ޝާހަދަތުގެ ދެކަލިމަ: ފާފަތަކަށް އަރައިގަތުމާ އިންސާނާ ދުރުކޮށްދޭ!

ޝާހަދަތުގެ ދެކަލިމަ: ފާފަތަކަށް އަރައިގަތުމާ އިންސާނާ ދުރުކޮށްދޭ!

ފާފަތަކަށް އަރައިގަތުމަށް، ނުވަތަ ކުށެއް ކުރުމަށް ހަވާނަފްސު ކިތަންމެ ބޭނުންވި ނަމަވެސް، ޝަހާދަތުގެ ދެކަލިމައިގެ ސަބަބުން އިންސާނާ ފާފަތަކަށް އަރައިގަތުމާވެސް ދުރުކޮށްދޭ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ޝަހާދަތުގެ ދެކަލިމައިގެ މައްޗަށެވެ. އެގޮތުން އިންސާނާގެ އަޚްލާގައިި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީޢަތާ އެއްގޮތަށް ބިނާވުމަކީ ޝަހާދަތުގެ ދެކަލިމައާއި ހަޔާތް ގުޅިފައިވާ ކަމުގެ ނިޝާނެއް ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި ޝަހާދަތުގެ ދެކަލިމައިގެ މަތީގައި ހުންނަ މީހަކު، ﷲ އާއި ރަސޫލާ ކަމެއް ކުރުމަށް އަމުރު ކުރައްވާފައިވާނަމަ، ނުވަތަ ނަހީ ކުރައްވާފައިވާނަމަ، އެކަމުގައި އެ މީހަކަށް އިޚްތިޔާރީ ގޮތެއް ނިންމުމުގެ ބާރު އޮތް ކަމަށްވެސް ނުދެކޭނެ ކަމަށް ބުނެފައިވެއެވެ.

ޝަހާދަތުގެ ދެކަލިއަކީ އިސްލާމް ދީން، އެ ދެކަލިމައެއްގެ މައްޗަށް ބިނާވެފައިވާ އިސްލާމް ދީނުގެ ބިންގާ ކަން ފާހަގަ ކުރަމުން ހުތުބާގައި ބުނެފައި ވަނީ ޝަހާދަތުގެ ދެކަލިމައަކީ ޖަހާލަތުގެ ކުފުރާއި އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރު ކަމަށެވެ. ﷲގެ އަޒާބާއި އުގޫބާތުގެ ހުރަގެ ކަމަށްވާ ޖަހަންނަމައިން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނައަކީވެސް ޝަހާދަތުގެ ދެކަލިމަ ކަމަށާއި، އަދި އެއީ އެކަލާންގެ ދިންނެވުމާއި ނިޢުމަތުގެ ގޯތި ކަމުގައިވާ ސުވަރުގެއަށް އިންސާނާ ވާސިލް ކޮށްދޭނެ ވަސީލަތް ކަމުގައިވެސް ބުނެފައިވެއެވެ. ހަމައެހެންމެ، އެއީ އަހަރެމެން އޭގެމަތީގައި ދިރިއުޅުން ބިނާކުރާ އިސްލާމީ ޝަރީޢަތުގެ އަސާސް ކަމުގައިވެސްވެއެވެ.

ޝާހާދަތުގެ ދެކަލިމައަށް ފުރިހަމައަށް އީމާން ވުމަށްޓަކައި މުސްލިމުންގެ ހަޔާތާ ގުޅިފައިވާ ގޮތަށް ދެނެގަތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ސަބަބަކީ ޝާހާދަތުގެ ދެކަލިމަ ނިސްބަތް ވަނީ ﷲ އާއި އެކަލާންގެ ރަސޫލާއަށް ކަމުގައިވާތީ ކަމަށްވެސް ބުނެފައިވެއެވެ. ޝާހަދަތުގެ ދެކަލިމައިގެ މާނަ، ހިތުގެ އަޑިން ގަބޫލުކުރާ މީހާ ކީރިތި ޤުރުއާން އާއި ރަސޫލާގެ ހަދީސްއާ އޭނާގެ ހަޔާތް ގުޅުވާލާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *