ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާ އެސްއޯ ފުލުހުން ފޮނުވައިގެން ރޫޅާލުމާއި ގުޅިގެން އިިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ އިސްތިންބޭފުޅުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އަދި އެމްޑީޕީގެ ފަރާތުންވެސް ވަނީ ރަސްމީ ލެޓަރހެޑުގައި އެކަމާ ގުޅިގެން ބަޔާނެއްވެސް ނެރެފައެވެ.
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހު (އިބޫ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެއްދުމާއި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ވެރިކަމުގައި ތިއްބަވާ ބޭފުޅުންނާ ޚިޔާލު ތަފާތުވުމަކީވެސް ޤާނޫނު އަސާސީ އިންވެސް ލިބިދީފައި އޮތް ހައްގެއް ކަމަށެވެ. އަދި އެއީ ވެރިކަމުގައި ތިއްބަވާ ބޭފުޅުންގެ ރުހުމުގައި ލިބޭ އިމްތިޔާޒު ތަކެއްނޫން ކަމަށްވެސް އިބޫ ވިދާޅުވެފައިވެއެވެ. އެހެންކަމުން ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ހުރަސް އެޅުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ރައީސް ޑރ. މުއިއްޒު ހުރަސް އަޅުއްވަމުން ގެންދަވާތީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަސް ނާކާމިޔާބު ކުރިމަތިލާންޖެހި ދާނެކަމުގެ ބިރު ބޮޑުވެ، ސަރުކާރު ތެރެއިން ހިންގަމުން އަންނަ ކޮރަޕްޝަނުގެ އަމަލުތައް ފަދަ ކަންކަމާ ކުރިމަތިލާން ޖެހުމުން އެކަމުގެ ޕްރެޝަރުގައި ކުރައްވާ ކަމެއް ކަމަށް ސިފަ ކުރައްވާފައެވެ.
އެމްޑީީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ކުރާ މަސައްކަތުގައި އިލެކްޝަންސް ކޮމިޝަނާއި އަމިއްލަ ސްކޫލްތަކާއި ފުލުހުންނަށްވެސް އަންގަވައިގެން ގަދަބާރުން ސަރުކާރުން ކަންކަން ކުރަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މި މައްސަލައިގައި އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ އެހެން ބަޔެއް ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.