ޕީޖީގެ މަސްރިޕޯޓު: މިދިޔަ މަހު 225 މީހަކަށް، 317 ދައުވާ!

ޕީޖީގެ މަސްރިޕޯޓު: މިދިޔަ މަހު 225 މީހަކަށް، 317 ދައުވާ!

ނިމިދޔަ އޮކްޓޫބަރު މަހު ޖުމުލަ 167 މައްސަލައެއްގައި 225 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިކަން ހާމަކުރައްވާފައިވަނީ އޮކްޓޫބަރު މަހު ޕީޖީ އޮފީހުގެ މަސައްކަތުގެ ތަފާސްހިސާބުތަކުގެ މައްޗަށް ލިޔުއްވި މަޒުމޫނެއްގައެވެ. އޭނާ މި މަޒްމޫން ލިޔުއްވީ އަމިއްލަފުޅު ބްލޮގުގައެވެ. މަޒްމޫނުގެ ލިންކެއް ޕީޖީއޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ޝަފިޢު ވަނީ ޕީޖީ އޮފީހުގެ މީޑިއާ ވައިބަރ ގްރޫޕުގައި ޢާއްމުކުރައްވާފައެވެ.

މިތަފާސްހިސާބުގެ މައްޗަށް ޕީޖީ ލިޔުއްވި ލިޔުއްވުމަށް އޭނާ ދެއްވި ނަމަކީ މަސް ރިޓު ދިރާސާކުރެއްވުމެވެ.

އެއީ ރޭޑިއޯއިން، ކުރީގައި އޭނާ އެންމެ އަޑުއަހާ ހިތްވާ އެއް ޕްރޮގްރާމަކީ، ދުވަހުގެ މަސްރިޕޯޓުކަމަށްވާތީ އެއަށް ނިސްބަތްކޮށްކަމަށް ވިދާޅުވެފައިވެއެވެ.

"ކޮންމެ ރެއަކުވެސް، ރޭގަނޑު 7 ގެ ޚަބަރުގެ ފަހުން އަންނަ ރިޕޯޓެކެވެ. ކޮންމެ ދުވަހަކު، ކޮންމެ ރަށަކުން މަހަށް ފުރި ދޯނީގެ ޢަދަދާއި ބޭނިމަހުގެ ޢަދަދު ރިޕޯޓުގައި ކިޔައެވެ. މިކަންކަން މިމަގުން ހިންގަނީ ކޮން ބޭނުމެއްގައިކަމެއް އޭރަކު ނޭނގެއެވެ. ނަމަވެސް، މަސްވެރިންގެ ދުވަހު، އެންމެ ގިނަ ދުވަހު މަހަށްފުރި ދޯންޏަށް އިނާމުދޭތީ، މިތަފާސް ހިސާބުގެ އިތުރު ބޭނުމެއް އޮތްކަމަށް ވިސްނެއެވެ. އިޤްޠިޞާދީ އަދި މެނޭޖްމަންޓުގެ ބޭނުމަށް، މިމަޢުލޫމާތު އެއްކޮށް، ދިރާސާކުރުމުގެ މުހިންމުކަން ވިސްނެންފެށީ އަދި މާފަހުންނެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައްވެސް ކުރެވޭ މިންވަރާއި، ކާމިޔާބު ނުވަތަ ނާކާމިޔާބު ވާ މިންވަރު އެނގޭނީ، މަސްރިޕޯޓު ގޮތަށް، ކޮންމެ ދުވަހަކު ހިނގާ ކޮންމެ ކަމެއް ބަލައިގެންކަމަށާ، މިފަހަރު މި ގެނެސްދެނީ، އޮކްޓޯބަރ މަހުގެ މަސްރިޕޯޓުގެ ޚުލާޞާ ދިރާސާއެއްކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

މި ލިޔުމުގައި ޝަމީމް ވިދާޅުވެފައިވަނީ އޮކްޓޯބަރު މަހު، ޑްރަގް ކޯޓު ފިޔަވައި، އެންމެ ގިނަ މައްސަލަ ނިންމީ ކްރިމިނަލް ކޯޓުންނާއި މާލެ އަތޮޅުގެ ކޯޓުތަކުން ކަމަށެވެ. އެއީ 48 މީހެއްގެ މައްސަލައެވެ. އޭގެ ތެރެއިން 43 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، %90 ކާމިޔާބުގެ ރޭޓެއް ހިފެހައްޓާފައިކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި 3 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް 2 މައްސަލައެއްގައި ނިންމިކަމަށާ، އެ 2 މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިކަން ޝަމީން ފާހަގަކުރެއްވިއެވެ.

ޝަމީމް ވިދާޅުވިގޮތުގައި ދެން އެންމެ ގިނަ މައްސަލަ ނިންމީ ހދ.އަތޮޅުންނެވެ. އެއަތޮޅުން ނިންމި 15 މައްސަލައިގެ ތެރެއިން 9 މީހެއްގެ މައްސަލަ ސާބިތުވިއެވެ. ސާބިތުނުވީ 7 މީހެއްގެ މައްޗަށެވެ. ސާބިތުނުވި މައްސަލަތަކުގެ ދައުވާ ކޯޓަށް ހުށަހެޅިފައިވާ އަހަރުތަކަށް ބެލިއިރު އޮތީ، 2009، 2012، 2018 އަދި 2019 ގެ އެއް މައްސަލައާއި، 2020 ގެ ދެ މައްސަލައާއި 2021 ގެ އެއް މައްސަލައެވެ. މިހުރިހާ މައްސަލައެއްވެސް ސާބިތުނުވެފައި އޮތީ ހެކިންގެ ހެކިބަސް ނުލިބިގެންނެވެ. ހެކިންގެ ހެކިބަސް ނުލިބުމާ، މައްސަލަ ނުނިމި ގިނަ ދުވަސްވުމާ ގުޅުމެއްވާކަން، ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކައެވެ. އެންމެ ގިނަ މައްސަލަ ކޯޓުތަކުން ނިންމެވީ އޮކްޓޯބަރު މަހުގެ 3 ވަނަ ހަފްތާގައި 56 މައްސަލައެވެ.

ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތަފްޞީލަށް ބަލާއިރު، އޮކްޓޯބަރު މަހު، 167 މައްސަލައެއްގައި، 317 ދަޢުވާ ފޯމަކުން، 225 މީހެއްގެ މައްޗަށް، 16 އަތޮޅެއްގެ ކޯޓުތަކަށް ހުށަހަޅާފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު ދައުވާލިބުނު މީހުންގެ އެވްރެޖް ޢުމުރަކީ 31 އަހަރެވެ. އެންމެ ގިނަ މައްސަލަ ހުށަހެޅިފައި އޮތް ފަސް ކޯޓަކީ، ކްރިމިނަލް ކޯޓު (112)، ޑްރަގް ކޯޓަށް (69)، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު (22)، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު (13)، އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓު (8) އެވެ.

ހަމައެކަނި އޮކްޓޯބަރު މަހު ޕީޖީ އޮފީހަށް ބަލައިގަތް މައްސަލަތައް، ކޯޓަށް ހުށަހެޅުމުގެ ހުރިހާ މަރްޙަލާއެއްގައި ހޭދަވެފައިވަނީ 7 ދުވަހުވެ. ޤާނޫނުން ލިބިދެނީ ޢާންމު ޙާލަތުގައި 10 ދުވަހުވެ. ފުލުހުންނާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރުމާއި، މައްސަލަ ކޯޓަށް ހުށަހެޅުމާ ދެމެދު ހިނގާފައި އޮތީ، އެވްރެޖްކޮށް 25 ދުވަހެވެ.

މިމަހު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ 79.5% (252 ދަޢުވާ) އަކީ މިއަހަރުގެ ހާދިސާތަކާ ގުޅޭ ދައުވާތަކެވެ. 2021 ވަނަ އަހަރުގެ 34 ޙާދިސާ (10.73%) އަކާއި، 2020 ވަނަ އަހަރުގެ 12 ޙާދިސާ (3.79%) އެވެ.

އޮކްޓޯބަރު މަހު އެންމެ ގިނައިން ހުށަހެޅިފައިވާ ފަސް ބާވަތުގެ މައްސަލަތަކަކީ، މަސްތުވާތަކެއްޗާގުޅޭ އެކިއެކި ދައުވާތަކާއި (47 މީހުން)، ޓެރަރިޒަމާ ގުޅޭ ދައުވާތައް (14 މީހުން) އެންޓި ޓޯޗަރގެ ޢަމަލުތަކާ ގުޅުންހުރި ދައުވާ (10 މީހުން) އާއި ފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ (15 މީހުން) ނެވެ.

ދައުވާކުރާ މައްސަލަތަކުގެ މަސްރިޕޯޓު މުހިންމުވަނީ ކުށް މަދުކުރަން ކުރާ މަސައްކަތާއި ޕޮލިސީ ހެދުމުގެ މަސައްކަތަށްޓަކައިކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އެގޮތުން ބަލާއިރު އޮކްޓޯބަރު މަހު، މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައި (ފަރުވާގެ ފުރުޞަތު ލިބިދިނުމަށްޓަކައި) ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ، ކެނަބިސް ބޭނުންކުރިކަމަށް ތުހުމަތުކުރެވުނު 43 މީހުންގެ އެވްރެޖް ޢުމުރަކީ 28 އަހަރެވެ. ނަމަވެސް، ޑައިމޯފިން ބޭނުންކުރިކަމަށް ތުހުމަތު ކުރެވިގެން ދައުވާ ކުރެވުނު 37 މީހުންގެ އެވްރެޖް ޢުމުރަކީ 36 އަހަރެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވިގެން ދައުވާ ކުރެވުނު 7 މީހުންގެ އެވްރެޖް ޢުމުރަކީ 40 އަހަރެވެ. ޒިނޭކުރިކަމަށް ތުހުމަތު ކުރެވިގެން ދައުވާކުރި 7 މީހުންގެ އެވްރެޖް ޢުމުރަކީ 30 އަހަރެވެ. ވީމާ، ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތައް، މިދެންނެވި ޢުމުރުފުރާތަކަށް ބަހައިގެން ތަރުތީބުކުރެވިދާނެކަން ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *