މި ސަރުކާރަށް މިވީ ފަސްމަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ބާކީ ނުދެވި ހުރީ 27 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމް" ގައި އާންމުގެ މީހަކުކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. ބެކް ލޮގުގައި ހުރި ފައިސާތައް އެއްފަހަރާ ދިނުމަކީ އިގްތިސޯދީ ހާލަތު އޮތް ގޮތުގެ ސަބަބުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ރައީސް ޒައާމަތާއި ހަވާލުވެވަޑައިގެން ފަހުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ މިއަދާ ހަމައަށް ދެއްކިއްޖެ. 27 މިލިއަން ރުފިޔާ އެބައޮތް ޑިއު. މަސްވެރިން ރަނގަޅަށް މަސްބާނަ ކަމަށްވާނަމަ އެ ދުވަހުން ދުވަހަށް ފައިސާ ނުދެއްކޭނަމަ ހުންނާނެ ފައިސާ. އެހެން ނަމަވެސް މި މުސާރަ މި މަހު ނިންމާފަ މިފްކޯއިން ދައްކާނެ." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރޯދަމަހުގެ ކުރިން ފައިސާ ދައްކާ ހަލާސް ކޮށްފައިވާނެ ކަމަށެވެ.