ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ އަނބިކަބަލުން، އަދި މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލަށް އެޑްރެސްކޮށް އަމިއްލަ ފަރާތަކުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަންއިން އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގަވާއިދާއި ޚިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްދީ އެކަމުން މާލީ ތަނަވަސްކަން ހޯދަމުންދާކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާކަމަށާއި، އެކަން އޭސީސީގެ ސަމާލުކަމަށް ގެނައުމަށް އޭނާ ބޭނުންވާ ކަމުގައެވެ.
އަދި އޭނާގެ ސިޓީގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ނަހުލާގެ އިތުރުން މިކަމުގައި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކުވެސް ޝާމިލުވާ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
އޭސީސީއަށް ކޮރަޕްޝަންގެ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ އެ މުވައްސަސާއިން މި މައްސަލަ ތަހުގީގު ކޮށްދިނުމަށެވެ.
މަހުމޫދު ޝައުގީގެ ނަމުގައި އަމިއްލަ ފަރާތުން އޭސީސީއަަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ، އެ ސިޓީއާއެކު ތަފްސީލު ހިމަނާފައިވާ، އަދި ގާނޫނާއި ޚިލާފަށް 57 އެއްގަމު އުޅަދެއް ރަޖިސްޓްރީ ކުރި ގޮތުގެ ރިޕޯޓުވެސް ހިމަނާފައިވާ އުޅަދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދުގެ 2 ވަނަ އިސްލާހުގެ (ޅ) ނާޖާއިޒް ގޮތުގައި ބޭނުންކޮށްގެން ކަމުގައެވެ.
ސިޓީގައި ބަޔާން ކޮށްފައިވާ ގޮތުގައި، އެހެންނަމަވެސް މި އުޅަދުތައް ރަޖިސްޓްރީ ކުރުމަށް، އެއްގަމު އުޅަދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ 1 ވަނަ އިސްލާހުގެ (ކ)ގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ (އެލް 10) ހުށަހަޅާފައި ނުވާ ކަމުގައެވެ. މީގެ އިތުރުން މިއުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާއިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓު މިނިސްޓްރީގައި އެންޓްރީ ހެދުމަކާނުލާ އަދި ޖަވާބު ދިނުމަކާނުލާ މި އުޅަނދުތައް ސިއްރިޔާތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ޚިދުމަތް އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ފުރިހަމަ ކޮށްދޭކަމަށްވެސް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ. އަދި މިނިސްޓަރ ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ޚިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރުގެ ސޮއިކޮށް ހުއްދަ ދީފައިވާކަމަށް ލިޔެފައިވާކަމަށްވެސް އޭސީސީއަށް އަމިއްލަ ފަރާތުން ހުށަގެޅި ސިޓީގައި ލިޔެފައި ވެއެވެ.
ސިޓީގައި ބުނެފައިވަނީ މި އުޅަދުތައް އެތެރެ ކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަދުގެ ވިޔަފާރިކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވާއިގެން، ރަޖިސްޓްރީ ކުރެވޭނެކަމުގެ ޔަގީންކަމާއެކު ކަމަށެވެ. އަދި މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަޑު ވާކަމަށް ސިޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުގެ ނަމުގައި ހުށަހަޅާ ސިޓީތަކުގެ އިބާރާތަށް އަދި ލިޔުމުގައި ބޭނުން ކޮށްފައިވާ ފޮންޓް އަދި އުޅަނދުތައް އެތެރެކުރި ފަރާތްތަކަކީ އެއްބައެއްކަން އެގޭކަމަށްވެސް އޭސީސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.
ސިޓީ ހުށަހެޅިފަރާތުން ވަނި އޭސީސީއަށް އުޅަދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްތައްވެސް އެއް ކަރުދާސްކޮށްކޮށް ހުށަހަޅާފައެވެ. އަދި 57 އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ގަވާއިދާ ޚިލާފް ވެފައިވާ ގޮތްކަމަށް ބުނެ ތައްޔާރު ކޮށްފައިވާ ރިޕޯޓެއްވެސް ހުށަހަޅާފައެވެ.
ޓްރާންސްޕޯޓު މިނިސްޓްރގެ އެތެރޭގައި ކޮރަޕްޝަންގެ އެތައްކަމެއް ހިގަމުންދާކަމަށް ވިދާޅުވެ، މިނިސްޓަރު ނަހުލާ ފާއިތުވެދިޔަ ތަނުގައި ވިދާޅުވެފައިވަނީ އެކަން ހުއްޓުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމުއެވެ.