ރައީސް އޮފީހުގެ ރަސްމީ އެންގުމެއް: ރޯދަ މަހުގެ ފަހު ދިހައެއް ބަންދު

ރައީސް އޮފީހުގެ ރަސްމީ އެންގުމެއް: ރޯދަ މަހުގެ ފަހު ދިހައެއް ބަންދު

ކުރިއަށް އޮތް ރޯދަ މަހުގެ ފަހު ދިހައެއް، ސަރުކާރު ބަންދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީކޮށް މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައި ބުނެފައި ވަނީ މި ގޮތަށް ހަމަޖެއްސެވީ، ރާއްޖޭގައި އިސްލާމީ އުޞޫލުތައް ޤާއިމު ކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ، މި ސަރުކާރުގެ ރިޔާސީ ވަޢުދަކަށްވާތީ ކަމަށެވެ.

ރަމަޟާން މަހުގެ ފަހުދިހަޔަކާއި ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ޚިދުމަތްތައް ދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލު ކުރައްވައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ޚިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި އެ މުއައްސަސާތަކުން އެ ޚިދުމަތްތައް ދެއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް، އެކި ވަސީލަތްތައް މެދުވެރިކުރައްވައި، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފު ކޮށްދެއްވުމަށާއި، އެކަންކަމުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ޙިއްޞާ ކޮށްދެއްވުމަށްވެސް  ރައީސް އޮފީހުން ވަނީ ސަރުކާރުގެ މުއައްސަސާ ތަކަށް އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *