އިރުގެ ކޮލަމް: ދިވެހި ބަހާއިބެހޭ ގޮތުން އަޅުގަނޑުގެ ޚިޔާލު

އިރުގެ ކޮލަމް: ދިވެހި ބަހާއިބެހޭ ގޮތުން އަޅުގަނޑުގެ ޚިޔާލު

ދިވެހި ބަހަށް އިސްކަން ދިނުމަށް ހުރިހާ ދާއިރާއަކުންވެސް ސަމާލުކަން ދިނުމަށް ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ. ވަރަށް މުހިންމު ވާހަކަ ފުޅެކެވެ. ބޭނުންތެރި ހެޔޮ ވާހަކަ ފުޅެކެވެ. އޮފީސް ތަކާއި، ނޫސް ތަކުން ވެސް މިކަމަށް ސަމާލު ވާންޖެހެއެވެ.

ބަހަވީ ހަމަ ތަކުން ލިޔުންތައް ލިޔަން ވިސްނަން ޖެހެއެވެ. ކޮންމެ ބަހަކީވެސް މުހިންމު ބަހެކެވެ. އެއީ ވަރަށް އަސަރުގަދަ، މަޖާވެސް އެއްޗެކެވެ. އުފާވެރިކަން ގެނުވައިދޭ އެއްޗެކެވެ. ހަމަ އެހެންމެ ހިތާމަވެރި ޝުޢޫރުތައް ވެސް ހިމެނޭ އެއްޗެކެވެ.

ބަހުގެ ހަމަތައް ހިފަހައްޓަން ޖެހެއެވެ. ބަސް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދަން ވިސްނަމާ ހިނގާށެވެ. ފުރަތަމަ މަރުހަލާއަކީ މަދުރަސާއެވެ. ނުވަތަ ސްކޫލެވެ. ޓީޗަރުން މިކަމަށް ސަމާލުކަން ދޭންޖެހެއެވެ. ބަހުގެ ހަމަތައް ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ. ފުރަތަމަ ބަހުގެ ބޭސިކް ރަނގަޅަށް ދަސްކޮށްދޭން ޖެހެއެވެ. މަތީ ގްރޭޑަކަށް ކިޔަވާ ދެއްވިޔަސް ދަށް ގްރޭޑްގައި އެކުދިން ކިޔެވި ބޭސިކް ބައިތައް އެކުދިންގެ ހިތުގައި ހުރިތޯ ބައްލަވަން ވާނެއެވެ.

ދަށް ގްރޭޑް ތަކުގައި އެކުދިން ކިޔެވި ބޭސިކް ބައިތަކުގައި ހިމެނޭ އަކުރާއި، ފިލި، އަދި ލަފުޒު ގިނަ ކުދިންގެ ހިތުގައި ހުންނާނެއެވެ. ދެން އޮތީ ޖުމުލައިގެ ބައިތަކެވެ. މި ބައިތައް ނޭނގި ކުދިންނަށް ރަނގަޅަށް ސިޓީލިޔެ، މަޒުމޫނު، ވާހަކަ ލިޔެ ނުހެދޭނެއެވެ. އާދައިގެ ސާދާ ޖުމުލައެއް ގިނަ ކުދިންނަކަށް ނޭނގެއެވެ. މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ. ކޯނި ޖުމުލައެއް، އަދަބީ ޖުމުލައެއް ގިނަ ކުދިންނަކަށް ނޭނގެއެވެ. މަތީ ގްރޭޑް ތަކުގެ ޓީޗަރުން އެކުދިންނަކަށް މި ބޭސިކް ބައިތައް އެނގޭތޯ ނުބައްލަވައެވެ. އަމުދުން، ޑްރާމާ ޖުމުލައެއް ކުދިންނަކަށް ނޭނގެއެވެ. ބަސް އެތުރޭ ހަމައެއް ކުދިންނަކަށް ރަނގަޅަކަށް ނޭނގެއެވެ.

މި ދެންނެވި ބައިތައް މަތީ ގްރޭޑް ތަކަށް އެނގޭތޯ ޓީޗަރުން ބައްލަވާ ދެއްވާނެ ކަމުގައި ދެކެމެވެ. އަދި ލިޔެ ކިޔުމުގެ ތެރޭގައި ބޭނުން ކުރެވޭ އެއްވެސް ނިޝާނެއް ވިޔަސް ފުލުސްޓޮޕެއް ވިޔަސް ކޮމާއެއް، ކޮމާކޯޅިއެއް ވިޔަސް ތިރިން މައްޗަށް ޖެހޭ ދެނުކުތާ އަކަސް އެޖެހެނީ ކީއްވެގެންތޯ ގިނަ ކުދިންނަކަށް ނޭނގެއެވެ.

މި ބައިތައް ނޭނގުމުގެ ސަބަބުން ކުދިން ބަސްދެކެ ފޫހިވުން އިތުރުވެއެވެ. އަޅުގަނޑަށް ވެސް އެނގެއެވެ. މަތީ ގްރޭޑް ތަކުގައި ކިޔަވައި ދެއްވާ ޓީޗަރުން ކްލާހަށް ވަންނަވާއިރު އަތުގައި ދެއިންޗިއަށް ވުރެ ބޯ ސިލަބަހެއް އޮވެއެވެ. މިސާލަކަށް ފުރަތަމަވެސް ދެއްވާނީ ކޮންމެވެސް ޕެރެގްރާފަކުން ކޮންމެވެސް ކަމެއް ފާހަގަ ކުރާށެވެ. ނޫނީ މަޒުމޫނެއް، ވާހަކައެއް، ސިޓީއެއް ލިޔާށެވެ. ބޭސިކް ނޭނގޭނަމަ އެ ކުދިން ވާނީ ބަސްދެކެ ފާޑެއްގެ ފޫއްސެކެވެ. ޖުމުލައެއް ރަނގަޅަށް އަތުރާކަށް ނޭނގޭނެއެވެ. އަދި ދަށް ގްރޭޑް ތަކުގައި ވެސް ރަނގަޅަށް ބޭސިކް ކިޔަވައި ނުދެވޭ ކަން ފާހަގަ ކުރެވިފައި އެބަހުއްޓެވެ. މި ކަންކަމުގެ މައްޗަށް ވިސްނާލައި ހުރިހާ ޓީޗަރުންވެސް މި ކަންކަމަށް ސަމާލުވުން ވަރަށް މުހިންމު ކަމަށް ދެކެމެވެ. އެއްވެސް ޓީޗަރަކަށް ކުޑައިމީސް ބަހެއް ރައްދު ކުރާކަށް ނެތީމެވެ. ގިނަ ޓީޗަރުންނަށް ބަހުގެ ހަމަ އެނގޭނެކަން އަޅުގަނޑަށް އެނގެއެވެ.

ބައެއް ކުދިންނަށް ސިޓީއެއްގެ ފެށުމެއް ނިންމުމެއް ރަނގަޅަކަށް ނޭނގެއެވެ. ސިޓީގެ މެދު މެދު ތެރޭގައި މި އޮންނަނީ ކަމާގުޅޭ އިބާރާތެވެ. ފުރަތަމަ ފެށުމާއި ނިމުން ދަސްކޮށް ދެއްވާށެވެ. އޭގެ ފަހުގައި ޢިބާރާތް ކުރާނެގޮތް ދަސްކޮށްދެއްވާށެވެ.

ދެން އޮތީ ދޭހައެވެ. މައިގަނޑު ގޮތެއްގައި ދޭހަ ބެހެނީ ދެބަޔަކަށް ކަމަށް ފޮތްތަކުގައި ލިޔެވިފައި އޮވެއެވެ. ދޭހައަކީ އެއްޗެއް ކިޔައިގެން ވިޔަސް ބަލައިގެން ވިޔަސް އަޑެއް އިވިގެން ވިޔަސް، އިޙްސާސަކުން ވިޔަސް އެނގޭ އެނގުމަކަށް ކިޔާ ނަމެކެވެ. މިކަންކަން ގިނަ ކުދިންނަކަށް ނޭނގޭކަން އަޅުގަނޑަށް ވަނީ ފާހަގަ ކުރެވިފައެވެ. މަތީ ގްރޭޑް ތަކުގައި ވެސް މެއެވެ.

ވާހަކަ ލިޔުމާއި މަޒުމޫނު ލިޔުމުގައި ވެސް އެނގެން ޖެހޭ މުހިންމު މަޢުލޫމާތު ވެސް ބައެއް ކުދިންނަށް ނޭނގޭކަން ފާހަގަ ވެއެވެ. ޚުލާޞާ ކުރުމަކީ ކޮބައިކަން ބައެއް ކުދިންނަކަށް ނޭނގެއެވެ.

ބަހަވީ ހަމަތަކުގެ އިތުރުން ކުދިންގެ ލިޔުން ރީތި ކުރުމަކީ ވެސް ކުދިން ބަހަށް އިތުރަށް ޝައުޤުވެރި ވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *