އިބޫގެ އިލްތިމާސެއް: ރިޔާސީ އިންތިޚާބުގައި ކުރަން ޖެހުނު ތަޖުރިބާއާއެކު ޕާޓީ ބައިބައިނުވެ އޮންނަންޖެހޭ

އިބޫގެ އިލްތިމާސެއް: ރިޔާސީ އިންތިޚާބުގައި ކުރަން ޖެހުނު ތަޖުރިބާއާއެކު ޕާޓީ ބައިބައިނުވެ އޮންނަންޖެހޭ

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރަން ޖެހުނު ތަޖުރިބާގެ އަލީގައި އެމްޑީޕީ ބައިބައިނުވެ އެކަތި ގަނޑެއްގެ ގޮތުގައި އޮންނަންޖެހޭ ކަމަށް އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހު (އިބޫ) އިލްތިމާސް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ނ. މަނަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އިބޫ ފާހަގަ ކުރެއްވި ގޮތުގައި ޕްރައިމަރީ ތަކަށްފަހު، ޕްރިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކާއެކު ކުރިޔަށް ދިޔުމަކީ ކާމިޔާބު ހޯދަން ކުރަންޖެހޭ ކަމެކެވެ.

އެގޮތުން ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ޕްރައިމަރީން އިބޫ ވަނީ މިސާލު ނަންގަވާފައެވެ. އަދި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީވެސް ޕްރައިމަރީން ބަލިވި ކެންޑިޑޭޓާއި އެ ޓީމު، މޮޅުވި ކެންޑިޑޭޓުގެ ފަހަތަށް ނޭރުންކަން އިބޫ ފާހަގަ ކުރެއްވިއެވެ. ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް ނަޝީދާއި ރައީސް ސޯލިހު (އިބޫ) އެވެ. ޕްރައިމަރީން ރައީސް ނަޝީދު ބަލިވެވަޑައިގަތުމާއެކު، ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ވަނީ ޕާޓީ ދޫކޮށް، އެހެން ޕާޓީއެއްވެސް އުފައްދާފައެވެ.

" "އެ ޕްރައިމަރީ ނިމުމަށް ފަހުގައި އެބޭފުޅުންނަކަށް އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދެވޭ ގޮތެއް ނުވި. ރިޔާސީ އިންތިޚާބު ގެއްލުމުގެ، ނާކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް މަސައްކަތް ނުކުރެއްވުން" އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ތަޖުރިބާއިން މިސާލު ނަންގަވައި ރައީސް ސޯލިހު އެދިވަޑައިގަތީ މަޖިލިސް ޕްރައިމަރީގައިވެސް ނާކާމިޔާބުވި ކެންޑިޑޭޓު، މޮޅުވި ކެންޑިޑޭޓުގެ ފަހަތަށް އަރައި، ކާމިޔާބު ހޯދަން މަސައްކަތްކޮށް ދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *