ކޮންމެ ބައްޕައަކާއި މަންމައަކުވެސް ތިމާގެ ދަރިންނަކީ އެހެން މީހުންނާއި، ތަކެއްޗަށް އިޙްތިރާމް އަދާ ކުރާ އަޚްލާޤް ރަނގަޅު ކުދިންނަށް ވާން ބޭނުން ވާނެއެވެ. މީހުންނަށް އިޙްތިރާމް އަދާ ކުރާ ފަދައިން ތަކެއްޗަށްވެސް އިޙްތިރާމް އަދާ ކުރަން ދަސްކޮށްދޭން ވާނެއެވެ. ގޭތެރޭގައި ކުރަންޖެހޭ ކަންކަންވެސް ދަސްކޮށްދޭން ޖެހޭނެއެވެ.
މިސާލަކަށް ދަރިފުޅު ސްކޫލުން ގެއަށް އައިސް ޔުނިފޯމް ބާލައި ތަޅުންގަނޑަށް އުކާލައި، ދަބަސްވެސް ހިތަށް އެރި ތާކަށް އެއްލާލައި ނުހެދުމަށް އެދަރިންނަށް ދަސްކޮށްދޭން ވާނެއެވެ. ގެއަށް މެހުމާނަކު އަތުވެއްޖެނަމަ ކަންތައް ކުރާނެ ރީތި ގޮތް ތައް ވެސް ދަސްކޮށްދޭން ވާނެއެވެ. ފުރަތަމަ އެމީހަކަށް އިޙްތިރާމާއެކު ސަލާމް ކުރަން ދަސްކޮށްދޭން ވާނެއެވެ. އެމީހާއަށް ބޯނެ އެއްޗެއް ދޭނަމަ، ފިނި އެއްޗެއްތޯ ހޫނު އެއްޗެއްތޯ އަހާލަން ދަސްކޮށްދޭށެވެ.
ބޭރު އޮފީހެއްގައި ވިޔަސް އޮފީހުގެ ވެރިމީހާ ނުވަތަ ގޭތެރޭގައި މޭޒުމަތީގައި މީހަކު ލިޔެކިޔުންތައް ބަހައްޓާފައި ހުއްޓާ، އެމީހާ ފެންފޮދަކަށް ބޭނުންވެ ދަރިފުޅު ގާތުގައި ބުނެފިނަމަ ފެންތަށި ގެނެސްދޭނެ ގޮތްވެސް ބުނެދޭން ވާނެއެވެ. ފެން ގެންނައިރު ތަށި ރަނގަޅަށް ދޮންނަން ދަސްކޮށްދޭށެވެ. ތަބަކަކަށް ނުވަތަ ދަށަށް ތަށްޓެއް ލައިގެން ފެން ތަށީގައި މަތިޖަހައިގެން އިޙްތިރާމާއެކު ދޭން ދަސްކޮށްދޭން ވާނެއެވެ. ތަށީގައި ހިފާނެ ގޮތްވެސް ދަސްކޮށްދޭށެވެ. ތަށީގައި ހިފާނީ ތަށީގެ ތިރީގައި ކަންވެސް ދަސްކޮށްދޭށެވެ. އަދި ފެންތަށި މޭޒުމަތިން ދިއްކޮށްލާނަމަ އޭގެ ފުލުން ކަރުދާސް ތަކުގެ މައްޗަށް ފެންފޮދެއް ވެއްޓިދާނެއެވެ. އިޙްތިރާމާއެކު ފެންތަށި ދެވިއްޖެއެވެ. ނަމަވެސް މޭޒުމަތީގައިހުރި ތަކެއްޗަށް އިޙްތިރާމް އަދައެއް ނުކުރެވުނެވެ. އެހެން ވުމުން އެފެންތަށި އެމީހާއަށް ދިއްކޮށްލަން ވާނީ މޭޒުގެ އެއް އަރިމަތިންނެވެ. މިކަންކަންވެސް އެކުދިންނަށް ދަސްކޮށްދޭން ވާނެއެވެ.
ކުދިން ރޯގާ ޖެހިގެން ވިޔަސް ގެންގުޅޭ ޓިޝޫ ފަދަ ތަކެތި ގޭތެރޭގެ އެތަން މިތަނަނަށް އެއްލާ ނުލާ ޑަސްބިން ފަދަ ތަކެއްޗަށް ލާން ދަސްކޮށްދޭށެވެ. މަގުމައްޗަށް ވެސް އެތަކެތި އުކުމަކީ އަދަބާ ޚިލާފު ކަމެކެވެ.
މަގުމަތީގައި ހިނގާފައި ދާއިރު އަޑުގަދަ ކުރަން ނުވާނެކަން ދަސްކޮށްދޭން ވާނެއެވެ. މަގުމަތީގައި އަދި މީހުންތިބޭ ތަންތާގައި ތުނބުން ފުމެހެދުމަކީވެސް ހުތުރު ކަމެއްކަން ބުނެދޭށެވެ. އަދި މަގުމެދުން ހިނގުމާއި ދުއްވާ އެއްޗެއްސަށް ދަތިނުވާނެ ގޮތަށް މަގުގެ އެއްފަރާތުން ހިނގަން ދަސްކޮށްދޭން ވާނެއެވެ. މީގެއިތުރުން މަގު މެދުގައި އަރިދަފުސް ރޯގާ އާއި ކުޅު ޖެހުމަކީ ވެސް އަދަބާއި ޚިލާފު ކަންކަން ކަން ދަސްކޮށްދޭން ވާނެއެވެ. ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ހުންނަ ބޭކާރު ގައު ފަދަ ތަކެތި އެއްފަރާތް ކޮށްލަންވެސް ކުދިންނަށް ދަސްކޮށްދިނުން ރަނގަޅު ވާނެއެވެ.
މީސްމީހުންނަށް އެމީހެއްގެ ވަނަމުން ގޮވުމާއި، ހުތުރު ބަހުން ވާހަކަ ދެއްކުމާއި އަޑުގަދަ ކުރުމަކީވެސް ވަރަށް ހުތުރު، ރީތި އަދަބުތަކާއި ޚިލާފު ކަންކަން ކަން ދަސްކޮށްދޭން ވާނެއެވެ. އަދި އެހެން މީހުންގެ މޫނާއި ދިމާވާ ގޮތަށް ކެއްސުމާ، ވައިލެއްވުމަކީވެސް އަދަބާ ޚިލާފު ކަމެއްކަން ދަރިންނަށް ބުނެދޭން ވާނެއެވެ. މަގުން ހިނގާފައި ދާއިރު ތިމާއަށްވުރެ ދުވަސްވީ މީހުންނަށް ޖާގަ ދިނުމަކީވެސް ރީތި ގޮތެވެ. އަދި މަގުން ހިނގާފައި ދާއިރު އެހެން މީހުންގެ ކުރިމައްޗަށް ވާހެން ކުޅު ޖެހުންފަދަ ކަންކަމަކީވެސް ހުތުރު ކަމެއްކަން އެކުދިންނަށް ބުނެދޭށެވެ. އަދި މަގު ހުރަސް ކުރާ މުސްކުޅިންނާއި ނުކުޅެދޭ މީހުންނަށް އެކަމުގައި އެހީތެރިވާންވެސް އެކުދިންނަށް ދަސްކޮށް ދޭށެވެ. ތިމާގެ އުސްތާޒަކާ ބައްދަލުވާހިނދު ހުއްޓި ސަލާމް ކުރުމަކީވެސް ރިވެތި އަދަބު ތަކުގެ ތެރެއިންވާ ކަމެކެވެ. މިހިރަ މިހިރަ ކަންކަން ކުދިންނަށް ދަސްކޮށް ދޭށެވެ.