ރައީސް ރޭ ނިލަންދޫއަށް ވަޑައިގެން އާންމުންނާ ސަލާމް ކުރެއްވުމުގެ ތެރެއިން ކޮއްކޯފުޅު ސައުދާއާ ސަލާމް ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ނިލަންދޫ ދާއިރާގެ ރައްޔިތުންނަށް ރައީސް: ސައުދާއައް ވޯޓުދީ، އެއީ ސީދާ އަޅުގަނޑަށްދޭ ވޯޓެއް

ނިލަންދޫ ދާއިރާގެ ރައްޔިތުންނަށް ރައީސް: ސައުދާއައް ވޯޓުދީ، އެއީ ސީދާ އަޅުގަނޑަށްދޭ ވޯޓެއް

 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއަށް ވޯޓު ދެެއްވުމަށާއި، ސައުދާއަށް ދެއްވާ ވޯޓަކީ ސީދާ އެމަނިކުފާނަށް ދެއްވާ ވޯޓެއް ކަމަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިލަންދޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަކި ކެންޑިޑޭޓަކަށް ސީދާ ވޯޓު ދިނުމަށް އެދިވަޑައިނުގަތް ނަމަވެސް، ފަހުން ރައީސް ސޯޝަލް މީޑިޔާގައި އާންމު ކުރެއްވި ވީޑިޔޯއެއްގައި ވިދާޅުވީ، އެ ދާއިރާއަށް ދެ ކެންޑިޑޭޓުން ކުރިމަތި ލައްވާފައިވާއިރު، ރައީސްގެ އިތުބާރާއި ތާއީދު އޮތް ހަމައެކަނި ކެންޑިޑޭޓަކީ ސައުދާ ކަމަށެވެ.

"އަޅުގަނޑުގެ ސަތޭކަ ޕަސެންޓް އިތުބާރު، ސަތޭކަ ޕަސެންޓް ތާއީދު އޮތް ކެންޑިޑޭޓް. އަދި ރައްޔިތުންގެ މަޖިލީހުގައި މި ދާއިރާގެ ތަރައްގީއަށްޓަކައި ކުރަން ހުރި ކަންތަކުގައި އެއްބާރުލުން ދެއްވޭނެ، ދެއްވާނެ ހަމައެކަނި ކެންޑިޑޭޓް. އަޅުގަނޑުގެ ފުރިހަމަ ފުރިހަމަ އިތުބާރު އޮތް ކެންޑިޑޭޓަކީ ހަމައެކަނި ސައުދާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިލަންދޫ ދާއިރާގެ ތަރައްގީއަށްޓަކައި ވަރަށްގިނަ ކަންކަން ކުރަން އެބަހުރި ކަމަށެވެ. އާބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްގީ ކުރެވިގެންދާއިރު މަޖލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށާއި، އެ އެއްބާރުލުން ދެއްވާނެ ކަމުގެ ގަޔީންކަން އޮތީ ހަމައެކަނި ސައުދާއަށް ކަމަށެވެ.

"އެހެންވީމާ މިދާއިރާގެ ތަރައްގީގެ ކަންކަމުގައި ކެންޑިޑޭޓް ނަންބަރު ދޭއް ހޮއްވަވައި ދެއްވުމަށް އަޅުގަނޑު ނިލަންދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދެން" ރައީސް ވިދާޅުވިއެވެ.

ނިލަންދޫ ދާއިރާއަށް ސައުދާގެ އިތުރުން ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއް ކަމަށްވާ އަޙްމަދު ރަޝީދެވެ. ނިލަންދޫ ދާއިރާގެ އިންތިޚާބު މިހާރު ވެފައި ވަނީ އެންމެ ފޯރިގަދަ އެއް ދާއިރާގެ އިންތިޚާބަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *