މަހްލޫފުގެ ބޮޑު ތުުހުމަތެއް ފައިސަލްއަށް: ނަޒޫ ހޮވުނަ ނުދޭން ފައިސަލް އެންޓި ކެމްޕޭނު ކުރި!

މަހްލޫފުގެ ބޮޑު ތުުހުމަތެއް ފައިސަލްއަށް: ނަޒޫ ހޮވުނަ ނުދޭން ފައިސަލް އެންޓި ކެމްޕޭނު ކުރި!

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ފުވައްމުލަކު ސިޓީގެ ދެކުނު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމް (ނަޒޫ) އިންތިހާބުން ނާކާމިޔާބުވެވަޑައިގަތީ، ނަޒްރާގެ ބޭބޭފުޅު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު، އެންޓި ކެމްޕޭން ކުރުމުގެ ސަބަބުން ކަމަށް ނަޒޫގެ ފިރިކަލުން، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާއަށް މަޖިލިސް އިންތިހާބުގައި ތިން ކެންޑިޑޭޓެއް ވާދަކުރެއްވިއެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ހުސެއިންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު އަބްދުﷲ އަދި ނަޒޫއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ހާމަކޮށްފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން އިބްރާހީމް ހުސެއިނަށް 1،142 ލިބިވަޑައިގެންނެވިއިރު ނަޒޫއަށް 1،094 ވޯޓު ލިބިވަޑައިގެންނެވިއެވެ އުމަރުއަށް ލިބިވަޑައިގެންނެވީ 34 ވޯޓެވެ. އެހެންކަމުން އިބްރާހީމް ހުސެއިން، ނަޒޫގެ މައްޗަށް ކުރި ހޯއްދެވީ 48 ވޯޓުގެ ތަފާތަކުންނެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބަށް ހަދާއިފައިވާ ވަޓްސްއެފް ގްރޫޕެއް ކަމަށްވާ "އެމްޑީޕީ2024″ އަށް މަހުލޫފު މިއަދުކުރި މެސެޖެއްގައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާއަށް ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ކަމަށް ވިދާޅުވެފައެވެ.

"އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒޫއާއި ދެކޮޅަށް މަސައްކަތް ކުރަމުން. މިކަން ޕާޓީގެ ލީޑާރޝިޕްގެ ބޭފުޅުންނަށް އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށްވެސް އިނގޭ" މަހުލޫފު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހަމަޖެއްސެވުމާއެކު ވަނީ މައްސަލަ ޖެހެން ފަށާފައި ކަމަށްވެސް ކަމަށް މަހުލޫފު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން މަހުލޫފު ވިދާޅެއްނުވެއެވެ.

"އަދިވެސް އިތުރު ސަބަބެއް ހިމެނޭ. އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސްއަށް ހުށަހަޅާފައި" މަހުލޫފު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިންމުމަށް މަސައްކަތް ކުރެއްވި ގޮތަށް ފައިސަލް މިފަހަރު ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިވެސް ގެއްލުވާލާފައި ކަމަށް މަހުލޫފު ވިދާޅުވިއެވެ. ނަޒޫއާ ދެކޮޅަށް ފައިސަލް މަސައްކަތް ކުރެއްވި މައްސަލަ ފުވައްމުލަކު ދެކުނު ދާއިރާގެ ފަރާތުން ޕާޓީއަށް ހުށަހަޅާނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *