އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެމްޕައަރ ސްޓޭޓް ބިންޑިންގ. ނިއުޔޯކުގެ މަލަމަތީގެ މުހިންމު މި ބިނާއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ބިނާ ކުރި އެންމެ އުސް އިމާރާތް

އެމްޕައަރ ސްޓޭޓް ބިންޑިންގ – ނިއުޔޯކުގެ މަލަމަތީގެ މުހިންމު ބިނާއެއް

އެމްޕައަރ ސްޓޭޓް ބިންޑިންގ – ނިއުޔޯކުގެ މަލަމަތީގެ މުހިންމު ބިނާއެއް

އެއީ 1931 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހެވެ. އެދުވަހު އެމެރިކާގެ ނިއުޔޯކް ސިޓީގެ ގަވަރުނަރު، ފްރޭންކްލިން ޑީ ރޫޒެވެލްޓް ރިބަން ކަނޑައި ދެއްވީ އޭރު ދުނިޔޭގައި ބިނާކުރި އެންމެ އުސް އިމާރާތް ކަމުގައިވާ "އެމްޕައަރ ސްޓޭޓް ބިލްޑިންގ" ހުޅުވުމުގެ ރަސްމިއްޔާތެވެ. މިއަދަކީ، އެ އިމާރާތަށް 93 އަހަރު ފުރުނު ދުވަހެވެ. މި ޚާއްސަ ބިނާގެ މަސައްކަތް ނިމި، އެ ތަން ހުޅުވި ދުވަސް، 93 އަހަރު ފަހުން އިއްތިފާގުން ނަމަވެސް މި ދިމާވީ ދުނިޔޭގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާއެވެ.

1933 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމައަށް އެމެރިކާގެ 32 ވަނަ ރައީސްކަންވެސް ކުރެއްވި ރޫޒެވެލްޓް އެދުވަހު ވިދާޅުވިއެވެ. "މި އުސް އިމާރާތް ރަމްޒުކޮށްދެނީ ދުރުވިސްނުމާއި ޔަގީން ކަމެވެ. މުސްތަޤްބަލަށް ވިސްނައިފި މީހާއަށް، މި މަސައްކަތުގެ މުހިންމުކަން އަންނާން އޮތް ދުވަސް ތަކުގައި އެނގި ހާމަ ވަމުންދާނެއެވެ".

ގަވަރުނަރު ފްރޭންކްލިން ޑީ ރޫޒެވެލްޓް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު އޮބްޒަރވޭޓަރީ ޑެކް އިން ނިއުޔޯކްސިޓީ ބައްލަވާލައްވަނީ

އޭރުގެ ގަވަރުނަރު މިހެން ވިދާޅުވާން ޖެހުނީ ކަމެއްވެއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި ދެވަނަ ބޮޑު ހަނގުރާމައެއްގެ ނާމާން ވިލާތައް ދުނިޔޭގެ މައްޗަށް އޭރު ދިޔައީ ވެރިވަމުންނެވެ. އަދި، 1929 ވަނަ އަހަރު ގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު (ކަޅު ބުރާސްފަތި) އެމެރިކާގެ ވޯލް ސްޓްރީޓް ސްޓޮކް މާކެޓަށް އައި ބޮޑު ލޮޅުމުން އެމެރިކާގެ އިގްތިޞާދު ބިމާ ހަމަވިއެވެ. އެއާއެކު ދުނިޔެއަށް ބޮޑު ތަދު އައެއެވެ. މި ބޮޑު ތަދު 1939 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ދިޔައެވެ. އެތައް ބައެއްގެ ފާޑުކިޔުމާއި ހިތްހަމަ ނުޖެހުންވެސް މި މަސައްކަތައް ރައްދުވިއެވެ. މި ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ރޫޒެވެލްޓް ރައްދު ދެއްވީ އެ ފާޑުކިޔުން ތަކަށެވެ.

1930 ވަނަ އަހަރު އިމާރާތުގެ 86 ވަނަ ފަންގިފިލަޔާ ހަމަޔަށް ނިމިފައި ހުރިއިރު ނަގާފައިވާ ފޮޓޯއެއް

ކޮންމެއަކަސް، މިފަދަ ދަތި އުނދަގޫ އަދި ތަދު ދުވަސްވަރެއްގައި، އެމެރިކާގެ ނިއުޔޯކް ސިޓީގައި އިމާރާތްކޮށް އެ ނިންމާލީ އުސްމިނުގައި 381 މީޓަރު ހުންނަ 102 ފަންގިފިލާގެ ދުނިޔޭގެ އެންމެ އުސް އިމާރާތެވެ. އަދި އިމާރާތުގެ މަތީގައި ބަހައްޓާފައި ހުރި އެންޓަނާއާއެކު 448 މީޓަރުގެ އެމްޕައަރ ސްޓޭޓް ބިލްޑިންގ، ނިއުޔޯކް ސިޓީގެ މަލަމަތި ބަަދަލުކޮށްލައި، 1972 ވަނަ އަހަރު މަންހަޓާންގައި ދުނިޔޭގެ އިމާރާތް ކުރި ވިޔަފާރީގެ މަރުކަޒުގެ ފުރަތަމަ ޓަވަރު ބިނާކުރުމާއި ހަމައަށް، 41 އަހަރު ވަންދެން، ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ގޮތުގައި ރިކޯޑްފޮތުން ޖާގަ ހޯދިއެވެ.

ނަމަވެސް، ކައުންސިލް އޮފް ޓޯލް ބިލްޑިންގްސް އެންޑް އަރބަން ހެބިޓެޓްގެ ރިކޯޑް ތަކުން ފެންނަން އޮތް ގޮތުގައި، މިހާރު އެމްޕައަރ ސްޓޭޓް ބިލްޑިންގ އަކީ ދުނިޔޭގެ 53 ވަނައަށް އެންމެ އުސް އިމާރާތެވެ. އަދި ނިއުޔޯކްގައި 7 ވަނައަށް އެންމެ އުސް އިމާރާތެވެ. މިވަގުތު އެމެރިކާގައި ހުރި އެންމެ އުސް އިމާރާތަކީ 541 މީޓަރު ހުންނަ ވަން ވާރލްޑް ޓްރޭޑް ސެންޓަރެވެ. އަދި ދުނިޔޭގެ ރޭންކުން 7 ވަނައެވެ.

އިމާރާތް ކުރަމުން ދިޔައިރު، މި އިމާރާތުގެ މަސައްކަތް ކުރި ބަޔެއް މަސައްކަތްތެރިން

ފަންނީ ގޮތުންނާއި މަސައްކަތްތެރި ކަމުގެ ރޮގުން ލާމަސީލު މިސާލެއް

އެމްޕައަރ ސްޓޭޓް ބިންޑިންގ އިމާރާތް ކުރުމަށް ނިއުޔޯކްގެ ފިފްތް އެވެނިއު މެދުތެރެއިން ބިން ކޮނުމުގެ މަސައްކަތް ފެށުނީ 22 ޖެނުއަރީ 1930 ގައެވެ. އެބިމަކީ މަޝްހޫރު ވަލްޑޯފް އެސްޓޯރިއާ ހޮޓެލް ހުރި ބިމެވެ. 1928 ގައި 83،860 އަކަފޫޓުގެ އެ ބިން ގަތީ 20 މިލިޔަން އެމެރިކާ ޑޮލަރަށް ބެތްލެހެމް އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ.

އިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ 17 މާރިޗް 1930 ގައެވެ. 37 މިލިއަން ކޮޑި ފޫޓް ހުންނަ މި އިމާރާތްކޮށް ނިމުނީ އޭގެ 1 އަހަރާއި 45 ދުވަސް ފަހުން 1931 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ޝްރީވް، ލޭމްބް އެންޑް ހަރްމަން އެސޯޝިއޭޓް ކިޔާ ކުންފުންޏަކުން ފަރުމާކޮށް، ސްޓާރެޓް ބްެރަދާސް އެންޑް އެކީން ކުންފުނީގެ ބެލުމުގެ ދަށުން މި އިމާރާތުގެ ހަތަރެއް ބައި ފަންގި ފިލާގެ މަސައްކަތް ކޮންމެ ހަފްތާއަކު ނިންމާފައި ވެއެވެ.

އިމާރާތް ކުރުމުގެ މަސައްކަތުގައި 3400 މީހުން ހަރަކާތްތެރި ވިއެވެ. މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު 14 މީހުން ވަނީ އެކި ފަހަރު މަތިން މަރުވެފައެވެ. އިމާރާތުގެ ބޭރު ހެދުމަށް އިންޑިއާނާ ލައިމް ސްޓޯން އަދި ގްރެނައިޓް ބޭނުން ކުރެވިފައި ވެއެވެ. މީގެ އިތުރުން 6 ވަނަ ބުރިން ފެށިގެން މައްޗަށް އެލްމިނިއަމް، ކްރޯމް- ނިކެލް، އަދި އެކަތަ ފާރު ރީތި ކުރުމަށް ބޭނުން ކުރެވިފައި ވެއެވެ. އިމާރާތުގެ އެތެރެ ރީތި ކުރުމަށް ސަންގު މަރުމަރު ހިލަ ބޭނުން ކުރެވިފައި ވެއެވެ. މިހިލަ ގެނެސްފައި ވަނީ އިޓަލީ، ބެލްޖިއަމް، ފްރާންސް، އަދި ޖަރުމަނުންނެވެ.

އެމްޕައަރ ސްޓޭޓް ބިންޑިންގ ގެ ބަރުދަނުގައި 330 ހާސް މެޓްރިކް ޓަން ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ. މި އިމާރާތުގައި 6500 ކުޑަދޮރު، 73 އެލެވޭޓަރު ހުރެއެވެ. އަދި އިމާރާތުގެ ހުރިހާ ފަންގި ފިލާގެ ބައި ތަކުގެ ބޮޑުމިނުގައި 2200 ހާސް އަކަފޫޓް ހުރެއެވެ. އިމާރާތުގެ މަތީގައިވާ ބްރޯޑް ކާސްޓިންގ އެންޓަނާ ބެހެއްޓުނީ 1952 ވަނަ އަހަރު އެވެ. މިހާރު ވެސް ތަފާތު އެތައް ޓީވީ އަދި ރޭޑިޔޯ ސްޓޭޝަންތައް މި އިމާރާތުގައި ހެދިފައި ވެއެވެ.

ފަތުރުވެރިންނަށް މަޤްބޫލު ޢިމާރާތެއް

އިމާރާތް ހުޅުވުމަށް ފަހު 1940 ވަނަ އަހަރާއި ހަމައަށް އަންނަންދެން ބޮޑު ތަދާއި ހެދި އިމާރާތުގެ ގިނަބައިތައް ހުރީ ކުއްޔަށް ނުދެވިއެވެ. ނަތީޖާއެއްގެ ގޮތުން އެދުވަސް ވަރު މި އިމާރާތަށް  އެމްޕްޓީ ސްޓޭޓް ބިލްޑިންގ ގެ ނަމުން މުޚާތަބު ކުރެވުނެވެ. ނަމަަވެސް، މިހާރު އެމްޕައަރ ސްޓޭޓް ބިލްޑިންގއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު ބިނާއެކެވެ. އަހަރަކު ގާތްގަނޑަކަށް 4 މިލިޔަން ފަތުރުވެރިން މި ބިނާއަށް ޒިޔާރަތް ކުރެއެވެ.

މިގޮތުން، ފަތުރުވެރިންނަށް ޚާއްސަކޮށް 86 ވަނަ ފަންގިފިލާގަޔާއި 102 ވަނަ ފަންގިފިލާގައި ފަތުރުވެރިންނަށް ނިއުޔޯކްސިޓީ ބަލައިލެވޭނެހެން އޯޕަން އެއަރ އޮބްޒަވޭޓަރީ ޑެކެއް އޮވެއެވެ. މި ޑެކަށް އެރެނީ ޓިކެޓް ނަގައިގެންނެވެ. އެމްޕަޔަރ ސްޓޭޓް ބިލްޑިންގަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ގާތްގަޑަކަށް 100 މިލިއަން ޑޮލަރަށް ވުރެބޮޑު އާމްދަނީއެއް ލިބެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *