ޑެޑްސީ ކައިރީގައި ފޮޓޯ ނަގަނީ

ޑެޑްސީ- މިއީ ކަނޑެއްނޫން، އަޖައިބަކަށްވުރެ މުއްސަނދި ފެންގަނޑެއް!

ޑެޑްސީ- މިއީ ކަނޑެއްނޫން، އަޖައިބަކަށްވުރެ މުއްސަނދި ފެންގަނޑެއް!

ޑެޑްސީއަކީ ކޮބާ؟

ނަމުން ކަނޑެއްގެ ގޮތުގައި ދުނިޔޭގެ ޗާޓުގައި ނަންދީފައި އޮތް ކަމުގައި ވީނަމަވެސް، އުރުދުންގެ އިރުމަތީ ބިތާއި އިޒްރޭލުން 1967 ގައި ގަދަ ކަމުން ފޭރިގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރި އާ ދެމެދު އޮންނަ "ޑެޑް ސީ" އަކީ ކަނޑެއް ނޫނެވެ. އެއީ ފެންގަނޑެކެވެ. ތަފާތަކީ އެފެނުގައި ލޮނުގެ ނިސްބަތް އެހެން ކަނޑު ތަކުގައި ހުންނަ ލޮނަށްވުރެ ދިހަ ގުނަ މަތިކަމެވެ. އެފެންގަނޑުގައި ބޮޔެއްހެން އަޑިއަށް ނުގޮސް އެތައް އިރަކު އޮވެވިދާނެއެވެ.

ޑެޑެސީއަށް އެރި މީހަކު އުއްޑުން އޮށޯވެގެން އޮންނަ މަންޒަރު

ޑެޑް ސީ ގައި އެއްވެސް ދިރުމެއް ނެތްކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި، ދިރުމެއް ނުވެސް އުފެދޭނެކަން އަޅުގަނޑުމެންނަށް އެނގެއެވެ. މި ސަބަބަށްޓަކައި، އެފެންގަނޑަށް ނަންދީފައި ވަނީ "ޑެޑްސީ" ގެ ނަމުންކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވެއެވެ.

ޑެޑްސީ އަކީ އެއްވެސް ކަނޑަކާ ގުޅިފައިވާ ފެންގަޑެއް ނޫނެވެ. ހަމަ އެކަނި އުރުދުންގެ ކޯރުން އަންނަ ފެން ހިމެނޭ މި އާދަޔާ ޚިލާފު ފެންގަޑުގެ ދިގު މިނުގައި 50 ކިލޯމީޓަރު އަދި ފުޅާ މިނުގައި 15 ކިލޯމީޓަރު ހުންނަ ޑެޑްސީ އަކީ 1020 ކޮޑި ކިލޯ މީޓަރުގެ ސަރަޙައްދެއްގައި  ކަނޑުގެ ލޮނުގަނޑަށްވުރެ 427 މީޓަރު ތިރީގައި އުފެދިފައިވާ ދުނިޔޭގެ ބިންމަތީގެ އެންމެ ތިރި ހިސާބެވެ. އަދި ޑެޑްސީގެ އެންމެ ފުން ހިސާބުގައި 306 މީޓަރު ހުންނަ ކަމުގައި ހުރެއެވެ.

ޑެޑްސީ ޚާއްސަ ވަނީ ކީއްވެ؟

ޤަދީމީ ޒަމާނުއްސުރެން، ޑެޑްސީގެ ކިސަޑާއި ލޮނަކީ ހަމުގެ ވަރަށް ގިނަ ބަލި ތަކުގެ އިތުރުން ހަށިގަނޑުގެ އެކިއެކި ރިހުމަށްވެސް ފަރުވާއެއް ކަމަށް އެގެން އެބައޮތެވެ. މިގޮތުން، އޭގައި ހިމެނޭ ޤުދުރަތީ މުއްސަދި އެތައް މައުދަނުގެ ސަބަބުން، ހަންގަޑަށް ދިމާވާ މައްސަލަ ތަކަށް ޤުދުރަތީ ފަރުވާއެއްގެ ގޮތުގައި އެތައް ބަޔަކު ބޭނުން ކުރެއެވެ. ސައިންސް ވެރިންނާއި އެހެނިހެން ދިރާސާ ވެރިންގެ އެކި އެކި ދިރާސާ ތަކުގެ އަލީގައި ލިޔުއްވާފައިވާ ޖާނަލް އާޓިކަލް ތަކުގައިވެސް، މި ކިސަޑުގައި ހިމެނޭ އާދަޔާ ޚިލާފު ބައިތަކުން، ހަށިގަނޑުގައި ލޭ ދައުރު ކުރުން އިތުރު ކޮށްދިނުމާއި، ހަމުގައި ހުންނަ ޑެޑް ސެލްތައް ބޭރު ކުރުމާއި، ފާރު ހިއްކުމާއި ގައި ކެހުމުގެ އުނދަގޫ ތަކަށް ފަރުވާއެއް ކަމަށް ލިޔެފައިވެއެވެ. މި ސަބަބަށްޓަކައި، ޑެޑްސީ އަކީ ޤުދުރަތީ ސްޕާއެއްގެ ގޮތުގައިވެސް ބޭނުންކުރުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ މަންޒިލަކަށް ވަނީ ވެފައެވެ.

ޑެޑްސީއަށް އެރި އުޅޭ ބަޔަކު އެތަނުގެ ކިސަޑު ގައިގައި އުނގުޅައިގެން އުޅޭ މަންޒަރު. އަދި ޑެޑްސީ ހިމެނޭ ސަރަހައްދު އަންގައިދޭ ޗާޓެއް

ދުނިޔޭގެ ފަތުރުވެރި ކަމުގެ މަންޒިލެއްގެ ގޮތުގައިވެސް މަޝްހޫރު ޑެޑްސީ އަކީ އެތައް ހާސް ޤަރުނެއްގެ ކުރިންވެސް އޮންނަ ތަނެއް ކަމަށާއި އިސްލާމީ ތާރީޚާއި ސަޤާފަތާވެސް ގުޅުން ހުރި އެތައް ހާދިސާއެއް ހިނގާފައި އޮތް ތަނެއްކަން އަޅުގަނޑުމެންނަށް އެނގެން އަބައޮތެވެ. މިގޮތުން، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކައާއި، ސަދޫމްގެ ވާހަކަ ތަކަކީ ކީރިތި ޤުރުއާނާއި އިސްލާމީ ތާރީޚުން އަޅުގަނޑުމެން އެންމެ ކުޑައިރުން ފެށިގެން އިވެމުން އަންނަ ވާހަކައެވެ.

ޑެޑްސީ – ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއް

މިފަދަ މަންޒިލް ތަކަކީ ފަތުރުވެރި ކަމުގައި މިހާރު އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ތަންތަނެވެ. މިގޮތުން، އުރުދުންގެ އިޤްތިޞާދުގައިވެސް މުހިންމު ބައެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތުން  2023 ވަނަ އަހަރު ވަނީ 7.41 ބިލިޔަން ދިރުހަމްގެ ޢާމްދަނީ އެއް ހޯދާފައެވެ. އެއީ 2022 ވަނަ އަހަރާ އަޅާބަލާއިރު، %27.4 ކުރިއެރުމެކެވެ.

ޑެޑްސީއަށް އެރެން ގޮސްއުޅޭ ފަތުރުވެރިންތަކެއް

އުރުދުންގައި ޑެޑްސީ ކައިރީގަޔާއި އެހެނިހެން ސަރަޙައްދު ތަކުގައި އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓް ހައުސް ފަދަ ތަންތަން ތަރައްޤީކޮށް ބޮޑެތި އިންވެސްޓްމެންޓްތައް ގެނެސްފައެވެ. އަދި، ފަތުރުވެރިންނަށް، އެކި އެކި ޕެކޭޖްތައް ހަދައި، ފަތުރުވެރިކަމާ ގުޅުންހުރި އެތައް ސިނާޢަތްތަކަށް ގިނަ ފުރުޞަތު ތަކެއްވެސް ހުޅުވާލާފައެވެ. ހަމަ މިގޮތަށް، ހުޅަނގު އައްސޭރިން، އިޒްރޭލުންވެސް ދަނީ ފޭރިގަނެފައިވާ ޑެޑްސީ މާކެޓްކޮށް އެތައް ބިލިޔަނުން އާމްދަނީ ހޯދަމުންނެވެ.

ޑެޑްސީއަށް ޒިޔާރަތްކުރާ ފަތުރުވެރިން ސަމާލުވާންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. މިގޮތުން، މިލިޔުމުގައި މުހިންމު ތިންކަމެއް އަޅުގަނޑު ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ކަމަކަށް ފާހަގަ ކޮށްލާނީ، ޑެޑްސީއަކީ އަޅުގަނޑުމެން ޢާއްމުކޮށް މޫދަށް އެރި އުޅޭ ގޮތަށް އެރި އުޅެވޭ ތަނެއްނޫން ކަމެވެ. ޑެޑްސީގެ ގޮނޑުދޮށުގައި ހުންނަނީ ދިވެހި ރާއްޖޭގައި ހުންނަ ހިމުން ވެއްޔެއް ނޫނެވެ. މުޅި ގޮނޑުދޮށާއި އައްސޭރި ފަށުގައި ހުންނަނީ ކުދިކުދި ބިއްލޫރިހާ ތޫނު، ކްރިސްޓަލް ފަދަ ޒާތުގެ މަޢުދަނެކެވެ. ވީމާ، ބީޗުގަޔާއި ފެންގަނޑުގައި އުޅެވޭނީ ރަނގަޅު ފެންވަރެއްގެ ރަބަރު ބޫޓެއް ނުވަތަ ވޯޓަރ ޝޫއަކަށް އަރައިގެންނެވެ.

ޑޭޑްސީގެ އައްސޭރި ފަށުގައި ފަތުރުވެރިންނަށް ޚާއްސަކޮށް ދަނީ ތަންތަން ތަރައްގީ ކުރަމުން

ދެވަނަ ކަމަކަށް ސަމާލުވާންވީ ފެންގަޑަށް އެރޭ ގޮތާއި، ފެންގަނޑުގައި އޮންނަންޖެހޭ ގޮތެވެ. އަޅުގަނޑުމެން ޢާންމުކޮށް މޫދަށް އެރިއުޅޭ ގޮތަކީ ބީޗަށް އަރައިގެން ހުންނަ ފައިވާން ދޫކޮށްލާފައި ދުވެފައިގޮސް، މޫދަށް މޫނު ވަތަށް ބޯކޮށްޕާލައި، ޑައިވްއަކަށް އަޑިއަށް ދިއުމެވެ. ނަމަވެސް، ޑެޑްސީގައި މިގޮތަކަށް ނުދެވޭނެއެވެ. މޫނުވެސް ތެއްމާ ނުލެވޭނެއެވެ. ސަބަބަކީ ލޮނުގެ ގަދަފަދަ އަސަރުން، ލޮލަށް ލޮނު ކޮޅެއް ގޮސްފިނަމަ، ނަގާނެ ދިލައަކީ އިޙްސާސްވެސް ނުކުރެވޭނެހާ ތޫނު އަދި ވޭން ހުރި ދިލައެއް ކަމުގައިވުމެވެ. އެހެން ކަމުން، ފެންގަނޑަށް އެރި އޮންނަން ޖެހެނީ އުއްޑުންނެވެ. އެއްވެސް ކަމެއް ނުކުރިއަސް، ފެންމަތީގައި ބޮޔެއްހެން އަޑިއަށް ނުގޮސް އޮންނާނެއެވެ. އަދި 15 މިނެޓަށްވުރެ ގިނަ އިރު ފެންގަނޑުގައި މަޑު ނުކުރުމަށްވެސް ތަޖުރިބާކާރުން ވަނީ ލަދާ ދީފައެވެ.

ޑެޑްސީ. ހިތްގައިމު މަންޒިލެއް

ސަމާލުވާންވީ ތިންވަނަ ކަމަކީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި ރޭޒަރު ތިލަ ބޭނުން ކޮށްފައި ހުރިނަމަ، މިސާލަކަށް ތުބުޅި ބޭލުމަށް ކަމުގައި ވިޔަސް، ރޭޒަރު ތިލަ ބޭނުން ކުރިތާ ދެ ދުވަހެއްވަރު މަޑުނުކޮށް، ޑެޑްސީއަށް ނޭރުމެވެ. ދެ ދުވަހެއް ވަރުނުކޮށް، ފެންގަނޑަށް އެރެފިނަމަ ކެތްނުކުރެވޭހާ ދިލަ އިޙްސާސް ކުރަން ޖެހޭނެއެވެ. އަދި، ހަށިގަނޑުން ތަންކޮޅެއް ކަނޑައިގެންގޮސް ނުވަތަ މަށައިގެންގޮސްފައި ހުއްޓާ އެރެފިނަމަވެސް ހަމަ އެހާ ދިލާ ނަގާނެއެވެ.

ދުނިޔޭގެ ބާޒާރުގައި އަގު ބޮޑު އުފެއްދުން ތަކެއް

ޑެޑްސީގެ ލޮނާއި ކިސަޑާއި އެހެނިހެން މައުދަންތައް ބޭނުން ކޮށްގެން އުފައްދާފައިވާ ކޮސްމެޓިކް މަރުކާ ތަކުގެ ޝޭމްޕޫ، ސައިބޯނި އަދި ރީތިވުމަށް ބޭނުންކުރާ އެހެނިހެން އާލާތްތަކަކީ ދުނިޔޭގެ ބާޒާރުގައި މިހާރު މަޤްބޫލުކަން ހޯދާފައިވާ އަގުބޮޑު ތަކެއްޗެވެ.

ޑެޑްސީގެ އެކި މައުދަން ބޭނުން ކޮށްގެން ހަމުގެ ވަރަށް ގިނަ ކަންކަމަށް ލޯޝަނާއި ކްރީމް ފަދަ ތަކެތި އުފައްދާފައިވެއެވެ. ހަމުގެ ގިނަ ފަރުވާ ތަކަށް ރަނގަޅު ހައްލެއް ގެނުވައިދޭ ޑެޑްސީގެ މައުދަން ތަކުގެ މިފަދަ ކޮންމެ އުފެއްދުމަކީވެސް ދުނިޔޭގެ ބާޒާރުގައި މަގްބޫލުކަން ހޯދާފައިވާ އަގު ބޮޑު އުފެއްދުން ތަކެކެވެ.

ޑެޑްސީގެ ލޮނާއި ކިސަޑާއި އެހެނިހެން މައުދަންތައް ބޭނުންނ ކޮށްގެން އުފައްދާފައިވާ ހަމަށް ފަރުވާ ލިބޭ އުފެއްދުންތަކެއް
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *