މިއަދު ކުރިޔަށް ދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އޮމާން ކަމާއެކު ކުރިޔަށް ދިޔައީތީ އެމްޑީޕީގެ އެންމެ އިސްލީޑަރ އަދި ވަގުތީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު، އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވި ކޮމިޓީ އަށާއި ވޯޓުލީ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޕްރައިމަރީ ނިމުނުތާ ގިނައިރުތަކެއް ނުވަނީސް ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީން މޮޅުވެ އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދައިދިނުމަށްޓަކައި، ޕްރައިމަރީގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވެސް ކުރިއަށް އޮތްތަނުގައި އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
"މަޖިލިސް އިންތިޙާބު އެމް.ޑީ.ޕީން ކާމިޔާބު ކުރުމަށް ޕްރައިމަރީގައި ވާދަކުރެއްވި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް." ރައީސް ސޯލިހު ވިދާޅުވިއެވެ.
ޕްރައިމަރީ ކުރިޔަށްދިޔައިރު އެތަނަށް ވަޑައިގެން މީޑިޔާތަކާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ކާމިޔާބުވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ކުރިޔަށްދިޔަ އެމްޑީޕީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާރު މަޖިލީހުގައި ތިއްބެވި ބަޔެއް މެމްބަރުން ވަނީ ޕްރައިމަރީން ނާކާމިޔާބާ ކުރިމަތިވެފައެވެ. ނަމަވެސް މެމްބަރު ކަމުގައި ތިއްބެވި ބަޔެއް މެމްބަރުން ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވައި އިތުރު ދައުރަކަށް ޓިކެޓް ކަށަވަރު ކުރައްވާފައެވެ.