ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް ހިމަނައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒު ކުރުމުގެ ބިލާމެދު އުފެދޭ އެންމެ ބޮޑު ކަންބޮޑުވުމަކީ، ފްރޭމްކޮށްގެން މީހަކު މަރާ ހިސާބަށް ގޮސްދާނެތީ، ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިހެން ވިދާޅުވީ، އެ ބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަަވަމުންނެވެ.
ކުޑޫ ވިދާޅުވީ، ކޯޓުތަކުން އަދުލު އިންސާފު ގާއިމް ކުރެވެނީ އެންމެ ރަނގަޅަށް ކަމާމެދު ސުވާލު އުފެދެމުންދާ ކަމަށެވެ.
"ސުލޫކީ މައްސަލައެއްގައި ގޮތެއް ނުނިމި ތިއްބެވި ބޭފުޅުން، ގާޒީންނާއި ފަނޑިޔާރުންނަށްވެސް މިދަނީ އައްޔަން ކުރަމުން، މިއީ ނިހާޔަތަށް ކަންބޮޑުވުން އޮތް ކަމެއް، ޖެންޑާ މިނިސްޓްރީގެ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރުގައި ތިބި، ޖަލުގައި ހުކުމް ތަންފީޒު ކުރަންޖެހޭ 240 އެތައް ބައެއްގެ ތެރެއިން 20 މީހުން ތިބީ ގޭ ބަންދުގައި،" ކުޑޫ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، އޭގެ ތެރެއިން އެންމެ ގިނަމީހުން ތިބީ މާލޭގައި ކަމަށްވާއިރު، އެފަދަމީހުން ކެފޭތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކަށް ވަންނަމުންދާއިރު މި ކަމަކީވެސް ކަންބޮޑުވުން އޮތްކަމެއްކަމަށެވެ.
ކުޑޫ ވިދާޅުވީ، ރާއްޖޭގއި އިންތިހާއަށް ކޮރަޕްޝަން އޮތް ކަމަށެވެ.
"މުޖުތަމައުގައި ކަންކަން ގޮސްފަ އޮތް ހިސާބަކީ، މިސްކިތް އެޅުމުން ފެށިގެން ހައްޖު ކޯޓާއާ ހަމައަށް މިދަނީ އޮޅުވާލަމުން މިހެން ކަންކަން ހުރީމަ ކަނބޮޑުވުން އޮވޭ މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ރަނގަޅަށް ކަމާމެދު، މިސްކިތް އެޅުމާހިސާބުން ދަންޖައްސާ ވާގަނޑު ގަތުމާ ހަމައަށް ކޮރަޕްޝަން އޮންނާނެ ކަމީ ހިތި ހަގީގަތެއް،" ކުޑޫ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، ވަރަށް އިންސާފުވެރި ޝަރީއަތެއް ކޮށްގެން ނޫނީ މީހެއްގެ ފުރާނަ ނަގާލައިގެން ނުވާނެ ކަމަށެވެ.
ނަމަވެސް މެންބަރު ވިދާޅުވީ، ރާއްޖޭގެ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަމީ، އެކަކުވެސް ދެބަސް ނުވާނޭ ހަގީގަތެއް ކަމަށެވެ.






