މީޑިޔާ ތަކަށް އިންޒާރު ދިން މީހުން ހޯދުމަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ: ރައީސް އޮފީސް

މީޑިޔާ ތަކަށް އިންޒާރު ދިން މީހުން ހޯދުމަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ: ރައީސް އޮފީސް

ކާކުކަން ނޭނގޭ ގޮތަށް ފޮރުވިގެން ތިބެ މީޑިޔާ ތަކަށް އިންޒާރު ދެމުންދާ މީހުން ދެނެގަތުމަށް ފުލުހުންގެ ހުރިހާ ވަސީލަތަކާއި ގާބިލު ކަމެއް ބޭނުން ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އެފަދަައިން ބުނެފައި ވަނީ ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ ފޭކު އެކައުންޓަކުން އިންޒާރު ދީފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ރައީސް އޮފީހުން ބުނީ މީޑިޔާ ތަކަށް އިންޒާރު ދިން މައްސަލަ އެންމެ ހަރުކަށި އިބާރާތުން މި އަމަލު ކުށްވެރިކުރާ ކަމަށެވެ.

"ފޮރުވިގެންތިބެ ނޫސްވެރީންނަށާއި މީޑިޔާ ތަކަށް އިންޒާރު ދެމުންދާތީ އެކަމުގެ ތަހުގީގު ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ވަނީ ފަށައިފައެވެ. އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލް ކަމެއްގެ ބޭނުން ކޮށްގެން މަސައްކަތް ކުރަމުން ދާނެއެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

މީޑިޔާ ތަކަށާއި ނޫސްވެރިއަކަށް ބިރު ދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުން ދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައި ވާނަމަ ގައުމީ މަސްލަހަތު އިސްކުރުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާ ކުރުމުގެ ގޮތުން، އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ މީޑިޔާތަކާއި ނޫސްވެރީންގެ ހިމާޔަތުގައި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *