އަހަރެން ޤަވާޢިދަށް އުޅެވޭތޯ ބަލަމެވެ. އަހަރެންގެ އެކުވެރިންވެސް ވަރަށް ގިނައެވެ. އަހަރެން ދެކެ ގިނަމީހުން ލޯބި ވެއެވެ. ލޯބިން އަހަރެން ފެންވަރުވައެވެ. މޫނު މައްޗާއި އަހަރެންގެ ގައި ފޮހެ ރީތި ވެސް ކުރެއެވެ. އެކަމަކު ބައެއް މީހުން އަހަރެންނާމެދު ފަރުވާލެއް ނުބަހައްޓައެވެ.
އެހެން ވިޔަސް މީސް މީހުންގެ ކަން ކަމުގައި އަހަރެން ވަރަށް ބޮޑަށް އެހީތެރި ވަމެވެ. ބައެއް މީހުން އަހަރެން ފުރެންދެން ކާން ދެއެވެ. އަނެއް ބަޔަކު އަހަރެންނަށް ކާންދޭނީ ކާން ނުދީ ނުވީމައެވެ. ކާން ނުދީ އަހަރެން ލައްވައި މަސައްކަތެއް ނުކުރެވޭނެއެވެ. އަހަރެން ގޮވައިގެން މީސް މީހުން ފޫހި ފިލުވާލަން ވެސް ދެއެވެ.
ބައެއް ފަހަރަށް އެމީހުންނާއެކު އެމީހުންގެ ދަރިން ވެސް ދާނެއެވެ. މުހިންމު ޙަފުލާ ތަކަށާއި މީޓިންގ ތަކަށް ވެސް ދެއެވެ. ބައެއް މީސް މީހުންގެ ސަބަބުން އަހަރެންގެ ގައިގެ ތަންތަން ހަލާކު ވެސް ވެއެވެ. އަދި ޤަޞްދުގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން އަހަރެންނަށް އަނިޔާވެސް ކުރެއެވެ. ބައެއް ފަހަރު ދިމާވާ ގޮތުން ތަންތަނަށް އަހަރެން ވައްޓާ ވެސް ލައެވެ. އަހަރެން އެއްވެސް އެއްޗެކޭ ވެސް ނުބުނަމެވެ. ވަރަށް ކެތްތެރި ވަމެވެ.