ތަށި ތެޅުމުގެ ހަފްލާއަށް ތައްޔާރުވެފައި

ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދި ޖަރުމަނުގައި ތަށި ތެޅުން

ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދި ޖަރުމަނުގައި ތަށި ތެޅުން

ސަޤާފަތާއި އާދަކާދައަކީ އެކި ގައުމުތަކުގައި އެކި ގޮތްގޮތަށް އެތައް ހާސް އަހަރު ތަކެއް ކުރިން އެބަޔެއްގެ ތެރޭގައި އެބައެއްގެ ކާބަފައިންގެ ދުވަސްވަރުން ފެށިގެން ކުރަމުން އަންނަ ކަންތައްތަކެވެ. އާދެ، އިނގިރޭސި ބަހުންނަމަ، ކަލްޗަރ، ކަސްޓަމްސް އަދި ޓްރެޑިޝަންސް އަކީ ގައުމީ އަދި ބައިނަލްއަޤްވާމީ ނަޒަރަކުން ބަލާލި ނަމަވެސް، މުހިންމުކަން ދީފައި އޮންނަ ކަންކަމެވެ.

ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގައިވެސް، ސަޤާފަތަކީ މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ. ސަބަބަކީ، އެ ގައުމެއްގެ މީހުންގެ އެއްބައިވަންތަ ކަމާއި އެބަޔެއް އެކަތިގަނޑަކަށް ހަދާދޭ އެއް ޒަރިއްޔާއަކީ ސަޤާފަތް ކަމުގައި ވާތީއެވެ. އެއްބަޔަކު ކުރާކަމަކީ އަނެއްބަޔަކަށް ޖޯކަކަށްވެސް ވެއެވެ. ނުވަތަ މާނައެއް ނެތް ބޭކާރު ކަމަށްވެސް ވެއެވެ. ނަމަވެސް، ގައުމު ކިތަންމެ ކުރިއަރާ މުއްސަދިވެގެން ދިޔަ ކަމުގައިވީ ނަމަވެސް، މިފަދަ ސަޤާފީ އާދަކާދަ ތަކަކީ، ފަސްއެޅި ފޮރުވި ދިޔަނުދީ ގައުމު ތަކުގައި އޮބަހައްޓާ، ނަގަހައްޓާ އަދި ކުރިއަރުވަންވެސް މަސައްކަތްކުރާ ކަންކަމެވެ.

މިގޮތުން، ޖަރުމަނުވިލާތަކީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ތެރެއިން އެންމެ މުއްސަދި އަދި ބާރާއި ނުފޫޒުގަދަ އެއް ގައުމެވެ. ނަމަވެސް، ޖަރުމަނުގައި ނަޞާރާދީނުގެ މީހުން ކައިވެނި ކުރުމުގެ ކުރިން، "ޕޯލްޓަރާބެންޑް" ކިޔާ ތަށި ތެޅުމުގެ މުހިންމު ޙަފްލާއެއް ބާއްވައެވެ. މި ޙަފްލާއަކީ މިހާރުވެސް ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އުޅޭ ޖަރުމަނުވިލާތުގެ ނަޞާރާދީނުގެ މީހުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާއަށް "ޕޯލްޓަރ ނައިޓް" އޭވެސް ކިޔާ އުޅެއެވެ.

ޙަފްލާ ކުރިއަށް ދާ ގޮތް

މި ޙަފްލާ ޢާންމު ގޮތެއްގައި ކުރިއަށްދާނީ އަންހެންމީހާ ދިރިއުޅޭގެ ނުވަތަ އޭނާގެ މައިންބަފައިންގެ ގޭގެ ކުރިމަތީގައެވެ. ކައިވެނީގެ ދަޢުވަތު މީހުންނަށް ފޮނުވި ކަމުގައިވީ ނަމަވެސް، ޕޯލްޓަރ ނައިޓަށް ދަޢުވަތެއް ނުފޮނުވާނެއެވެ. ނަމަވެސް، މި ޙަފްލާގައި ބައިވެރިވާން ބޭނުންވާ ޢާއިލާ މީހުންނާއި ހެޔޮއެދޭ ރަޙްމަތްތެރިން، އެ އޮންނަ ތަނަކަށް އަންނާނެއެވެ. އަދި މިޙަފްލާއަށް އެމީހުން އަންނައިރު އަންނާނީ ހަދިޔާ އާއި ކާބޯތަކެތިވެސް ހިފައިގެންނެވެ. އަދި، ކޮންމެ މީހެއްވެސް އަންނާނީ އެމީހަކު ތަޅާލަން ބޭނުންވާ މުށި ތަށި ހިފައިގެންނެވެ. ތަށީގެ އިތުރުން، މުށިން ހަދާފައި ހުންނަ ކޮންމެ އެއްޗެއްވެސް ގެނެސް މި ޙަފްލާގައި ތަޅާލެވިދާނެއެވެ. އޭގެތެރޭގައި، ފްލާވަރ ޕޮޓް، ތަށިމުށި، ފާޚާނާ ތަށި އަދި ސިންކުވެސް ހިމެނެއެވެ. ފުޅި އާ ބިއްލޫރި ފަދަ ތަކެތި ތަޅައެއް ނޫޅެއެވެ. އެއީ މިމީހުން ގަބޫލު ކުރާގޮތުގައި، ބައެއް ބިއްލޫރީގެ ބާވަތް ތަކަކީ އުފާވެރިކަން ގެނުވާ އެއްޗެކެވެ. އެހެންވީމާ، އުފާވެރިކަން ތަޅާ ފުނޑުފުނޑުކޮށް ނުލުމުގެ މާނާއިގައި ބިއްލޫރިއެއް ނުތަޅައެވެ. އަދި، ލޯގަނޑަކީ އެއްވެސް ވަރަކަށް ތެޅުން ހުއްދަ އެއްޗެއްނޫނެވެ. ވަރަށް ގިނަ ސަޤާފަތްތަކުގައި ގަބޫލު ކުރާގޮތައް، އެމީހުންވެސް ގަބޫލު ކުރަނީ ލޯގަނޑެއް ތަޅާލައިފިނަމަ، ހަތް އަހަރު ދުވަހުގެ ބަދުނަސީބު ކުރިމަތިވާނެ ކަމުގައެވެ. ނަމަވެސް، ދަޅާއި، ފުޅިމަތި ފަދަ ތަކެތި އުކުމަކީ ކުރާކަމެކެވެ.

ތަށިތެޅުމުގެ ކުރިން، މިހާރު އޮންނަނީ ގާތްގަނޑަކަށް ކުއީން ސައިޒުގެ އެނދެއް ވަރުގެ ލަކުޑިން ހަދާފައި އޮންނަ ފޮށިގަނޑެއް ބާއްވާފައެވެ. ނަމަވެސް، ކުރީ ޒަމާނުގައި، ތަށިތައް ތަޅާނީ ގޯތީގެ ކުރިމަތިން އޮންނަ ބިމަށް ނުވަތަ ތަޅުންގަނޑަށެވެ. ފުރަތަމަ ތަށި އެއްލާ ތަޅާލާނީ ދެމަފިރިންނެވެ. އެއަށް ފަހު ބައިވެރިވާ އެންމެން އެމީހަކު ގެނައި ތަށި އެތަނަށް އެއްލާ ތަޅަން ފަށައެވެ. އަދި، އެއްލާއިރު، އިންނަން އުޅޭ ދެމީހުންނަށް ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދި ހެޔޮބަސްތައް ބުނަމުން ގެންދާނެއެވެ. ތަށިތައް ތަޅާ ނިމުމުން، އެ ސާފު ކުރާނީ ދެމަފިރިން އެކަންޏެވެ. ސާފު ކުރާއިރު ބައިވެރިވި އެހެން މީހުން ލަވަކިޔާ އުފާ ފާޅުކުރާނެއެވެ. އަދި އެއަށް ފަހު، ގޭތެރެއަށް ވަދެ ބައިވެރިވި އެންމެނާއެކު، ކެއުމާއި ބުއިމުގެ ކަންތައް ކުރިއަށް ގެންދާނެއެވެ.

މި ކަމުގެ އަސްލު – ކޮންއިރަކު، ކިހިނެތް ފެށުނު ކަމެއް؟

ތާރީޚް ދިރާސާކުރާ މީހުން ބުނާ ގޮތުގައި ޕޯލްޓަރާބެންޑް ފެށުމުގެ އަސްލު ދެނެގަނެވިފައެއް ނެތެވެ. ނަމަވެސް، އެމެރިކާގެ ނޭޝްވިލް ގައި ހުންނަ ވެންޑަރބިލްޓް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޖޯއެލް ހެރިންގޓަން ވިދާޅުވާގޮތުގައި މި ކަން ޖަރުމަނުގައި ފެށިފައި ވަނީ ނަޞާރާދީންވެސް އައުމުގެ ކުރިންނެވެ. އަދި، އެންމެ ފުރަތަމަ މިފަދަ ކަމެއް ކުރިކަން ރިކޯޑްތަކުން ފެންނަން އޮތީ 16 ވަނަ ގަރުނުގައެވެ. ލިޔުންތަކުން ފެންނަން އޮންނަ ގޮތުގައި، ޖަރުމަނު މީހުންގެ މި އާދަކާދަ ގުޅިފައި އޮންނަނީ ދެ ކަމަކަށެވެ. އެއީ، ތަށި ތަޅާ އަޑަކީ ނޭދެވޭ ރޫޙާނީ ބާރުތައް ބިރު ގަންނަ އަޑަކަށް ވުމާއި، ތޫނު މިފަދަ ތަށީގެ ފުޅިތޮށްޓަކީ އެންމެންވެސް ބޭނުންވާ ނަޞީބު ގެނުވައިދޭ އެއްޗަކަށް ވުމެވެ.

ކީތްކުރަން ކުރާ ކަމެއް؟

ޕޯލްޓަރާބެންޑް ކުރިއަށް ގެންދިއުމުގައި މުހިންމު ހަތަރު މާނެއެއް އޮންނަ ކަމުގައި ޕްރޮފެސަރ ޖޯއެލް ހެރިންގޓަން ވިދާޅުވެއެވެ. އެއީ، ނުބައި ރޫޙާނީ ބާރުތައް ފައްސާލުމާއި، ދެމަފިރިންގެ ޒަވާޖީ ޙަޔާތަށް ނަޞީބު ގެނައުމުގެ އިތުރުން، މި ދެމަފިރިން ޓީމެއްގެ ގޮތުގައި ފުރަތަމަ ކުރާނެ ކަމަކީ މި ތެޅި ތަށިތައް ނަގާ ތަން ސާފު ކުރުން ކަމުގައިވުމެވެ. އެހެންވީމާ، ނުބައި ރޫޙާނީ ބާރުތައް ސާފުވެސް ކުރާނީ ދެމަފިރިން އެކުގައިކަމަށް ވުމަކީ މިކަން ކުރުމުގެ މުހިންމު ކަމެކެވެ.

ޒަވާޖީ ޙަޔާތް ކާމިޔާބު ކުރުމުގައި، ދެމަފިރިންގެ ޙިއްސާ މުހިންމު އެއްޗެއް ކަމުގައި ދެކޭތީއެވެ. ޕްރޮފެސަރ ހެރިންގޓަން އިތުރަށް ވިދާޅުވި ގޮތުގައި، މީލާދީން 18 އަދި 19 ވަނަ ގަރުނުގައި، މިކަން ވަނީ އިތުރަށް ފުޅާވެގެންވެސް ގޮސްފައެވެ. އެއީ މި ދެންނެވި ދެ ގަރުނަކީވެސް އާރޓް އަދި ލިޓްރެޗާގައި، ސަޤާފަތް ތަކުގައި ލޯބީގެ އެތައް ކުލަތަކެއް ޖެހެމުން އައިސްފައިވާ ދުވަސްވަރެއް ކަމުގައިވާތީއެވެ. އިނގިރޭސި ބަހުންނަމަ، "ރޮމެންޓިސިޒަމް" ތަޢާރަފް ވެގެން އައި ޒަމާނެވެ.

ހަތަރުވަނަ ކަމަކަށް ފާހަގަ ވަނީ، މި ޙަފްލާއަށް އަންނަ މީހުންނަކީ އެ ދެމަފިރިންނަށް އެންމެ ކަމޭހިތާ އޯގާތެރި މީހުންކަންވެސް އެނގިގެން ދާދިއުމެވެ. ސަބަބަކީ، މި ޙަފްލާއަށް އެއްވެސް ދަޢުވަތެއް ނުފޮނުވި ކަމުގައިވީ ނަމަވެސް، އެ ދެމަފިރިންނަށް ހެޔޮ އެދި، މި ޙަފްލާ އޮންނަ ތަނާއި ވަގުތު ހޯދުމަށް ފަހު ބައިވެރިވާން އަންނަނީ އަމިއްލައަށް ކަމުގައި ވާތީއެވެ.

ސަޤާފަތާއި އާދަކާދަ ދެމެހެއްޓުން

20 ވަނަ ޤަރުނުގައި ދުނިޔޭގައި ހިނގި އެންމެ ބޮޑު ދެ ހަނގުރާމައިގެ ތެރޭގައިވެސް، މިކަން ކުރިއަށް ގެންގޮސްފައި ވާކަން ލިޔުންތަކުން ފެންނަން އެބައޮތެވެ. މީގެއިތުރުން، 1933 އިން 1945 އަށް ހިޓްލަރުގެ ނާޒީ ޖަރުމަނުގައި، އަދި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ޖަރުމަނު ދެބައިވެ، ރަޝިޔާގެ ބާރުގެ ދަށަށް ދިޔަ އިރުމަތީ ޖަރުމަނު މީހުންވެސް، ޕޯލްޓަރާބެންޑް އާދަކާދަ އެމީހުންގެ ސަޤާފަތުގެ ތެރެއިން ވަޅުޖެހި ދިޔަނުދީ ކުރިއަށް ގެންދިޔައެވެ.

ކޮންމެއަކަސް، ޕޯލްޓެރާބެންޑަކީ ޖަރުމަނުގެ ސަޤާފަތުގައި ހިމެނޭ ޚާއްސަ ކަމެއް ކަމުގައި ވީނަމަވެސް، މިކަން ކުރާ ބައެއް އެހެން ގައުމު ތައްވެސް ޔޫރަޕުގައި އޮވެއެވެ. އޭގެތެރޭގައި، ޖަރުމަނު ނަސްލުގެ ގިނަ ބަޔަކު ދިރިއުޅެމުންދާ އޮސްޓްރިއާ އަދި ސްވިޓްޒަރލޭންޑް ހިމެނެއެވެ. މީގެއިތުރުން، ޕޯލްޓެރާބެންޑާއި އެއްގޮތަށް، ގްރީކް ސަޤާފަތުގައި، ކައިވެނީގެ ޙަފްލާގައި ތަށި ތެޅުން އޮވެއެވެ. އަދި ޔަހޫދީންގެ ސަޤާފަތުގައި ބިއްލޫރި ތަށި މަތީގައި ހިނގައި އެ ތަށިތައް ތެޅުންފަދަ ކަންކަން އޮވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *