އެ މަނިކުފާނުގެ ދުއާއަކީ މިއަދު ބާއްވާ ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބިވަޑައިގެން މިނިވަންވެވަޑައިގަތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީ ތެރެއިން ހިންގި ރިޝްވަތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލަތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތުގެ ހުކުމް އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.
މިއަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ "އަޅުގަނޑުގެ ދުއާ އަކީ، އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުއާ އަކީ އެމަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަން ވެގެން އައުން" ކަމަށެވެ.
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާއަށް ތާވަލުކުރިއިރު ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހު ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ވެރިކަމަށް ފަސް މަސް ވެގެން ދިޔައިރުވެސް އެކަމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައިއެވެ.
ޔާމީންގެ މައްސަލައިގެ ހުކުމް ކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ އެމައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފައެވެ.
ޔާމީން މައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން ހައިކޯޓުގައި ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.
އެ އަޑު އެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.