ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ވާނުވާ މައްސަލަ އެއްކޮށް ހައްލުވާނެ: އިހުސާން

ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ވާނުވާ މައްސަލަ އެއްކޮށް ހައްލުވާނެ: އިހުސާން

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާގެ މައްސަލަ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެއްކޮށް ހައްލުވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި މީހަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ކުރިމިނަލް ކޯޓުގައި 12 ގާޒީން މަސައްކަތް ކުރައްވާއިރު، ޝަރީއަތްތައް ބާއްވަނީ އެންމެ ކޮޓަރިއެއްގައި ކަމަށެވެ. ވާނުވާގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ކުރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށްވުމުން ހުޅުމާލޭގައި ޖާގަ ބޮޑު ކުރިމިނަލް ކޯޓެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"މިހާރު އެހުރީ ތަނެއް ހޯދާފައި. ހުޅުމާލޭގައި ހުރި އެ އިމާރާތް ކުރިމިނަލް ކޯޓަށް ދޭން ދެތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާފައި ހަވާލުކުރެވޭނެ،" އިހުސާން ވިދާޅުވިއެވެ.

"އެހާ ހިސާބުން ވާނުވާގައި ތިބި މީހުންގެ މައްސަލަތައް އަވަސްކުރެވޭނެ. ވާނުވާ އެއްކޮށް ހައްލުވާނެ"

ވާނުވާ މައްސަލައިގެ އަސްލަކީ ކޮބައިތޯ ދެނެގަތުމަށް މަސައްކަތެއް ކޮށްފައިވާ ކަމަށާއި އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ލަސްވުން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންވެ ފުލުހުންގެ ތަހުގީގުތައް މިއިން ކުރިން ދުވަހަކު ވެސް ނުކުރާހާ އަވަސް ކޮށްފައިވާ ކަމަށާއި ތަހުގީގު ނުނިމިގެން ދެން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުބައިތިއްބާނެ ކަމަށް ވިދާޅުވިއެވެ.

ހުކުމެއްގައި ނޫން ގޮތަކަށް އެންމެ ދުވަހަކަށް ވެސް މީހަކު ޖަލު ބަންދުގައި ހުންނަން ބޭނުންނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ވާނުވާގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، ވައުދުފުޅެއް ކަމަށެވެ. ސަރުކާރުން ގެންދަނީ ވާނުވާގެ މައްސަލަ ހައްލު ކުރުމަށް ވަރަށް އިސްކަމެއް ދެމުން ކަމަށް އިހުސާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *