އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އަލަށް ހަވާލުވެވަޑައިގެންފައިވާ ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް، ފުރިހަމަ އިތުބާރާއިި ޔަގީންކަން އެބައޮތް ކަމުގައި ވަގުތީ ގޮތުން އެމްޑީޕީގެ ރައީސް ކަމުގައި ކުރިން ހުންނެވި، ކުރީގެ ރައީސް އިބްރާހިމް މުޙަންމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ހަމަޖެހުމާއި ގުޅިގެން ޝާހިދަށް މަރުޙަބާ ދަންނަވައި، ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ޝާހިދު ހުންނަވައިގެން ގައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔާގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.
"އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގަތް ކުރީގެ ފޮރިން މިނިސްޓަރ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދުއަށް އިޚްލާސްތެރި މަރުހަބާއާއި މުބާރިކް ބާދީ ދަންނަވަން. ޕާޓީގެ ރައީސް ކަމުގެ މަޤާމްގައި ހުންނަވައިގެން ޤައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތް ތަކެއް އެމަނިކުފާނު ކޮށްދެވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އަޅުގަނޑަށް އެބައޮތް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ މެސެޖު ޝެއާރ ކުރައްވައި، ޝާހިދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސްކަމާއި ހަވާލުވެވަޑައިގެން ވާޖިބުތައް އަދާކުރެއްވުމުގައި، ރައީސް ސޯލިހުގެ ލަފަޔާއި އިރުޝާދު އަދި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ލިބިފައި އޮތުމަކީ އިންތިހާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.
"ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމާއި، އެމްޑީޕީގެ އިސްލީޑަރުކަމާއި، ވަގުތީ ރައީސްގެ ހައިސިއްޔަތުން މަނިކުފާނު ދިވެހި ގައުމާއި ރައްޔިތުންނާއި، އެމްޑީޕީއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭހައި ގިނަގުނަ ތެދުވެރި އިޚްލާސްތެރި ޚިދުމަތް ތަކަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. އަދި އަޅުގަނޑު މި ހަވާލުވި މަގާމުގެ ވާޖިބުތަށް އަދާކުރުމުގައި މަނިކުފާނުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ލިބެމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވާކަމީ އިންތިހާއަށް ހިތްހަމަޖެހުން ލިބޭކަމެކެވެ." ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ޝާހިދު ހަމަޖެހިގެން ދިޔައީ، އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުމުން ޝާހިދު ފިޔަވައި އިތުރު ބޭފުޅަކު ރައީސް ކަމަށް ކުރިމަތި ލައްވާފައި ނެތުމުންނެވެ.