ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ތަމްސީލު ކުރައްވާނީ އެމްޑީޕީގެ ކެންޑިޑޭޓެއްކަން ކަށަވަރު ކުރުމަށްޓަކައި، އެމްޑީޕީގެ ކެމްޕޭނު ޓީމުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޓީމަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހިމް މުޙަންމަދު ސޯލިހު (އިބޫ) އާއި ޝާހިދު މިއަދު ލ. މާމެންދޫއަށް ވަޑައިގެން، ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްރާބު ހަމަމަގަށް އެޅުވުމަށް އެމްޑީީގެ ކެންޑިޑޭޓް ޙުސެން އެ ގޮނޑިއަށް އިންތިޚާބު ކޮށްދެއްވުމަށެވެ.
މި ގޮނޑިއަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް ޑރ. މުއިއްޒުގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲއެވެ. އެހެން ކަމުން މި ދާއިރާގެ މަޖިލިސް ގޮނޑި ވެފައި ވަނީ ވަރަށް ވާދަވެރި ގޮނޑިއަކަށެވެ.
ސަރުކާރުގެ އެންމެ އިސްވެރިން ލ. އަތޮޅަށް ކެމްޕޭނަށް ވަޑައިގެންތާ ދެދުވަހެއް ފަހުން އެމްޑީީގެ އެންމެ އިސްވެރިންގެ ޓީމެއް ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެން ޝާހިދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކައިރިވާ ވަރަކަށް މި ސަރުކާރުގެ މިސްރާބެއް ނެތްކަން ފެންނަމުންދާ ކަމަށެވެ. ރައްޔިތުން ތިބީ މިސްރާބެއް ނެތި ސަރުކާރު ހިންގުން ނިމުމަކަށް ގެނެސް، މިސްރާބު ހަމަމަގަށް އަޅުވަން ތައްޔާރަށް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ކެމްޕޭނުގައި އަތޮޅު ތަކުގެ ރަށްތަކަށް ވަޑައިގަތުމުން އިވެމުންދާ އަޑަކީ ސަރުކާރުގެ މިސްރާބު ގޯސް ވާހަކަ އާއި މިސްރާބު ރަނގަޅު ކުރަންޖެހޭ ވާހަކަ ކަމަށެވެ. އަދި މިސްރާބު ރަނގަޅު ނުކޮށްފިނަމަ، ރާއްޖެއަށް ލިބޭނެ ގެއްލުން ތަކުގެ ވާހަކަތައް އަޑު އިވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވަރަށް ފުރިހަމަ ކާމިޔާބެއް ލިބެމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.
"ސަރުކާރަށް މި މަންޒަރު ފެނި، ރައްޔިތުންނަށް ބޮޑެތި ދޮގުތައް އަނެއްކާވެސް އެދަނީ ހަދަމުން" ޝާހިދު ވިދާޅުވިއެވެ.