އަޅުގަނޑު މިނިވަންވުމުގެ ކްރެޑިޓް ނަގަން މުއިއްޒު އުޅެގެން ނުވާނެ، ލުޔެއް ދިނީވެސް އެމްޑީޕީ ސަރުކާރުން: ޔާމީން

އަޅުގަނޑު މިނިވަންވުމުގެ ކްރެޑިޓް ނަގަން މުއިއްޒު އުޅެގެން ނުވާނެ، ލުޔެއް ދިނީވެސް އެމްޑީޕީ ސަރުކާރުން: ޔާމީން

އެގާރަ އަހަރުގެ ޖަލު ހުކުމަކުން އެ މަނިކުފާނު މިނިވަންވުމުގެ ކްރެޑިޓް ނަންގަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވައިގެން ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން  މިރޭ ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ހައިކޯޓުން ބާތިލް ކުރުމުން އެ މަނިކުފާނު ވަނީ މިނިވަންވެފައެވެ. މިނިވަންވުމާއެކު އެ މަނިކުފާނު ވަނީ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ މިރޭ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެ މަނިކުފާނު މިނިވަންވީ މުއިއްޒުގެ މަސައްކަތުން ކަމަށާއި އޭގެން ސާބިތުކޮށް ދިނީ އެ މަނިކުފާނު ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާތީ ކަމަށް ބުނެ ދައުލަތުގެ މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުން ޓުވީޓް ކުރަމުންދާ ކަމަށެވެ. ދައުލަތުގެ މިނިސްޓަރުންނާއި ސިޔާސީ ބޭފުޅުންގެ އެ ވާހަކަ ތަކަކީ ބުހުތާނު ދޮގުކަމަށް ޔާމީން ވިދާޅުވިއެވެ،

"އެހާ ވަރުގަދައަށް ވިދާޅުވި ވާހަކައެއްގައި ރައީސް މުއިއްޒު މިކަމަށް އަތް ނުބާނާ ހުންނެވި ކަމަށްވާ ނަމަ, ކީއްވެ މި މައްސަލަ އެހާ ދިގުލައިގެން ދާންވީ؟ ދާންޖެހޭ ސަބަބެއް އެބަ އޮތްތޯ؟ ދެން ރައީސް މުއިއްޒު ކުރިން ވިދާޅުވި ވާހަކައަށް, ތިމަންނަ ހުވާ ކުރަން ދާނީ ރައީސް ޔާމީން ގޮވައިގެންނޭ އަދި ތިމަންނަމެންގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ދޫކޮށްލާނީ ރައީސް ޔާމީންއޭ ވިދާޅުވެފައި އެކަން ކުރައްވަން އަމަލީ ގޮތުން ކުރެއްވި ކަމެއް ނެތެއްނު؟" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ހައިކޯޓުގައި ދިގުލައިގެން ގޮސްފައި އޮތް މައްސަލައެއް އަވަސް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވުމަކީ ޤާނޫނީ ކުށެއް ނޫން ކަމަށާއި އެގޮތަށް އެންގެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހެއްގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

"އެހެންވީމަ އެއްގޮތަކަށް ވެސް މިއަދު މިކަން ހިނގައިގެން، މީގެ ކްރެޑިޓް ނަގަން އުޅުއްވާނެ ކަމެއް ނެތް. އެކަމެއް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ" ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި، ޔާމީން މިނިވަން ނުކުރެއްވުމަށާއި އެކަން ކުރައްވާނީ އެ މަނިކުފާނު ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު، އެ މަނިކުފާނު މިނިވަން ނުކޮށްދެއްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ޖަލު ހުކުމް، ގޭ ބަންދަށް ބަދަލު ކުރުމުގެ ސަބަބުން ލުއި ތަކެއް ލިބުނު ކަމަށާއި އެކަމުގެ ކްރެޑިޓްވެސް މިސަރުކާރަށް ނުލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެއީ އެމްޑީޕީގެ ސަރުކާރުން ދިން ލުއި ތަކެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *