ސްރީލަންކާގެ ސަބަރުގަމުވައިގެ ވެރިރަށް ރަތްނަޕޫރައިގެ އިރު އުތުރުން 18 ކިލޯ މީޓަރު ދުރުގައިވާ "އެޑަމްސް ޕީކް" ފަރުބަދަ

ސްރީލަންކާގެ އެޑަމްސް ޕީކް: ވިލާތަކަށްވުރެ އުހުގައި!

ސްރީލަންކާގެ އެޑަމްސް ޕީކް: ވިލާތަކަށްވުރެ އުހުގައި!

އަވަށްޓެރި ސްރީލަންކާއަކީވެސް ބަލާލަން ރީތި، އެތައް ބައިވަރު ގުދުރަތީ އަޖައިބު މަންޒަރު ތަކުން މުއްސަދިކަން ލިބިފައިވާ ޤައުމެކެވެ. ޖަޒީރާ ގައުމަކަށް ވީކަމުގައި ވީނަމަވެސް، ސްރީލަންކާއަށް ލިބިފައިވާ ޑައިނަމިކް ނުވަތަ ތަފާތު ގިނަ އަޖައިބެއް ފަދަ ޤުދުރަތީ ރީތިކަމަކީ އެގައުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަން ބަކެޓް ލިސްޓަށް ލާފައި އޮންނަ ގައުމެކެވެ.

ސިޓީ ލައިފުން ފެށިގެންގޮސް ބީޗާއި މޫދު، ފަރުބަދައާއި ކޯރުތަކާއި ޓްރޮޕިކަލް ޖަންގަލިތަކާއި މާ ބަގީޗާ ތަކުގެ އިތުރުން ތާރީޚީ އަދި ޘަގާފީ ބިނާ ތަކަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ސްރީލަންކާ މާކެޓްކޮށް، ގިނަ އަދަދެއްގެ މީހުން އެ ގައުމަށް ޒިޔާރަތްކުރާ އެއް ސަބަބެވެ. މި ގޮތުން، "އެޑަމްސް ޕީކް" އަކީ ދިވެހީންވެސް ހިމެނޭގޮތައް، ހަފްތާއަކު އެތައް ހާސް ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ.

ސްރީލަންކާގެ "އެޑަމްސް ޕީކް" ފަރުބަދަ

ތާރީޚީ، ޘަގާފީ އަދި އެކި ދީން ތަކަށް މުހިންމު ނިޝާނެއް

ސްރީލަންކާގެ މެދު ޕްރޮވިންސް ކަމުގައިވާ ސަބަރުގަމުވައިގެ ވެރިރަށް ރަތްނަޕޫރައިގެ އިރު އުތުރުން 18 ކިލޯ މީޓަރު ދުރުގައި ހުންނަ ފަރުބަދައެއް ކަމުގައިވާ "އެޑަމްސް ޕީކް" ނުވަތަ ސިންގަޅަ ނަމުންނަމަ "ސްރީ ޕަޑާ" ސްރީލަންކާގައި ހުންނަ ތިންވަނަ އަށް އެންމެ އުސް ފަރުބަދައެވެ. 2304 މީޓަރު އުހުގައި އިންސާނެއްގެ ފައިތިލައެއްގެ ސިފައިގައި 67 އިންޗި ދިގު 18 އިންޗި ފުޅާ އެޑަމްސް ޕީކްއަކީ ތާރީޚީ، ޘަގާފީ އަދި އެކި ދީންތަކަށް މުހިންމު ނިޝާނެއްވެސް މެއެވެ. މި ނިޝަނަށް "ސެކްރެޑް ފުޓްޕްރިންޓް" އޭވެސް ކިޔައެވެ.

ސްރީލަންކާއަކީ ބުޑިސްޓް ގައުމެކެވެ. ބުޑިސްޓް އާބާދި %70 އަށްވުރެ ބޮޑެވެ. ހިސްޓޯރިކަލް ކްރޯނިކަލް އޮފް ސްރީލަންކާގައި ލިޔެފައިވާ ގޮތުގައި، ސްރީލަންކާއަށް ބުއްދާ ތިންފަހަރަށް ޒިޔާރަތްކުރިއެވެ. އަދި، އެންމެ ފަހު ޒިޔާރަތުގައި މި ފަރުބަދައަށް އެރިއެވެ. ބުޑިސްޓުން ދެކޭގަތުގައި، އެޑަމްސް ޕީކްއަކީ ބުއްދާގެ ފައިތިލައިގެ ޕްރިންޓެކެވެ. ނުވަތަ ނިޝާނެކެވެ. އެހެން ވުމުން، މި ނިޝާނަކީ ބުޑިސްޓުންނަށް ވަރަށް މާތް ނިޝާނެކެވެ. ސެކްރެޑް ފުޓްޕްރިންޓް ނުވަތަ ސްރީ ޕަޑާއަށް ވަނީ މިހެންވެއެވެ.

މި ނިޝާންވަނީ ވަރަށް ބޮޑަށް ޙިމާޔަތްކޮށް، ވަށައިގެން ބުޑިސްޓް ފައްޅިއެއް ބިނާކޮށް، މީހުންނަށް އަޅުކަން ކުރެވޭގޮތްވެސް ހަދާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، މި ފަރުބަދައަށް އަހަރަކު އެތައް ހާސް ބުޑިސްޓުން  ޙައްޖުވެސް ކުރެއެވެ. ހަމަ މިގޮތަށް، ހިންދޫއިންވެސް އެމީހުންގެ "ލޯޑް ސިވާ" އާ މި ނިޝާނާ ގުޅުންހުރި ކަމަށް ދަޢުވާ ކުރެއެވެ. ބައެއް ލިޔުން ތަކުގައި ނަޞާރާދީނުގެ "ސެއިންޓް ތޯމަސް" އާވެސް ގުޅުވާފައި އެބަހުއްޓެވެ.

ސްރީލަންކާގެ "އެޑަމްސް ޕީކް" ފަރުބަދައަށް އަރަން ހުންނަ ސިޑިތައް

އެޑަމްސް ޕީކް – ފަރުބަދައަށް ދީފައިވާ ނަންތައް

އެޑަމްސް ޕީކްގެ ނަމުން ފަރުބަދައަށް ނަން ދިނުމުގެ ކުރިން، މި ފަރުބަދައަށް ނިސްބަތްކޮށް ތާރީޚީ ގޮތުން އެކިނަންނަން ކިޔާފައިވެއެވެ. މިގޮތުން ލިޔުން ތަކުން ފެންނަން އޮތް އެންމެ ދުވަސްވީ ނަމަކީ، "ސަމަންތަކުޓަ" އެވެ. މި ނަމަކީ ސްރީލަންކާއަށް ބުދޒަމްވެސް އައުމުގެ ކުރިން، އޭރުގެ މީހުން އަޅުކަން ކުރި ފަރާތެއް ކަމުގައިވާ "މަހާ ސުމަން ސަމަން" ނިސްބަތްކޮށް ކިޔާފައިވާ ނަމެކެވެ. ސަމަންތަކުޓަ އަކީ "ޕީކް އޮފް ސަމަންއެވެ".

މިފަރުބަދައަށް "ރަތްނަގިރި" ނަމުންވެސް ނަން ދީފައިވެއެވެ. ރަތްނަގިރިއަކީ ސިންގަޅަ ބަހުން ޖެމް ސްޓޯން ފަދަ މަޢުދަނަށް ކިޔާ ނަމެކެވެ. މިފަރުބަދަ ހުންނަ ރަތްނަޕޫރަ އަށްވެސް ނަން ދީފައިވަނީ މި ފަރުބަދައަށް ނިސްބަތްކޮށެވެ. އަދި މި ފަރުބަދައަކީ ސަފަޔަރ ކަހަލަ އަގުބޮޑު ޖެމް އެކުލެވިގެންވާ ފަރުބަދައެކެވެ. ސްރީލަންކާގެ ރަތްނަޕޫރައަކީ  މިފަދަ ޖެމް ހުންނަ ވަރަށް ގިނަ ފަރުބަދަތައް ހުންނަ ޤުދުރަތީ ވަޞީލަތްތައްގިނަ ސިޓީއެކެވެ. ޖެމްގެ ވިޔަފާރިއަށް މަޝްހޫރު ރަށެކެވެ.

"ސަމާނާލަ ކަންޑަ" އަކީވެސް މި ފަރުބަދައަށް ނިސްބަތްކޮށް ކިޔާ ނަމެކެވެ. ސިންގަޅަ ބަހުން ސަމާނާލަ އަކީ ކޮކާލެވެ. ކްރިމްސަން ރޯސް ނަމަކަށް މި ކޮކާތައް ސްރީލަންކާއަށް ކޮންމެ އަހަރަކުވެސް ހިޖުރަކުރަން ފަށަނީ އޮކްޓޯބަރު މަސް ތެރޭގައި ކަމަށްވެއެވެ. އަދި މާޗް މަސް އަންނަ އަންނައިރު އެތައް ހާސް ކޮކާލެއް މި ފަރުބަދަ އާ ވަށައިގެންވާ ހިސާބުތަކުގައި އުޅޭކަމަށް ވެއެވެ.

މި ފަރުބަދައަކީ އެކި ދީންތަކާ ގުޅިފައި ހުރި ތަނެއްކަމުގައި ވީނަމަވެސް، "އެޑަމްސް ޕީކް"ގެ ނަމުން މި މި ގަދީމީ ފަރުބަދައަށް ނަންދީފައި ވަނީ އާދަމްގެ ފާނާ ނިސްބަތްކޮށް 1815 އިން 1948 އަށް ސްރީލަންކާ އިސްތިއުމާރު ކުރި  އިނގިރޭސީންނެވެ.

 

ފަތުރުވެރިންނަށް މަޤްބޫލު މަންޒިލެއް

އަޅުގަނޑަކީ ސްރީލަންކާގައި ވަރަށް ގިނަ ދުވަހު ދިރިއުޅެފައިވާ މީހެއް ކަމުގައި ވުމުން، ސްރީލަންކާގެ ވަރަށް ގިނަ ތަންތަނަށް ވާނީ ޒިޔާރަތްކޮށްފައެވެ. މިގޮތުން، އެޑަމްސް ޕީކްއަށްވެސް އެރީމެވެ. އަޅުގަނޑުގެ ތަޖުރިބާއިން، އެޑަމްސް ޕީކަށް އެރުމަކީ އެހާ އުނދަގޫ ކަމެއްނޫނެވެ. ނަމަވެސް، ހިތްވަރާއި ބުންވަރު ބޭނުންވާ ކަމެކެވެ. ކަނޑުގެ ލޮނުގަނޑުން ފެށިގެން 7،559 ފޫޓު އުހަށް އަރަން ޖެހުނު ކަމުގައި ވީނަމަވެސް، މިތަނަށް އެރުމަށް ވަނީ ވަރަށް ރަނގަޅަށް ގަލާއި ކޮންކްރީޓްވެސް ބޭނުންކޮށްގެން ވަށައިގެން އެރޭނެހެން ސިޑި ހަދާފައެވެ. އެއީ ގާތްގަޑަކަށް 5،500 ސިޑިއެވެ. އެއީ 7 ކިލޯމީޓަރެވެ. ނުވަތަ 550 ބުރީގެ ޢިމާރާތަކަށް ސިޑިން އެރުން ކަހަލަ ކަމެކެވެ. ވަރުބަލި ފިލުވަމުން އަދި ބައެއް ފަހަރު ފިރުކެމުންވެސް ޕީކާ ހަމައަށް އަރަން ގާތްގަޑަކަށް 3 ނޫނީ 4 ގަޑިއިރު ނަގައެވެ. ސްރީލަންކާ ޓޫރިޒަމްގެ ހިސާބުތައް ބުނާ ގޮތުން، އެޑަމްސް ޕީކް އަކީ ހަފްތާއަކު މަދުވެގެން 20،000 މީހުން ޒިޔާރަތްކުރާ ތަނެކެވެ.

ޢާންމު ގޮތެއްގައި ޕީކަށް އަރާ މީހުން، އެމީހުންގެ މި ދަތުރު ފަށަނީ ދަންވަރު 2 ނުވަތަ 3 ޖަހާލާއިރުއެވެ. ސަބަބަކީ  އެންމެ މައްޗަށް އެރޭ ވަގުތު ދިމާވާނީ އިރުއަރާ ވަގުތާއެވެ. މިވަގުތުގައި ޕީކަށް އަރާއިރު ގާތްގަޑަކަށް ފިނިމިން ހުންނާނީ 11 އާއި 15 ޑިގްރީސް ދެމެދުގައެވެ. ގިނަ ފަތުރުވެރިންގެ ބްލޮގް ތަކުގައި ލިޔެފައިވާ ގޮތުގައި، މިއީ ބުނެދޭންވެސް ނޭގޭހާ ރީތި މަންޒަރެކެވެ. ވަށައިގެންވާ ފަރުބަދަތަކާއި، ފެހިކަންގަދަ ގަސްތަކާއި ޖަންގަލި އަދި ވޯޓާރފޯލްތައް ފެނުމުން ހިތްފުރި، ވަރުބަލިކަންފިލާ ދާނެކަމަށްވެސް މި ބްލޮގްތަކުގައި ލިޔެފައިހުރެއެވެ. ސިޑިން އަރަމުން ދާއިރު، އެކި އެކި ހިސާބުތަކުގައި ފެނާއި ޖޫހާ އެކިކަހަލަ ލުއިބުއިން ތަކުގެ އިތުރުން ބައެއް ލުއިކާނާ ވިއްކުމަށް ކުދި ސްޓޯލް ހަދައިގެން އެހިސާބުގަނޑު މީހުން ތިބެއެވެ.

އެޑަމްސް ޕީކްއަކީ ދުނިޔޭގެ އެކި ހިސާބު ތަކުން ފަތުރުވެރިންނާއި ބުދު ދީނުގެ މީހުން ޒިޔާރަތްކުރާ މަންޒިލެކެވެ. އަދި ގިނަ ބައެއްގެ ބަކެޓް ލިސްޓުގައި ހިމަނާފައިވާ މުހިންމު ތަނެއްވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *