ޝަހީމް އުޝާމް އަދި ހައިދަރަށް އަލުން ރުހުން ހޯދަން ފޮނުވައިފި

ޝަހީމް އުޝާމް އަދި ހައިދަރަށް އަލުން ރުހުން ހޯދަން ފޮނުވައިފި

ރައްޔިތުން މަޖިލީހުން ރުހުން ނުދިނުމުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އަލުން ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި ތިން ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. މަޖިލީހުން ބުނީ އެ ބޭފުޅުންނަށް އަލުން ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާފައި ވަނީ މިއަދު ކަމަށެވެ. އެ ބޭފުޅުންނަކީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރ ކަމަށް ޑރ. އަލީ ހައިދަރު އަހުމަދުގެ އިތުރުން އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ހުސްވި ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން ހައިދަރަށާއި އުޝާމަށް ރުހުން އޮތް ކަމަށް ވޯޓު ދެއްވީ އެންމެ 24 މެންބަރުންނެވެ. ހައިދަރަށް ރުހުންދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއެވެ. އުޝާމަށް ރުހުންދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއެވެ. ޝަހީމަށް ރުހުން އޮތްކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ރުހުންދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވައި 8 މެންބަރަކު ތިއްބެވިއެވެ.

މަޖިލީހުން ރުހުން ނުދޭން ފާސްކުރި ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ބޭފުޅުން ކުރިން ތިއްބެވި މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ. އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ދަނީ، އެކަމަކީ މަޖިލީހުގެ އަގު ވައްޓާލުމަށް ރައީސް މުއިއްޒު ކުރެއްވި ކަމެއްކަމަށް ވިދާޅުވެ ފާޑު ކިޔަމުންނެވެ. އަދި އެފޮތަށް މަޖިލީހުން ރުހުން ނުދޭން ނިންނި ބޭފުޅުން އަލުން ހަަމަ އެމަގާމު ތަކަށް އައްޔަން ނުކުރެވޭނެ ކަމަށްވެސް އެމްޑީޕީގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *