގެންގުޅުމަކީ ބޭނުންވާ ގޮތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

"ވަކިން ހާއްސަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ހިދުމަތް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެއްވެސް ހާލެއްގައި ބިދޭސީއަކު ހުރުމަކީ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން" އިހުސާން ވިދާޅުވެފައިވެއެވެ.

އިހުސާން ވިދާޅުވެފައި ވަނީ ފުލުހުންގެ ތެރެއިން ރައްޔިތުންނަށް ސީދާ ދޭ ހިދުމަތްތަކުގައި ބިދޭސީން ޝާމިލުނުވާ ކަމަށާއި ނަމަވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައާއި އަންސްކިލްޑް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތަށް ތިބި ބިދޭސީ މުވައްޒަފުންނަކީ ދިވެހިން ނުލިބުމުގެ ސަބަބުން މަސައްކަތް ކުރަމުންދާ ބިދޭސީން ކަމަށް އިހުސާން ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *