ދިވެހި ބަސް ކަރުތާފެނަށް އެރެނީ ހެއްޔެވެ؟

ދިވެހި ބަސް ކަރުތާފެނަށް އެރެނީ ހެއްޔެވެ؟

ދިވެހި ބަހުން ދިވެހީން ވާހަކަ ނުދައްކާ ދުވަހެއް އަތުވެދާނެހެއްޔެވެ؟ ކޮންމެވެސް ލިޔުންތެރިޔަކު ލިޔެފައިވާ، ލިޔުމެއްގައި ދިވެހި ބަސް މަރުވަމުން ދާކަމަށް ބަޔާންކޮށްފައި އޮއްވާ ދުށީމެވެ. ބަސް މަރުވަމުން ދިޔުމުގެ ސަބަބެއް ކަމަށް ލިޔުމުގައި ބަޔާން ކޮށްފައި ވަނީ، އުފެއްދުންތެރި ގޮތެއްގައި ދިވެހި ބަސް ބޭނުން ކުރިޔަ ސަރުކާރުން ނުދިނުމެވެ! ލިޔުނު ލިޔުންތެރިޔާ ނޭނގޭ ފަދައިން އެ ލިޔުމުގައި އެގޮތައް ލިޔެފައި އެވަނީ ކިހާ ޔަޤީންކަމެއް ލިބިގެން ކަމެއްވެސް އެގޭކަށް ނެތެވެ!

އެއްވެސް ދިރާސާއަކަށް ހަވާލާދީފައިވެސް ނުމެވޭމެއެވެ. ހަގީގަތުގައިވެސް ދިވެހި ބަސް ދަނީ މަރުވަމުންހެއްޔެވެ؟ ދިވެހިބަސް ދުޅަހެޔޮކޮށް ދިރިދެމި އޮތުމަށް ގޮންޖެހުން ތަކެއް ކުރިމަތިވެފައިވޭ ހެއްޔެވެ؟ ކަލާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟

އެއްބަހެވެ. ސަރުކާރެއްގެ ބަހުގެ ސިޔާސަތަކީ ބަސް ކުރިއަރައި ދިޔުމަށް ނުވަތަ ނެތިދިޔުމަށް މަގުފަހި ކުރުވާނެ އެއްޗެކެވެ. ނަމަވެސް އެއީ ހަމަ އެކަނި ސަބަބު ކަމަކަށް ގިނަ ފަހަރަކު ނުވެއެވެ. ބަހެއް މަރުވުމަށް ތަފާތު ސަބަބުތައް މެދުވެރި ވެދާނެއެވެ.

މިގޮތުން ބަހެއް މަރުވުމަށް ދިމާވެދާނެ އެއް ސަބަބަކީ އެބަހަކުން ވާހަކަ ދައްކާ އެންމެން ފަނާވެ ދިޔުމެވެ. މިގޮތަށް މަރުވެދިޔަ ބަހެއްގެ އެއްމިސާލަކީ އޮސްޓްރޭލިޔާގެ ރަށެއް ކަމަށްވާ ޓެސްމޭނިޔާގެ މުސްކުޅި ރަށްވެހީންގެ ބަހެވެ. ފަސް ހާސް މީހުންގެ އާބާދީއެއް އޮތް އެ ބަސް ނެތިދިޔުމަށް ހޭދަވީ އެންމެ ހަތްދިހަ ފަސް އަހަރެވެ. ނަމަވެސް މިސަބަބަކީ ދިވެހި ބަހަށް އަދި ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަކަށް ނުބެލެވެއެވެ.

ބަސް ބޭނުންކުރާ މީހުންގެ އަދަދު މަދު ނަމަ، އެބަހެއް އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. މިގޮތުން ބަލާއިރު، ދިވެހި ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދަކީ ގާތްގަޑަކަށް ތިން ލައްކައެވެ. އެއީ ރާއްޖޭގެ އުތުރުން އޮތް އިންޑިޔާގެ ރަށެއް ކަމަށްވާ މަލިކުގައި "މަހަލް ބަހުރުވަ" އިން ވާހަކަ ދައްކާ އާބާދީ ނުލައެވެ. މިއީ ގިނަ ޢަދަދެއް ނޫން، އެހެން ނޫންހެއްޔެވެ؟

ބަހަށް މުޖުތަމަޢުގައި ދެވިފައި އޮންނަ މަޤާމަކީވެސް ބަސް ދެމިއޮތުމަށް ވަރަށް މުހިންމު އެއްޗެކެވެ. ދިވެހި ބަހަށް ބަލާއިރު، ޤާނޫނުގައި ދިވެހި ބަހަކީ ދައުލަތުގެ ރަސްމީބަހެވެ. ނަމަވެސް އިނގިރޭސި ބަހަކީ ވިޔަފާރީގައި ބޭނުންކުރާ ފުރަތަމަ ބަސް ކަމުގައި ބުނަންޖެހެއެވެ. ޚާއްސަކޮށް އަމިއްލަ ބޮޑެތި ވިޔަފާރިތަކާއި ސިނާޢަތް ތަކުގައެވެ. ދިވެހި ކުންފުނި ތަކުގެ މެދުގައި ވަރަށް ގިނަފަހަރަށް މުއާމަލާތް ކުރުމުގައި، ޚާއްސަކޮށް ލިޔުމުން ކުރެވޭ މުއާމަލާތް ތަކުގައި ބޭނުން ކުރެވެނީ އިގނިރޭސި ބަހެވެ. ކޮންމެއަކަސް އިނގިރޭސި ބަހަކީ، މިހާރު ބިދޭސީ ބަހަކަށްވުރެ، ދިވެހީން ދެވަނަ ބަހަކަށް ބޭނުންކުރާ ބަހެއްކަމަށް ބުނުމަކުން މާ ބޮޑު ގޯހެއް އޮތްކަމަކަށް ނުދެކެމެވެ. އެ ބަސް ދަނީ ޢާންމުވެ، ދޭސީ ވަމުންނެވެ.

ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ސަބަބުތަކެއް ދިވެހީންނަށް މަޖްބޫރު ކުރުވާފައި ވަނީ އިނގިރޭސި ބަސް ބޭނުން ކުރާށެވެ. އެބަހުގެ ދައުރު މުޖުތަމަޢުގައި ފުޅާވަމުން މިދަނީ، ދެބަހުން ވާހަކަ ދައްކާ މުޖްތަމަޢެއްގެ އުފެދުމާ ދިމާލަށް ހެންވެސް އެބަ ހީވެއެވެ. މި ހީ އަކީ ރަނގަޅު ހީ އަކަށް ވެއްޖެނަމަ، ދިވެހި ބަސް މިދަނީ ނުރައްކަލަކާ ދިމާލަށް  ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެހެނީ، ވަރަށް ގިނަފަހަރަށް މިގޮތަށް އުފެދޭ ދެބަހުން ވާހަކަ ދައްކާ މުޖްތަމައު ތަކުގައި، ފަހުން ތަޢާރަފުވި ބަސް، މާދަރީ ބަހުގެ މައްޗަށް ގަދަކޮށްލައެވެ.

ދިވެހި ބަހުން ވާހަކަ ދައްކާ އުޅޭ ބަހުރުވަ ތަކުން (ޑައިލެކްޓްސް) ދައްކުވައި ދެނީ ބަހުގެ މުއްސަނދިކަން ކަމަށް ބުނެއުޅެއެވެ. ނަމަވެސް އެ މުއްސަނދިކަން ވަނީ ރައްކާތެރި ކުރެވިފައިހެއްޔެވެ؟ ދިވެހި މުޖުތަމަޢުއަށް އައި ހަލުވި ބަދަލު ތަކެއްގެ ނަތީޖާއެއްގެ ގޮތުން "މާލޭ ބަހުރުވަ" އިގެ (ސްޓެންޑަރޑް ޑައިލެކްޓް) ނުފޫޒު، ބަހުރުވަ ތަކަށް ކުރިއަށްވުރެބޮޑަށް ކޮށް، ބަހުރުވަތައް ބަދަލުވަމުން ދާ ދުވެލި ހަލުވިވެފައިވުން ހަމަ ވަރަށް އެކަށީގެންވެއެވެ. މިގޮތަށް ބަދަލުވަމުން ގޮސް "މާލޭ ބަހުރުވަ"އިގެ ތެރެއަށް، އެހެނިހެން ބަހުރުވަތައް "ގިރިގެން" ހިނގައިދާނެއެވެ. ދިވެހިބަސް މަރުވުމުގެ ކުރީން ފަހަރެއްގައި ބަހުރުވަތައް މަރުވުމަކީ ވެދާނެ ކަމެއްކަމަށް ނިންމިދާނެއެވެ.

ބަހުގައިވާ ބަހުރުވަ ތަކަކީ ބަހަށް ލިބިފައިވާ މުއްސަނދި ކަމެއްކަމަށް ބުނުމަކުން ނުފުދެއެވެ. އެއީ ޖަމާޢަތެއްގެ ސަޤާފަތުގެ އެއްބައެވެ. ފަޚުރުވެރިވާން އޮތް އަމިއްލަވަންތަކަން ވެސް މެއެވެ. ދިވެހި ރާއްޖޭގެ ބަހުގެ ސިޔާސަތަށް ބަލާއިރު، ރާއްޖޭގައި ވާހަކަދައްކާ އުޅޭ ބަހުރުވަ ތަކަށް އެއްވެސް ސަމާލުކަމެއް ދީފައެއްނުވެއެވެ. ބަހުރުވަތައް ބޭނުން ކުރެވެނީ ހަމައެކަނި އެބަހުރުވައެއް ނިސްބަތްވާ ސަރަހައްދެއްގެ އަހުލުވެރިން އެކަކު އަނެކަކާ މުއާސަލާތު ކުރުމަށެވެ. އަނގަ ބަހުން މުއާސަލާތު ކުރުމަށެވެ. ކުރީން ވެސް ބަޔާންކުރި ފަދައިން ބަހުގެ ސިޔާސަތަކީ ބަސް މަރުވުމާ ދިރިއޮތުމަށް އަސަރުކުރުވާ އެއްޗެކެވެ.

ރާއްޖޭގައި ތަޢުލީމު ދިނުން ބިނާވެފައި ވަނީ ދިވެހި ބަހަށްވުރެ އިގިރޭސި ބަހަށް އަހައްމިއްޔަތުކަން ދެވޭ ގޮތަށެވެ. މިސަބަބަށްޓަކައި ބުނަންޖެހެނީ ދިވެހި ރާއްޖޭގައި ބަސް ކިޔަވައި ދެވެނީ މާދަރީ ބަސް ދެމެހެއްޓުމަށް ބާރުލިބޭ ގޮތަށްވުރެ ބޮޑަށް އެހެން ބަހަކަށް ބަދަލުވުމަށް ބާރުލިބޭ ގޮތައް ކަމުގައެވެ. އެހެން ބަހަކަށް ބަދަލު ވަމުންދާނަމަ މާދަރީ ބަސް ގެއްލުމުގެ ފުރުސަތު އެއޮތީ ހުޅުވިފައެވެ.

ރާއްޖޭގެ މަދަރުސާތަކުގެ ދިހަވަނަ ކިލާހުގެ ކިޔެވުމަށް ފަހު ދެވޭ ސާނަވީ އިމްތިޙާނުން ދިވެހި ބަހުން ފާސްވުން އެއީ ބައެއް ޙާލަތްތަކުގައި މަޖްބޫރު ކަމެއްކަމަށް ވީނަމަވެސް، އަދިވެސް ދިވެހި ބަސް ކިޔަވައިދިނުން އޮތީ ދިހަވަނަ ކިލާސް ނިންމުމަށް ފަހު، އެ ބަސް ކިޔެވުމުގެ މާބޮޑު ބޭނުމެއް ނެތް ގޮތެއްގައެވެ. ބަސް ދަމަހައްޓަން ބޭނުންނަމަ ތައުލީމީ ނިޒާމުގައި މިހާރަށްވުރެ ބޮޑަށް ބަހަށް ސަމާލުކަންދޭން ޖެހޭނެއެވެ. މާދަރީ ބަހުން މުއާޞަލާތު ކުރުމުގެ ޤާބިލްކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވަން ޖެހޭނެއެވެ.\

ކުޑަކުދީންނަށް މާދަރީ ބަސް ދަސްކޮށް ނުދޭނަމަ، ދާދި އަވަހަށް ބަސް ފަނާވެގެން ހިނގައިދާނެއެވެ. އެކުދީންނަކީ އަމިއްލަ ވަޒަނުގައި ބީރައްޓެހިންނަށް ވެދާނެއެވެ. ތައުލީމީ ގޮތުން ދަރިފުޅުގެ ޤާބިލުކަން އިތުރު ކުރުމަށް ބޭނުން ވާތީ، ދިވެހި ބަހަށްވުރެ އިނގިރޭސި ބަހަށް ސަމާލުކަން ދޭން އޮންނަނީ މަޖުބޫރުވެފައެވެ. ބަސް ދަމަހައްޓަންކުރާ މަސައްކަތް ގޭތެރެއިން ފަށަން ޖެހެއެވެ. ދިވެހި ބަސް އުނގަންނައިދިނުން އެއީ މުހިންމު ކަމެއްކަމަށް މައިން ބަފައިން ގަބޫލު ކުރަންޖެހެވެ. ދުޅަހެޔޮކޮށް މާދަރީ ބަސް ބާއްވަން ބޭނުން ނަމައެވެ.

އަދަބިއްޔާތާއިބެހޭ ވަޒީރު އާދަމް ނަސީރު

ބަސް މަރުވުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި ކޮންމެވެސް ސަބަބު ތަކަކާހުރެ، އަމިއްލަ ބަސް ބޭނުން ކުރުން ހުއްޓާލައި، އެހެން ބައެއްގެ ބަސް ޚިޔާރު ކުރުންވެސް ހިމެނެއެވެ. އެހެން ބަހެއް ޚިޔާރު ކުރުމަށް ބައެއް ފަހަރު ބޭރުގެ ބާރެއް މަޖުބޫރުވެސް ކޮށްފާނެއެވެ. ނުވަތަ އަމިއްލަ އިޚްތިޔާރުގައި ތަފާތު ސަބަބުތަކާ ހެދި އެހެންބަހެއް ޚިޔާރުވެސް ކޮށްފާނެއެވެ. މިސާލަކަށް އެބައެއްގެ ބަހަކީ ކުރިއަރައި ތަހުޒީބު ވުމަށް އޮތް ހުރަހެއް ކަމަށް ޤަބޫލު ކުރެވި އެހެން ބަހަކަށް ބަދަލުވެ ގަތުމަށް ބަހުގެ އަހުލުވެރިން ނިންމަފާނެއެވެ. މި ޚިޔާލަކީވެސް ބައެއް ދިވެހީންނަށް މިހާރު ބީރައްޓެހި ޚިޔާލަކަށް ނުވެއެވެ.

ބަހުގެ ޢިލްމުވެރިއެއް ކަމަށްވާ ޑޭވިޑް ކްރިސްޓަލް ބަޔާން ކުރައްވާ ގޮތުގައި ބަހެއް ނެތެމުން ދާއިރު ވަރަށް އާދައިގެ ލަފުޒުތައްވެސް އެހެން ބަހަކުން ހޯދާނެއެވެ. ދިވެހި ލަފުޒުތައް ބޭނުން ކުރެވެން އޮއްވާ އެހެން ބަހެއްގެ ލަފުޒު ޢާއްމުކޮށް ބޭނުން ކުރުމަކީ ދިވެހީންގެ ތެރޭގައި މިހާރު ވަރަށް ޢާއްމު ވަމުން އަންނަ ކަމެކެވެ. މިގޮތުން ހަފުތާގެ ދުވަސްތައް ބުނުމާއި ވަގުތު ބުނުން ފަދަ ކަންކަމަށް އިނގިރޭސި ބަސް ވަރަށް ގިނައިން ބޭނުން ކުރެވެއެވެ. އާދެ، އާދީއްތަ ދުވަހުގެ ބަދަލުގައި ސަންޑޭއެވެ. އަށް ގަޑި ބައެއް ނުވާނެއެވެ. ވާނީ އެއިޓް ތާރޓީއެވެ. ސަތޭކައިގެ ބަދަލުގައި ހަންޑްރެޑެވެ. ކުރިސްޓަލް ގެ ބަހުން ނަމަ، މިހާ އާދައިގެ ބަސްތައް ބަދަލު ކުރާނަމަ އެއީ ބަސް ނިކަމެތި ވަމުންދާ ކަމުގެ ހެއްކެކެވެ. މަރަށް ހުށަހެޅެމުންދާ ކަމުގެ އަލާމާތެކެވެ. ޒުވާނުން މާދަރީ ބަހަށް ބީރައްޓެހިވެ، އެބަހުން ވާހަކަ ދައްކާ ލިޔެކިޔާ ނޫޅޭ ނަމަ، ބަސް އޮންނާނީ މަރުގެ ތުންފަތްމަތީގައެވެ. މިގޮތުން ދިވެހި ޒުވާނުންނާ ދިވެހިބަހާ ދޭތެރޭ ކަލާގެ ހުށަހެޅުމަކީ ކޮބައިހެއްޔެވެ؟

ބަސް މަރުވާފަދައިން އާ ބަސް އުފެދޭމެއެވެ. ބަހަކީ ބަދަލުވާ އެއްޗެއްވެސްމެއެވެ. ދިވެހި ބަހަށްވެސް ބަދަލު އަންނާނެއެވެ. ދުނިޔެެއަށްވެސް މުޅިން އާ ބަސްތައް ނޭވަލަމުން ގެންދޭ ނޫންތޯއެވެ. އެހެން ކަމުން އެއްކަމެއް ފާހަގަ ކޮށްލާހިތްވެއެވެ. ދިވެހި ބަހަށް އިސްކަންދޭން ޖެހެއެވެ. ދިވެހިންގެ އެންމެ އިސްބަހަކީ އަދި ރަސްމީ ބަހަކީ ފަރަންޖީ ބަހެއް ކަމަށް ހެދުމުގެ ބަދަލުގައި ދިވެހިބަހަށް، އަހަރެމެންގެ މާދަރީ ބަހަށް ދޭންޖެހޭ އަޅާލުމާއި ލޯތްބާއި ޤަދަރާއި އިހްތިރާމް ފުރިހަމަ ގޮތުގައިދީ އެބަސް ދިރުވާށެވެ. ކަރުތާފެނަށް އެޅިފައިވާ މިބަސް ކަރުތާ ފެނުން ނަގައިދީ ޣަރަޤު ވުމުން ސަލާމަތް ކޮށްދޭށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *