އެންމެ ބާރުގަދަ ދެ ވަޒީރުން ތިބީ ފޮނަދޫގައި، އަޅުގަނޑުވެސް ކޮންމެވެސް ހިސާބަކު ލައްވާލައި: އަދުރޭ

އެންމެ ބާރުގަދަ ދެ ވަޒީރުން ތިބީ ފޮނަދޫގައި، އަޅުގަނޑުވެސް ކޮންމެވެސް ހިސާބަކު ލައްވާލައި: އަދުރޭ

ރައީސް ޑރ. މުހަންމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ބާރުގަދަ ދެ މިނިސްޓަރުން ނިސްބަތްވެވަޑައިގަންނަވަނީ ލ. ފޮނަދޫއަށް ކަމަށާއި، އޭގެތެރެއިން ކޮންމެވެސް ހިސާބެއްގައި އޭނާވެސް ލައްވާލާ ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ލ. އަތޮޅަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ އެ އިޝާރާތް ކުރެއްވި ދެ ވަޒީރުންނަކީ އަދުރޭގެ ދަރިކަލުން، ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އާއި ފިނޭންސް މިނިސްޓަރ ޑރ. މުހަންމަދު ޝަފީގުއަށެވެ.

އަދުރޭ ވިދާޅުވީ ލ. ފޮނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންތަކެއް ސަރުކާރުގެ އެންމެ މަތީ މަގާމުތަކުގައި ތިބުމާއެކު، މި ސަރުކާރު ދަމަހައްޓަން އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ބަޔަކީވެސް ފޮނަދޫ ދާއިރާގެ ރައްޔިތުން ކަމަށެވެ. ސަބަބަކީ މިހާތަނަށް ހައްދުންމަތީ ބޭފުޅުންކޮޅެއް ދައުލަތުގެ އެންމެ މަތީ ފެންވަރުގެ މަގާމު ތަކުގައި މީގެކުރިން ނެތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ މަނިކުފާނު އެކުލަވައިލެއްވި ފުރަތަމަ ކެބިނެޓުގައި، އެ ކެބިނެޓުގެ އެންމެ ބާރުގަދަ ދެ ވަޒީރުންގެ ގޮތުގައި ތިއްބެވީ ފޮނަދޫގެ ދެ ބޭފުޅުން. ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް. އޭގެ އިތުރުން އަޅުގަނޑުވެސް އޭގެ ކޮންމެވެސް ހިސާބެއްގައި އެބަ ލައްވައިލާ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިވަގުތު ފޮނަދޫ ރައްޔިތުން އިސްކުރަންވީ "ޕާޓީ ފިކުރު" ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިސްކުރަންވީ "ފޮނަދޫ ފިކުރު" ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ލިބިފައިވާ ރަނުގެ ފުރުޞަތުގެ ބޭނުން ފޮނަދޫ ރައްޔިތުން ހިފުމަށްވެސް އަދުރޭ ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *