ތާޖު މަހަލް

ތާޖް މަހަލް – ދުނިޔޭގެ އެއް އަޖައިބު، ލޯބީގެ ރަމްޒެއް

ތާޖް މަހަލް – ދުނިޔޭގެ އެއް އަޖައިބު، ލޯބީގެ ރަމްޒެއް

އިންޑިޔާގެ އާގަރާގައި އޮންނަ ޔަމުނާ ކޯރުގެ ދެކުނު އައްސޭރީގައި 17 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި ބިނާކޮށްފައިވާ ތާޖް މަހަލްއޭ ބުނުމުން އެތަނަކީ ކިހާ ޚާއްޞަ އަދި މަޝްހޫރު ތަނެއްކަން ބެނުދޭކަށް ނުޖެހޭނެއެވެ.

އަހަރަކު އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ ތާޖް މަހަލް އަކީ ވަރަށް ގިނަ ގޮތްގޮތުން ޚާއްޞަ ތާރީޚީ ބިނާއެކެވެ. އާކިޓެކްޗަރަލް ޑިޒައިންގެ ގޮތުންނާއި ފަންނާއި ސަގާފަތުގެ ގޮތުން އެންމެ މޮޅު އެއް ބިނާއެވެ. އަތްތެރި މަސައްކަތްތެރިކަމުގެ ހުނަރުގެ ގޮތުން ލާމަސީލު މިސާލެކެވެ. ތަނުގައި ބޭނުންކޮށްފައިހުރި ތަކެތި ނުވަތަ މެޓީރިއަލް އާއި ކޮށްފައިހުރި ޚަރަދުގެ ގޮތުންވިޔަސް، މި ބިނާ އަކީ ދުނިޔޭގެ އެންމެ ޚާއްޞަ އެއް ބިނާކަމުގައި ވަނީ ވެފައެވެ.

ތާރީޚުގެ ލިޔުން ތަކުން ފެންނަ ގޮތުގައި، 350 އަހަރަށްވުރެ ގިނަދުވަސްވީ މި ތާރީޚީ ބިނާ ޚާއްޞަ ވަނީ އިންޑިޔާގައި މުގަލް އެމްޕަރާ ދަރިފަސްކޮޅުން 1628 އިން 1658 އަށް ރަސްކަން ކުރެއްވި ޝާހު ޖަހާން އެރަސްގެފާނުގެ އެންމެ ލޯބިފުޅުވި އަނބިކަނބަލުން މުމްތާޒް މަހަލްގެ ހަނދާނުގައި އެތަން ބިނާ ކުރެއްވުމުންނެވެ. އާދެ، މިތަނަކީ ލޯބީގެ ރަމްޒެކެވެ. މުމްތާޒް މަހަލް އަވަހާރަވެފައި ވަނީ 1631 ވަނަ އަހަރު އެބޭފުޅުންގެ 14 ވަނަ ދަރިފުޅު ވިހެއުމުގެތެރެއިންނެވެ.

ލިޔުން ތަކުން ފެންނަ ގޮތުގައި ތާޖް މަހަލް ބިނާ ކުރަން ފާށާފައި ވަނީ 1632 ވަނަ އަހަރުއެވެ. އަދި މުޅި ތާޖް މަހަލް ހަދައި ނިންމާލާފައި ވަނީ 1653 ވަނަ އަހަރުއެވެ. 28 ބާވަތެއްގެ ގަލާއި ސަންގުމަރުމަރު ހިލަ ފަދަ ތަކެތި ބޭނުންކޮށްގެން ފުރިހަމަ ކޮށްފައިވާ ތާޖް މަހަލް އަށް އޭރުގެ އަގުންނަމަ، 32 މިލިޔަން އިންޑިއަން ރުޕީސް (މިހާރުގެ އަގުންނަމަ ގާތްގަޑަކަށް 68.5 ބިލިއަން ރުޕީސް) ޚަރަދުކޮށްފައިވެއެވެ. އަދި، މި ބިނާ އެޅުމުގައި 20،000 އަށް ވުރެ ގިނަ މަސައްކަތްތެރިން ވަނީ ބޭނުންކޮށްފައެވެ. އިންޑިޔާގެ ބައެއް ހިސާބު ތަކުގެ އިތުރުން، ޗައިނާ، ޓިބެޓް، އަދި ސްރީލަންކާއިންވެސް އާގަރާއަށް ތަކެތި ގެނެސްފައިކަމަށް ތާޖްމަހަލްގެ ތާރީޚްގެ ތެރެއިން އެނގެން އެބައޮތެވެ. އަދި މިތަކެތި އުފުލުމަށް 1000 އަށް ވުރެ ގިނަ އެތް ބޭނުން ކޮށްފައި ވާކަމަށްވެސް ވެއެވެ.

ތާޖު މަހަލް. ވަރަށް ފުރިހަމަ ބިނާއެއް

މި ބިނާ ފަރުމާކޮށްފައި ވަނީ ރަސްގެފާނު ޝާހް ޖަހާންގެ ޗީފް މުގަލް އާކިޓެކްޓް، އުސްތާޛް އަޙްމަދު ލަހޯރީ އެވެ. އުސްތާޛް އަޙްމަދު ލަހޯރީ އަކީ ދުނިޔޭގެ ނިސްބަތުންވެސް މޮޅު، އިސްލާމީ ޙަޟާރަތު ދައްކުވައިދޭ އެހާމެ ތާރީޚީ ރީތި ބިނާ ތަކެއް ފަރުމާކޮށްފައިވާ އާކިޓެކްޓެއްކަން ގިނަ ލިޔުން ތަކަކުން ފެންނަން އެބައޮތެވެ. މި ގޮތުން، ދިއްލީގައި ހުންނަ މަޝްހޫރު ރެޑް ފޯޓް އަދި ޖަމާ މިސްކިތަކީވެސް އުސްތާޛް އަޙްމަދު ލަހޯރީގެ ފަރުމާތައް ކަމުގައި އެނގެން އެބައޮތެވެ.

ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން 1 އަޖައިބަށް 2007 ވަނަ އަހަރު ތާޖް މަހަލް ވަނީ ހަމަޖައްސާފައެވެ. 7 އަޖައިބުގެ ތެރެއަށް ތާޖް މަހަލް ލާފައިވަނީވެސް މި ތަން ފަރުމާކޮށްފައިވާ ގޮތުގެ ރީތިކަމާއި، ތާރީޚާއި ސަގާފަތުގެ މުއްސަދިކަމާއި ފަންނު ވެރިކަމުގެ މޮޅުކަން އިންތިހާއަށް ފެންނާން އޮތުމުންނެވެ.

މިސާލަކަށް ދަންނަވާލާނަމެވެ. ތާޖް މަހަލް ޒީނަތްތެރި ކޮށްފައި ވަނީ އަލި ޖަވާހިރު ފަދަ ސަންގުމަރުމަރު ހިލަ އެކި ގޮތްގޮތަށް ކަނޑާ ނަގައިގެން (ޕީއޭޓްރަ ޑުރާ އާޓިސްޓިކް ޓެކްނިކް) ރީތި، ސާދާ އަދި ކަވި އަތްތެރި މަސައްކަތުންނެވެ. އަޖަބަކަށް ވަނީ މިތަނުގައި ބޭނުންކޮށްފައި ހުރި ހިލަ ތަކުގެ ކުލަ ދުވާލުގެ އެކި ވަގުތުތަކުގައި އިރުގެ ދޯދި ތަކާއެކު ބަދަލުވާތީއެވެ. "ކްރޯމާޓިސިޓީ" މާބްލްސް ބޭނުން ކޮށްފައި  ހުރީ ހެނދުނުގެ ވަގުތު ތަކުގައި ފިޔާތޮށި ކުލަ، ހަވީރު ގަޑީގައި ކިރުކުލަ އަދި ރޭގަނޑުގެ ހަނދުވަރުގެ ވަގުތު ތަކުގައި ރަންވަރަންގު ކުލަ އަރާ ގޮތަށެވެ. ލިޔުންތަކުން އެނގޭ ގޮތުގައި، ކުލަ ބަދަލުވާ ގޮތަށް ތަން ޒީނަތްތެރިކުރީ އަނބިކަނބަލުން މުމްތާޒްގެ މޫޑު ބަދަލުވާގޮތް ދައްކުވައިދޭ ރަމްޒެއްގެ ގޮތުންނެވެ.

މި އަޖައިބު ކުރުވަނި ބިނާ ޔުނެސްކޯއިން ވަނީ ހިމާޔަތްކޮށްފައެވެ. ޔުނެސްކޯގެ ވޯލްޑް ހެރިޓެޖް ސައިޓެއްގެ ގޮތުގައި  ތާޖް މަހަލް ހަމަޖައްސާފައި ވަނީ 1983 ވަނަ އަހަރުއެވެ.

ވީމާ، ދިވެހިންވެސް ހިމެނޭ ގޮތަށް ކޮންމެ އަހަރަކު އެތައް މިލިއަން މީހުން ޒިޔާރަތް ކުރާ ތާޖް މަހަލްގެ މި ބިނާއަކީ އެކި ފަންނުގެ އެކި މީހުންގެ ލޯބި ލިބިފައިވާ އަޖައިބެއްފަދަ ރީތި، ސާދާ އަދި ތާރީޚީ ބިނާއެކެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *