ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބޭ ފިލްމް "އާޝިގީ" ގެ ތިންވަނަ ފިލްމް "އާޝިގީ3″ އިއުލާން ކުރީ މިދިއަ އަހަރުގެ ފަހުކޮޅުގައިއެވެ. މި ފިލްމް އިއުލާން ކުރީ ލީޑު ތަރިއަކީ ކާތިކް އާރިޔަން ކަމަށް ބުނެއެވެ.
އަސަރުގަދަ ލޯބީގެ ވާހަކަ ތަކެއް ފެނިގެންދާ މި ފިލްމް އިން ކާތިކް އާއި އެކުގައި ފެނިގެންދާނީ ކޮން ތަރިއެއްތޯ ބަލާލާ ހިތުން ފޭނުން ތިބީ ކެތްމަދުވެފައިއެވެ. އަދި ބައެއް ނަންތަށް މިހާރު ތިވަ ވެފައިވެސް ވެއެވެ.
ފަހުގެ ހަބަރުތަށް ބުނާގޮތުގައި މި ފިލްމްގެ ލީޑުން ފެނިގެންދާނީ ކާތިކް ގެ ކުރީގެ ލޯބިވެރިއާ ސާރާ އަލީ ހާންއެވެ. ނަމަވެސް ސާރާ ވަނީ އެ ފިލްމް އޭނާ އަށް ހުށަ ނާޅާ ކަމަށް ބުނެފައިއެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ އެ ފިލްމު އޭނަ އަށް މިހާތަނަށް އޮފާކޮށްފައި ނެތް ކަމަށެވެ. އެކަމަކު ފުރުސަތު ލިބިއްޖެ ނަމަ ކާތިކާ އެކީ "އާޝިގީ 3″ ކުޅެން ތައްޔާރަށް ހުރި ކަމަށް ބުންޏެވެ. ސާރާ އާއި ކާތިކް އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2020 ގެ "ލަވް އާޖް ކަލް" އެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުކޭޝް ބަޓް މިދިޔަ އަހަރުގެ ފަހުކޮޅު ބުނެފައި ވަނީ "އާޝިގީ 3″ އިން އާ ބަތަލާ އަކު ތައާރަފުކުރާނެ ކަމަށެވެ. މި ފިލްމް ޑައިރެކްޓް ކުރަނީ އަނުރާގް ބާސޫއެވެ. "އާޝިގީ 3″ ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
"އާޝިގީ" މި ނަމުގައި މީގެ ކުރިން ވަނީ ދެ ފިލްމް އެއް ގެނެސް ދީފައިއެވެ. މި ފިލްމް ތަކަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަދައިފާ ފިލްމް ތަކެވެ. އެގޮތުން 1990 ވަނަ އަހަރު ގެނެސްދިން "އާޝީގީ" އަކީ ފިލްމްގެ އިތުރުން އެ ފިލްމްގެ ލަވަތަށްވެސް ވަރަށް ބޮޑަށް މަގުބޫލުވި ފިލްމްއެކެވެ. ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވަނީ ރާހުލް ރޯއީ އާއި އަނޫ އަގަރްވާލްއެވެއެވެ.
"އާޝިގީ 2″ ގެ ނަމުގައި 2013 ވަނަ އަހަރު ވެސް ވަނީ ފިލްމްއެއް ގެނެސްދީފައިއެވެ. ލީޑޫން އަދިއްތިޔާ ރޯއީ ކަޕޫރު އާއި ޝްރައްދާ ކަޕުރު ފެނިގެންދިއަ މި ފިލްމް އަކީ ވެސް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އަދި ހަމަ އެއާއި އެކުގައި އެހާމެ އަސަރުގަދަ ލަވަތަކެއްވެސް ހިމެނޭ ފިލްމްއެކެވެ. މި ދެފިލްމް އަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމްއެވެ.