ދަރިފުޅު ހިންގި ސްކޭމުގެ ފައިސާ މަންމަ ދޭންނުޖެހޭނެ ކަމަށް ހުކުމް ކޮށްފި

ދަރިފުޅު ހިންގި ސްކޭމުގެ ފައިސާ މަންމަ ދޭންނުޖެހޭނެ ކަމަށް ހުކުމް ކޮށްފި

ފަނޑިޔާރު މަގުގައި ހުންނަ މ. ފާގަތިގެ ވެރިޔާ ސުލްތާނާ އަހުމަދަށް އޮޅުވާލައިގެން އޭނާގެ ދަރިފުޅު އިބްރާހީމް ހުނައިން އަހުމަދު އެގޭގެ އެޕާޓުމެންޓުތައް އެކި ފަރާތް ތަކަށް ކުއްޔަށް ދޫކުރުމަށް ކަމަށް ބުނެ އެޑްވާންސް ނެގުމަށް ފަހު، އެޕާޓުމެންޓް ހަވާލުނުކޮށް، ހިންގި ސްކޭމުގެ ފައިސާ ހުނައިންގެ މަންމަ، ސުލްތާނާ ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ފާގަތި ގެއިން އެޕާޓްމެންޓެއް ކުއްޔަށް ހިފުމަށް ސ. ފޭދޫ، ފިލިގަސްދޮށުގެ، ހައްވާ ސަދާ އާއި ސުލްތާނާއާއި  ދެމެދު 2020 ޖެނުއަރީ 22 ގައި ވަނީ ލީސް އެގްރީމެންޓެއް ހަދާފައެވެ. ލީސް އެގްރީމެންޓެއްގެ ދަށުން، ސުލްތާނާއަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައި ވީނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ހަވާލު ކުރަންޖެހޭ ތިން ކޮޓަރީގެ އެޕާޓްމެންޓް ހަވާލުކޮށްފައި ނުވާތީ، ހައްވާ ވަނީ ސުލްތާނާގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ، ދައުވާގައި ހައްވާ އެދިފައި ވަނީ ލީސް އެގްރީމެންޓާ އެއްގޮތަށް ހަވާލުކޮށް ދިނުމަށް އަމުރުކޮށް ދިނުމަށް ނުވަތަ އޭނާ އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ރައްދުކޮށް ދިނުމަށް ސުލްތާނާގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ދައުވާގެ ދިފާއުގައި ސުލްތާނާގެ ފަރާތުން ބުނެފައި ވަނީ ދައުވާގައި ބަޔާން ކޮށްފައިވާ އެއްބަސްވުމަކީ އޭނާގެ ދަރިފުޅު ހުނައިން އަހުމަދުގެ ފަރާތުން ނުރަނގަޅު ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއް ކަމުން އެއީ ކޮންޓްރެކްޓާބެހޭ ޤާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށެވެ. އަދި ދައުވާގައި ހޯދުމަށް އެދިފައިވާ އެޑްވާންސް ފައިސާގެ އެއްވެސް މިންވަރެއް އޭނާއަށް ލިބިފައި ނުވާތީ އެ ފައިސާވެސް ދައްކަން ނުޖެހޭނެ ކަމަށާއި އެޕާޓުމެންޓު ވެސް ހަވާލު ކުރަން ނުޖެހޭނެ ކަމަށެވެ.

އެ މައްސަލައިގައި ރައުޔުގައި ގާޒީ އަހުމަދު އަބްދުލް މަތީން ވިދާޅުވީ ސުޕްރީމް ކޯޓުން ބެލި ގަޒިއްޔާއެއްގައި ވަނީ ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ނުރަނގަޅު ނުފޫޒެއް އޮތްތޯ ބެލުމުގައި ދެކަމެއް ފުރިހަމަވާން ޖެހޭނެ ކަމަށް ކަނޑައަޅައިފައި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ ކޮންޓްރެކްޓުގެ ބައިވެރިއަކު އަނެއް ބައިވެރިޔާއަށް ފޯރުވި ނުފޫޒުގެ ސަބަބުން ނުވަތަ ކުރި ކަމެއްގެ ސަބަބުން ކޮންޓްރެކްޓުގައި ސޮއި ކުރުން ކަމަށް ގާޒީ ވިދާޅުވިއެވެ. އެ އުސޫލަށް ރިއާޔަތް ކުރުމުގައި ނުރަނގަޅު ނުފޫޒު ފޯރުވުމުގައި އެފަދަ މަގާމެއްގައި ހުރި މީހެއްތޯ ނުވަތަ ނޫންތޯ ބަލަންވާނެ ކަމަށެވެ.

