މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިފައި ކަމަށާއި، ސިޔާސީ ޚިޔާލު ތަފާތުވުންތައް ދޫކޮށްލައި އެކުގައި ކުރިއަށް ދިޔުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލްތިމާސް ކުރައްވައިފިއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގައި ޕީއެންސީ އިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބެއެވެ.
އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށް ޕީއެންސީ އިން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި "ދިވެހީންގެ ރާއްޖެ މަޖިލީހަށް – މަރުހަބާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ ރާއްޖޭގެ ކަންކަން އަމިއްލައަށް ނިންމުމަކަށް ކަމަށް ބޭރު ދުނިޔެއަށާއި ގައުމުގެ އެތެރޭގައި ތިބެގެން އެހެން އެޖެންޑާއެއް ގެންގުޅޭ މީހުންނަށްވެސް މިހާރު ސާފުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު އެދެނީ މިހާރު ދެން ޚިޔާލު ތަފާތުވުން ދޫކޮށްލައްވާ، އިންތިޚާބު މި ނިމުނީ. އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީ އުފަލާއެކީގަ ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށްވެސް އަދި ހުރިހާ ސިޔާސީ ޕާޓީ ތަކަށްވެސް ހިންގަވާށޭ ކުރިއަށްދާން، މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު، މި ގައުމަކީ ދިވެހި ކޮންމެ ލޮބުވެތި ރައްޔިތެއްގެވެސް ގައުމު. އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާ އެކީގަ އަތުކުރި އޮޅާލައިގެން އެންމެން އެކީގަ ހިންގާށޭ ކުރިއަށް ދާން" ރައީސް ވިދާޅުވިއެވެ.
ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުމުން އެކަމުގެ އުފާވެރިކަން އެންމެންނަށް ލިބިގެންދާނެ ކަމަށާއި އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ ކަމަށާއި އެއީ ކޮންމެ ޕާޓީއަކަށް ވިޔަސް އެކަން އޮންނާނެ ގޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއްވެސް ރައްޔިތަކާމެދު ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވިޔަސް ރައްޔިތަކާމެދު ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ސިޔާސީ ޕާޓީ ތަކަށާއި ސިޔާސީ ލީޑަރުން އަދި ސިޔާސީ ޕާޓީ ތަކުގެ މެންމަބަރުންގެ ކިބައިން އެދިވަޑައިގަންނަވަނީ އެކުގައި ކުރިއަށް ދިޔުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިޔުމަކީ ހުރިހާ އެންމެންގެ ފަހުރަކަށް ހަދަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.