ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހަށް ފަސްކުރަން މަޖިލީހުން ފާސްކުރި ބިލު 2 ވަނަ ފަހަރަށް ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުންވެސް، އެ ބިލު ތަސްދީގު ކުރުމުގެ ވިސްނުންފުޅެއް ނެތްކަމުގެ އިޝާރާތެއް ރައީސް ކުރައްވައިފިއެވެ.
ދެވަނަ ފަހަރަށް ބިލު ތަސްދީގު ކުރުމަށް މަޖިލީހުން ފާސްކޮށް ރައީސް އެ ބިލު ތަސްދީގު ކުރުން ލާޒިމުވާ ގޮތަށް ފޮނުވި ފަހުން މިއަދު ހަވީރު ނ. ހޮޅުދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މާޗު 17 ވަނަ ދުވަހު އިންތިޚާބުގެ ވޯޓުލުން އޮންނާނެ ކަމަށެވެ.
މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރައްވައި ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުންވެސް މަޖިލީހުން އެކަން އެއްވެސް ކަމަކަށް ނުހެދި ކަމަށެވެ. އަދި އެމްޑީޕީއަށްވެސް ފާޑު ވިދާޅުވިއެވެ.
ރޯދައިގެ ފަހަށް އިންތިޚާބު ފަސްކުރަން މަޖިލީހުން މިއަދު ދެވަނަ ފަހަރަށް ފާސްކުރުމާއެކު އިލެކްޝަންސް ކޮމިޝަނުންވެސް ބުނެފައި ވަނީ އެކަމުގައި މަޝްވަރާއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ. އީސީ އިންވެސް ބޮޑަށް ބޭނުން ވަނީ ރޯދައިގެ ފަހަށް އިންތިޚާބު ފަސް ކުރުމަށެވެ. އަދި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ އިތުރުން އަލަށް އުފައްދާ ޕީއެންއެފް އިންވެސް ބޮޑަށް ބޭނުން ވަނީ ރޯދައިގެ ފަހަށް އިންތިޚާބު ފަސް ކުރުމަށެވެ.
މީގެއިތުރުން ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތި ލާފައިވާ ބަޔެއް ކެންޑިޑޭޓުންވެސް ބޭނުން ވަނީ ރޯދައިގެ ފަހަށް އިންތިޚާބު ފަސް ކުރުމަށެވެ. އެގޮތުން މިހާރުވެސް މަޖިލީހުގައި ނޮޅިވަރަމް ދާއިރާ ތަމްސީލު ކުރައްވާ މުޙަންމަދު ނަޝީދު (މޮސްޓާ) މަޖިލީހުގައި މީގެ ދެދުވަސް ކުރިން ވާހަކަ ދައްކަވަމުން ވިދާޅުވީ ރޯދައިގެ ފަހަށް އިންތިޚާބު ފަސް ކުރުމަށް ރައީސް އަރިހުން އާދޭހާއެކު އޭނާ އެދޭ ކަމަށެވެ.