މި ޒަމާނުގައި ސްކޫލަށް ދިއުމުގެ ބަދަލުގައި އޮންލައިން ކްލާސް ތަކުގައި ކިޔެވުމަކީ ދަރިވަރުންނަށް ކޮން ކަހަލަ އަސަރެއް ކުރާނެ ކަމެއް ހެއްޔެވެ؟ ވިސްނާށެވެ. އެގޮތަށް ކިޔެވުމުން ދަރިވަރުންގެ އެ ގެއްލެނީ ކިތައް ފިލާވަޅު ހެއްޔެވެ؟ ޚާއްޞަ ޙާލަތެއްގައި އޮންލައިންކޮށް ގެންދެވިޔަސް އެފަދަޙާލަތެއް ނެތި އެއީ ކުރުން ރަނގަޅު ގޮތެއް ނޫނެވެ. ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ކުރާނީ ނޭދެވޭ ކިހާ އަސަރެއް ހެއްޔެވެ؟
މިއަދު މިއުޅެނީ ދަރިވަރުންގެ އަޚުލާޤަށް ބޮޑެތި ބަދަލު ތަކެއް އައިސް ގެންނެވެ. އެކަން ރަނގަޅު ކުރަން މުހިއްމު މަސައްކަތް ތަކެއް ކުރަން ޖެހިގެންނެވެ. މުޖުތަމަޢުއަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ރަނގަޅު ކުރަން ކޮންމެހެން ވެސް އެބަ ޖެހެއެވެ. މިހާރު މިއުޅެނީ ދަރިވަރުންނަށް ދުރޫސުލް އަޚްލާޤު ކިޔަވައި ދިނުމަކީ ގޯހަކަށް ވެގެންނެވެ. އެކަން ވެސް އެއޮތީ ހުއްޓާލާފައެވެ.
އިތުރަށް ވިސްނާށެވެ.
ކުއްޖާ ރޭގަނޑު އަވަހަށް ނިދަނީ ހެނދުނު ހެނދުނާ ސްކޫލަށް ދިއުމަށްޓަކައެވެ. އެއީ ފުރަތަމަ ދަރިފުޅަށް ދެވޭ ފިލާވަޅެވެ. ފަތިހު ހޭލައިގެން ފެންވަރައި، ފަތިސް ނަމާދު ކުރަން އާދަ ކުރުން މުހިއްމެވެ. އެއީ ވެސް ކުއްޖާއަށް ދެވޭ ފިލާވަޅެކެވެ. އޭގެ ފަހުގައި ސްކޫލަށް ދިއުމަށްޓަކައި ސައިބޯން ޖެހެއެވެ. ޔުނިފޯމް އަޅަން ޖެހެއެވެ. ބޫޓަށް އަރައި ތައްޔާރުވާން ޖެހެއެވެ. އެ ދުވަހަކު ސްކޫލަށް ގެންދަންޖެހޭ ފޮތް ފަންސުރު ހަމަތޯ ބަލަން ޖެހެއެވެ. މިހިރަ ދަނީ ފިލާވަޅަކަށްފަހު ފިލާވަޅެއް ލިބެމުންނެވެ.
ކުއްޖާ ވަކި ގަޑިއަކަށް ސްކޫލަށް ވަންނަން ޖެހެއެވެ. ވަދެ އެސެމްބްލީގައި ހުންނަން ޖެހެއެވެ. ހިމޭން ކަމުގައި ހުންނަން ޖެހެއެވެ. ގަޑިއަށް ކްލާހަށް ވަންނަން ޖެހެއެވެ. ޓީޗަރު ކްލާހަށް ވަންނަމުން ސަލާމް ގޮވާލައްވާނެއެވެ. ޖަވާބުގައި ދަރިވަރުން އިޙްތިރާމާއެކު ކޮޅަށް ތެދުވެ ސަލާމް ބަލައި ގަނެއެވެ. މިހިރަ މިހިރީ ހައްތާވެސް ދަރިވަރު ސްކޫލަށް ދިއުމުން ލިބޭ ފިލާވަޅުތަކެވެ. ބައެއް ފަހަރު ބައެއް މީހުނަށް ހީވެފައި އޮންނަނީ ޓީޗަރު ބޯޑުގައި ލިޔުއްވާ ފިލާވަޅު އެއީ ހަމައެކަނި ފިލާވަލު ކަމަށެވެ. ހަމަހިލާ އެހެނަކުން ނުވާނެއެވެ.
ސްކޫލަށް ދިއުމުން އެތައް ކުދިންނާ ބައްދަލުވެއެވެ. ރިވެތި އަޚްލާގު ދަސްވުމަށް މަގު ފަހި ވެއެވެ. އިޙްތިރާމް ދަސްވެއެވެ. ސްކޫލް ތަކުގައި ޤަވާޢިދު ހަމަޖެހިފައި އޮންނަނީ ދަރިވަރުންނަށް ފިލާވަޅު ތަކެއް ދޭން ވެގެންނެވެ.އެކަމަކު އެކަން ތަންފީޒެއް ނުކުރެވެއެވެ.
ޔުނީފޯމް ފުރިހަމަކޮށް ހުރުމަކީވެސް ސްކޫލްގެ ޤަވާޢިދެކެވެ. އެއީވެސް ދަރިވަރުންނަށް ދެވޭ ފިލާވަޅެކެވެ. ކުއްޖާގެ އިސްތަށިގަނޑު ހުންނަން ޖެހެނީ ވަކިވަރަކަށް ކޮށާފައެވެ. އިސްތަށިގަނޑުގައި ކުލަ ޖައްސާފައި ނުބެހެއްޓެއެވެ. މިހާރު ބައެއް ފަހަރު ބައެއް ބެލެނިވެރިން ބުނަނީ ކުލަޖެއްސުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. ވިސްނާށެވެ. އެއީ މައްސަލައެކެވެ. ސްކޫލްގެ ޤަވާޢިދުގައި އެކަން އޮންނަނީ ދަރިވަރުން ވަކި ގޮތަކަށް ހޭނުމަށްޓަކައެވެ. އެއީ ކިހާ މުހިއްމު ފިލާވަޅެއް ހެއްޔެވެ. ހުރިހާ ދަރިވަރުން ހަމަހަމަ ކުރަން ޖެހެއެވެ. އެއީ ފާޑުފާޑުގެކުލަ ޖައްސަން ފަށައިފިނަމަ ނުލިބޭ ކުއްޖާއަށް ކުރާނެ އަސަރު ހަނދުމަފުޅު ބަހައްޓަވާށެވެ. ފޮތްތަކުގެ ބޭރުގައިވެސް އެކި ފާޑުފާޑުގެ ރީތި ފޮޓޯ ހަރުކޮށް ރީތި ކުރެހުން ހުންނަ މޮޅު ކަރުދާސް ނުލެއްވުމަށް ސްކޫލުން އަންގަވަނީ ވެސް އެ ކުދިން ހަމަހަމަ ކުރުމަށެވެ. އާދައިގެ ސާދާ ކަރުދާސް ލެއްވުން އެއީ އެންމެ ރަނގަޅު ގޮތެވެ. ސްކޫލަށް ދާއިރު އަރަން ޖެހެނީ ވެސް ވަކި ކަހަލަ ބޫޓަކަށެވެ. ލައްވަން ޖެހެނީ ވަކި ކުލައެއްގެ އިސްޓާކީނެކެވެ. މި ހުރިހާ ކަމެއް މިކުރަނީ ކުއްޖާ ވަކި ގޮތަކަށް ހޭނުވުމަށެވެ.
އަންހެން ކުދިން ކްލާހަށް ދާއިރު ކަންފަތުގައި އެލުވާ ޒާތުގެ އެއްޗެއްސެއް ނުލެއްވޭނެއެވެ. ކަރުގައި ޒާތްޒާތުގެ ފަށްފަދަ ތަކެތި އެޅުވުމަކީ ސްކޫލްގެ ޤަވާޢިދު މަނާ ކުރާ ކަމެކެވެ. ފިރިހެން ކުދިންނަށްވެސް ކަރުގައި ފާޑު ފާޑުގެ ފަށެއް ނޭޅެއެވެ. އަތުގައިވެސް ފަށެއް ނޭޅެއެވެ. މިހިރީވެސް ދެވޭ ފިލާވަލުތަކެވެ.
ސްކޫލްގެ އެސެމްބްލީ ތަކުގައިވެސް ކުދިންނަށް އެކި ކަންކަމުގައި ނަސޭޙަތް ދެއެވެ. އެއީ ވެސް ދަރިވަރުންނަށް ދެވޭ އަގުހުރި ފިލާވަޅުތަކެވެ.
މި ކަންކަމަށް ސަމާލުކަން ނުދޭ ސްކޫލަތަކުގެ ކިޔެވުން ވެސް ދަށްވާނެއެވެ. އަޚްލާޤު ނުދެމެހެއްޓިއްޖެނަމަ އެސްކޫލެއްގެ ކިޔެވުން ކުރިއަކަށް ނުދާނެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެ ސްކޫލެއްގައިވެސް އަޚްލާޤު ބެލެހެއްޓުމަށް ޚާއްޞަ ކުރެވިފައިވާ މީހަކު ނުވަތަ ޑިސިޕްލިން ސުޕަވައިޒަރަކު ހުންނަން ޖެހެއެވެ. ޕްރިންސިޕަލްގެ ބެއްލެވުމުގެ ދަށުން އެކަން ހިންގަން ޖެހެއެވެ. އެޑިޔުކޭޝަނުން ވިދާޅުވާ ކަމަށް ވަނީ ހުރިހާ ޓީޗަރުން އެކަން ބަލަހައްޓަން ވީކަމަށެވެ. ރަނގަޅެވެ.ޓީޗަރުން ވެސް އެކަން ކުރަންވީއެވެ.އެކަމަކު އިސްކޮށް މީހަކު ހުންނަން ޖެހެއެވެ.
އެއްވެސް ސްކޫލަކަށް ކުޑައިމީސް ބަހެއް ރައްދު ކުރާކަށް ނެތީމެވެ. މިހާރުވެސް ރާއްޖޭގެ އެންމެ ޑިސިޕްލިން ސްކޫލަކީ ކޮބައިތޯ އަހައިފިނަމަ ގިނަ މީހުން ބުނާނީ އެސްކޫލަކީ އަޙްމަދިއްޔާ ސްކޫލެވެ. އެ ސްކޫލްގައި އަބަދުވެސް ޑިސިޕްލިންއާބެހޭ ސުޕަވައިޒަރަކު ހުންނާނެއެވެ. އެސްކޫލްގެ ހުރިހާވެސް ކުރިއެރުމަކީ ސްކޫލްގެ ޑިސިޕްލިން އެވެ. ޑިސިޕުލިން ރަނގަޅުވި ވަރަކަށް ސުކޫލްގެ ކިޔެވުމާއި އިތުރު ޙަރަކާތްތައް ކުރިއަރައި ދާނެއެވެ.
ވިސްނަވާށެވެ، ކުއްޖަކު ސްކޫލަށް ގެންދިއުމަކީ އެކުއްޖާއަށް އެތައް ބައިވަރު ރަނގަޅު ފިލާވަޅު ތަކެއް ލިބިގެންދާނެ ކަމެކެވެ.ރާއްޖެއިން ބޭރުގެ ބައެއް ޤައުމު ތަކުގައި އެއް ތަނަކަށް ގޮސްގެން ކިޔެވެން އޮންނަ ތަނެއްގައި ވެސް މިހާރު އަޑުއިވެނީ މާލޭގައި ތިބޭ ޓީޗަރުން މެދުވެރިކޮށް ކިޔެވުން އޮންލައިން ކުރާ ވާހަކައެވެ.ކޮވިޑް ކަހަލަ ކަމެއް ދިމާވެގެން އޮންލައިންކޮށް ކިޔަވައި ދިނަސް އެއް ތަނަކަށް ގޮސް ކިޔެވެން އޮތްނަމަ ރަނގަޅީ އެގޮތެވެ. ކުދިންގެ އަޚުލާޤަށް ވިސްނާށެވެ.