"މިހާރު ސިވިލް ކޯޓުގައި ބަލަމުން މިދާ ދައުވާގައި ބަޔާންކުރާ ކޮންޓްރެކްޓަކީ ހާއްވާ ސަދާއާއި ސުލްތާނާ އަހުމަދުއާ ދެމެދު ވެފައިވާ ކޮންޓްރެކްޓެވެ. މި ކޮންޓްރެކްޓަށް ވަނުމަށް ނުވަތަ ކޮންޓްރެކެޓް ވުމަށް ސުލްތާނާ އަހުމަދުއަށް އިބްރާހީމް ހުނެއިން އަހުމަދު ނުރަނގަޅު ނުފޫޒެއް ފޯރުވި ކަމަށް ސުލްތާނާ އަހުމަދު ބުނާތީ، އެކަން ސާބިތު ކުރުމުގެ ޒިންމާ އޮތީ ސުލްތާނާ އަހުމަދު އަށެވެ" ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ގޭގެ ވެރިފަރާތް ކަމަށްވާ ސުލްތާނާ ކޮންޓްރެކްޓުގައި ސޮއިކުރީ ހުނައިން ބުނި ބަހަކަށް، އޭނާއަށް އިތުބާރު ކޮށްގެން ކަމުގައި ބަލާ ހާލަތުގައި، އެ އިތުބާރާއި ޔަގީންކަން ދެމި އޮންނާނީ ސުލްތާނާ އާއި ހުނައިންއާ ދެމެދުގައި ކަމަށެވެ. އަދި އެ އިތުބާރާއި ޔަގީންކަން ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ހުށަހެޅުނު ކަމަށްވިޔަސް އެކަމުގައި ހައްވާއަށް އެނގުމެއް ނުވަތަ ބަލަންޖެހޭ ބެލުމެއް އޮތްކަމަށް ބުރަނުވެވޭނެ ކަމަށެވެ. ހައްވާ ސަދާ އާއި ސުލްތާނާ އަހުމަދުއާއި ދެމެދު ނުރަނގަޅު ނުފޫޒެއް ފޯރުވޭނެ އެއްވެސް ގުޅުމެއް ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ތިންވަނަ ފަރާތެއްގެ ގޮތުގައި ހުނައިންގެ ފަރާތުން ސުލްތާނާއަށް ނުފޫޒު ފޯރުވައިގެން ހައްވާއާ ދެމެދު ކޮންޓްރެކްޓެއްގައި ސުލްތާނާ ބައިވެރި ކޮށްފައިވޭތޯ ބަލާއިރު، އެފަދައިން އެކަންވެސް ސާބިތުނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ކޮންޓްރެކްޓުގައި އެޑްވާންސްގެ ފައިސާގެ ގޮތުގައި ބަޔާންކުރާ 400،000 ރުފިޔާ ދައްކަންޖެހޭ ކަމާމެދު ޚިލާފެއް ނެތް ކަމަށާއި އެ ފައިސާ ނުލިބޭ ކަމަށް ދައުވާލިބޭ ފަރާތުން ބުނާތީ އެ ފައިސާ ދެއްކިކަން ސާބިތު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ދައުވާކުރާ ފަރާތުން ކަމަށެވެ. ދައުވާކުރާ ފަރާތުގެ ހެކި ލިސްޓާއެކު ހުނައިންއަށް ފައިސާ ޖަމާކުރި ކަމުގެ ބޭންކު ސްލިޕް ކޮޅުތައް ހުށަހެޅިއެވެ. އަދި ވަނީ 25،000 ރުފިޔާ ހުނައިން ދެއްކި ކަމަށް ބުނާ ލިޔުމެއް ހުށަހަޅައިފައެވެ.

ހުނައިން އެކި ދުވަސް ތަކުގެ މަތިން އެ ފައިސާ ޓްރާންސްފާރ ކޮށްފައިވާނެ ކަމަށް ހައްވަގެ ފަރާތުން ހުށަހެޅި ހެކިވެރިއަކު ބުނެފައިވާއިރު ހައްވަގެ ފިރިމީހާ ހެކިބަސް ދެމުން ބުނެފައިވާއިރު 400،000 ރުފިޔާގެ ތެރެއިން ބައެއް ފައިސާ ދައްކާފައި ވަނީ ކޭޝްކޮށް ކަމަށެވެ.  ފައިސާ ހުނައިން ހަވާލު ކުރަން ޖެހެނީ ކީއްވެގެންތޯ ހައްވަގެ ފިރިމީހާ ސުވާލު ކުރުމުން " އެ ގޭގެ ހުރިހާ ކަމެއް ބަލަހައްޓަކީ އޭނާ ކަމަށް" ހުނައިން، ބުނެފައިވާ ކަމަށެވެ.

"ކުލީގެ ކޮންޓްރެކްޓުގެ ބައިވެރިންނަކީ ސުލްތާނާ އަހުމަދުއާއި ހައްވާ ސަދާއެވެ. އެހެންކަމުން ކުލީގެ ފައިސާ ލިބެން ޖެހޭނީ ސުލްތާނާ އަހުމަދުއެވެ. ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށެވެ. އިބްރާހިމް ހުނައިން އަހުމަދުއަށް އެޑްވާންސް ފައިސާ ނުވަތަ ކުލި ދައްކާފައި ވަނީ ސުލްތާނާ އަހުމަދު ބުނެގެންކަން މައްސަލައިގައި ސާބިތު ނުކުރެވެއެވެ" ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ރައުޔުގައި ވިދާޅުވީ އެޑްވާންސް ފައިސާ ސުލްތާނާއަށް ލިބިފައިނުވާތީ އޭނާ އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.  މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ ހުނައިން ދައްކާފައިވާކަން ބަޔާންކުރާ ފައިސާއަކީ ސުލްތާނާއަށް ލިބިފައިވާ ފައިސާއެއް ކަމުގައި ނުވާތީ، އެ ފައިސާ އަނބުރާ ދައްކަން ސުލްތާނާއަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އަދި ދައުވާގައި ހިމެނޭ ކޮންޓްރެކްޓުގެ ދަށުގެ ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައި ވާކަން އެނގެން ނެތުމުން، އެ އެއްބަސްވުމުގެ ދަށުން ހަވާލު ކުރަންޖެހޭ މ. ފާގަތިގެއެވެ ކިޔާ ގޯތީގައި ހަދާފައިވާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓް ހަވާލު ކުރުމަށް ސުލްތާނާއަށް އަންގާނެ ސަބަބެއް ނެތް ކަމަށް ހުކުމުގައި ގާޒީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *