ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އިސްބޭފުޅުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ބޮޑު ދެ އިންތިޚާބުން އެމްޑީޕީ ބަލިވި ސަބަބު ހޯދުމަށް ދިރާސާއެއް، އެއަށްފަހު މަގު ޗާޓެއް

ބޮޑު ދެ އިންތިޚާބުން އެމްޑީޕީ ބަލިވި ސަބަބު ހޯދުމަށް ދިރާސާއެއް، އެއަށްފަހު މަގު ޗާޓެއް

އެންމެ ފަހުން ރިޔާސީ އިންތިޚާބުންނާއި މަޖިލިސް އިންތިޚާބުން އެމްޑީޕީ ބަލިވި ސަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު، ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ އިސްބޭފުޅުން ވިދާޅުވީ، ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމީ ދެ އިންތިޚާބުން ބަލިވި ސަބަބަބު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ކަމަށެވެ. އަދި ރައްޔިތުން އެމްޑީޕީއާއި މެދު ދެކޭ ގޮތް ބެލުމަށް ފަހު މަގުޗާޓެއް ހެދުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އެމްޑީޕީ ދެން ކުރިއަށް ގެންދަންވީ ގޮތެއް އެނގޭނީ ދިރާސާއަށް ފަހު ކަމަށެވެ. ދިރާސާގައި، އެމްޑީޕީގެ ކުރިމަގާ މެދު މީހުން ދެކޭގޮތާއި ޕާޓީ ބައްޓަން ކުރާނެ ގޮތާ ގުޅޭގޮތުންވެސް ބަލައި، މަގު ޗާޓެއް އެކުލަވާލާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އިންތިޚާބުތައް ގެއްލިގެން ދިޔަ ސަބަބުތައް ދިރާސާ ކުރުމަށް އަދި ދިވެހި ރައްޔިތުން، އެމްޑީޕީގެ ކުރިމަގަށް ދެކޭގޮތް ހޯދާ އަޅުގަނޑުމެންގެ ޕާޓީގެ ކުރިމަގު ބައްޓަން ކުރާނެ ގޮތްތަކަކާމެދު ދިރާސާ ކުރުމަށް ފަހު، މަގު ޗާޓެއް އެކުލަވާލުމަށް ނިންމީ" ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކެމްޕޭން ކުރިއަށް ގެންދިޔަ ގޮތުންތޯ ނޫނީ ލީޑަރޝިޕްގެ މައްސަލައެއްތޯ ނޫނީ ރާއްޖޭގެ ސިޔާސީ މާހައުލަށް އައިސްފައިވާ ބަދަލު ތަކަކީ ކޮބައިތޯ ބަލަން ބޭނުން. އެ ހުރިހާ ކަމެއް ބެލުމަށް ފަހު ދެން ކުރިއަށް ދާނެ ގޮތެއް އެނގޭނީ" ފައްޔާޒު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބު އަދި 2014 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ގެއްލުނު އިރު 2018 ގެ ރިޔާސީ އިންތިޚާބު އަދި 2019 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީ ވަނީ ބޮޑު ތަނުން ކާމިޔާބު ކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެން ދެން އަންނަ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީ ކާމިޔާބު ކުރާނެ. އަދި އޭގެ ފަހުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ކާމިޔާބު ކުރާނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބާއި 2019 ގެ މަޖިސް އިންތިޚާބުން އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިޔައީ އޭގެ ކުރީގެ އިންތިޚާބު ތަކުން ލިބުނު ނާކާމިޔާބީ ދެނެގަތުމަށް ހެދި ދިރާސާގެ އަލީގައި ކަމަށެވެ. ރޭ ވަނީ ހަމަ އެފަދަ ދިރާސާއެއް ކުރުމަށް ގައުމީ މަޖިލީހުން ނިންމާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ކާމިޔާބަށްވެސް ނާކާމިޔާބަށްވެސް ފަރިތަ ޕާޓީއެއް ކަމަށް ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ ކުރިމަގާއި ރާއްޖޭގެ ކުރިމަގު އުޖާލާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *