އިދިކޮޅު ޕީޕީއެމްގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފް އިދިކޅު ކޯލިޝަންގެ ވިޕްލައިނާ ޚިލާފަށް، ޓެކްސް ބިލާ އެއްކޮޅަށް މިއަދު ވޯޓު ދެއްވައިފިއެވެ.
މިއަދު ފާސްކުރި ޓެކްސް ބިލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާޙޫ ފާސްކުރަން ފެންނަ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވި 55 މެންބަރުން ވޯޓު ދެއްވިއެވެ. މިބިލާ ދެކޮޅަށް ވޯޓުދެއްވީ 26 މެންބަރެކެވެ.
ފާއިތުވެދިޔަ ދެ ޖަލްސާގަވެސް ޓެކްސް ބިލަށް ވޯޓަށް ނާހާ ލަސްކުރުމަށްފަހު މަޖިލިސް ރައީސް މިއަދު ބިލަށް ވޯޓަށް އަހާފައި ވާއިރު، ބިލާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވޯޓު ދީފައިވަނީ 14 މެމްބަރުންނެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 51 މެމްބަރަކު ވޯޓު ދީފައިވަނީ ބިލާއި އެއްކޮޅަށެވެ.
ހުސެއިން މުހައްމަދު ލަތީފް ފިޔަވާ ޕީޕީއެމް ޕާލަމެޓްރީ ގްރޫޕުގެ ތެރެއިން މިއަދު ބިލަށް ދެން ވޯޓު ދެއްވާފައި ނުވަނީ އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރަށުގައި ނޫޅުއްވައެވެ. އިދިކޮޅު ޕީޕީއެމް ޕިއެންސީގެ ޕީޖީގައި ހިމެނޭ އެހެން ހުރިހާ މެމްބަރުން ބިލާއި ދެކޮޅަށް ވޯޓު ދީފައިވާއިރު، މަޖިލީހުގައި ތިއްބަވާ އެމްއެންޕީގެ ތިން މެމްބަރުންވެސް ވޯޓު ދެއްވާފައިވަނީ ބިލާއި ދެކޮޅަށެވެ.
އޭގެ އިތުރުން ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ 3 މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ބިލާ އެއްކޮޅަށް ވޯޓު ދެއްވި އިރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވޯޓު ދެއްވާފައިވަނީ ބިލް ފާސް ނުކުރުމަށެވެ. ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ.
މަޖިލީހުގައި ހިމެނިވަޑައިގަަންނަވާ މިނިވަން މެމްބަރުންގެ ތެރެއިން ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު ބިލް ފާސްކުރުމަށް ވޯޓު ދެއްވިއިރު، ތުލުސްދޫ ދާއިރާގެ މެމްބަރު އިބުރާހިމް ނަސީމް ވޯޓު ދެއްވާފައިވަނީ ބިލާއި ދެކޮޅަށެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މިގެނައި އިސްލާހުގައި ވާގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑު ވެގެން ދާނެއެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.