ނިއުޕޯޓް މައްސަލަ: މިލިއަނަކަށް ވުރެގިނަ ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބަދަލެއް ނުކުރި

ނިއުޕޯޓް މައްސަލަ: މިލިއަނަކަށް ވުރެގިނަ ރުފިޔާ ދައްކަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބަދަލެއް ނުކުރި

ސްޓާރާޑާ ކުންފުނިން ބުރިޖު ވިއު ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ނިއުޕޯޓް ވިއު ރެސްޓޯރެންޓް މައްސަލައިގައި 1.1 މިލިޔަން ރުފިޔާ ދައުލަތަށް ދައްކަން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ސްޓްރާޑާއާ ދެމެދު ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް ހަވާލުކުރުމަށްޓަކައި 22 ސެޕްޓެންބަރު 2016 ގައި ވެފައިވާ "ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްގީކުރުމާ ބެހޭ އެއްބަސްވުން" އާ އެއްގޮތަށް ސްޓްރާޑާއިން ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާތީ، އެއްބަސްވުން ބާތިލުކޮށް، އެ އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ބިން ހުސްކޮށް އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތާ ހަވާލުކުރުމަށް ހަތެއް މާޗް 2019 ގައި ސްޓްރާޑާއަށް އަންގާފައިވާ އެންގުން ހަމަވެފައިވާތީ، އެ ތާރީހުން ފެށިގެން އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ބިން ވަގުތުން ދައުލަތާ ހަވާލުކުރުމަށް ސްޓްރާޑާގެ މައްޗަށް އަންގައި، އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާ އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް ސްޓްރާޑާގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، 27 ފެބްރުއަރީ 2019 ގެ ނިޔަލަށް އެއްބަސްވުމުގެ ދަށުން ދައްކަންޖެހި، ނުދައްކައިވާ ފައިސާ އާއި ބަދަލާއެކު ޖުމްލަ 1.1 މިލިއަން ރުފިޔާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ކަމަށެވެ.

އެހެން ކަމުން ސިވިލްކޯޓުން އެ ހުކުމް އިއްވި ދުވަސް ކަމަށްވާ 26 ސެޕްޓެމްބަރު 2019 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ބިން ދައުލަތަށް ހަވާލުކުރުމަށާއ،ި މި މައްސަލައިގައި ސާބިތުވެފައިވާ 1.1 މިލިޔަން ރުފިޔާ އާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެ އަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުލަތަށް ލިބިދިނުމަށްޓަކައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސް ކުރުމަށް ސްޓްރާޑާގެ މައްޗަށް ސިވިލްކޯޓުން ހުކުމް ކުރިއެވެ.

ސިވިލްކޯޓުގެ ހުކުމާ މެދު ހިންހަމަ ނުޖެހިގެން ސްޓްރާޑާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާ ތަކުގެ އަލީގައި ސްޓްރާޑާއިން ހައިކޯޓުގައި އެދިފައި ވަނީ ސްޓްރާޑާއަށް އަދުލުވެރި ބަދަލު ލިބުމަކީ ޤާނޫނު އަސާސީ އިން ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށްވާތީ، ދައުލަތުން އެ ހައްގު ލިބި ނުދީ ޤާނޫނު އަސާސީއާއި ހިލާފުވެ، އެ ޚިލާފުވުން މަތީ ދެމިތިބެ، ސްޓްރާޑާއިން ކުލި ނުދައްކާ ކަމަށް ބުނެ ދެ ފަރާތުން ސޮއިކުރި އެއްބަސްވުން ބާތިލު ކުރުމުގެ ހައްގު ދައުލަތަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށްދިނުމަށެވެ.

ނަމަވެސް އެ މައްސަލަ ބެލުމަށް ފަހު 11 އޮކްޓޫބަރު 2021 ގައި ހައިކޯޓުން ހުކުމް ކުރީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކުރާ ކަމަށެވެ. ސްޓްރާޑާގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދު ކުރާ ކަމަށެވެ. އަދި ހައިކޯޓުގެ އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *