މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާ، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކޮށް ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައި ވާއިރު، ގޮޓަބަޔަ ދަރުރު ކުރައްވަމުން ދިޔަ އަސްކަރީ މަތިންދާ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމު ފުރުސަތު، ރާއްޖޭގެ އެއަރ ޓްރެފިލް ކޮންޓްރޯލުން އެންމެ ފުރަތަމަ ދީފައި ނުވާކަމަށާއި، އަސްކަރީ މަތިންދާ ބޯޓު ރާއްޖޭގައި ޖައްސާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރިވެގެން ކަމުގައި، ސީއެންއެން ރިޕޯޓު ކޮށްފިއެވެ.
އިސްތިއުފާ ދެއްވުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސް ގައުމުދޫކޮށް، އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ އޭނާގެ އަނބިކަބަކުންނާއެކީ، ސްރީ ލަންކާގެ އަސްކަރިއްޔާގެ AN32 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.
އިސްތިއުފާ ދެއްވާނޭކަން އިއުލާން ކުރައްވާފައިވާ، ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ސްރީ ލަންކާ ދޫކޮށް ދޫކޮށް ދިއުމަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ސްރީ ލަންކާގެ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްރީ ލަންކާއިން ފުރައިގެން ދިއުމަށް ގޮޓަބަޔަ އިއްޔެ މަސައްކަތް ކޮށްފައިވަނީ ދުބާއީއަށެވެ. ސްރީ ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުރާވަޑައިގަތުމަށް ގޮޓަބަޔަ ހޯމަދުވަހު އެއަރޕޯޓަށް ވަޑައިގެންފައިވަނީ އާއިލާގެ 15 މީހެއްގެ ޕާސްޕޯޓާއެކީއެވެ. އެމީހުންގެ ފްލައިޓް ބުކިން ހަދާފަ އޮތީ ހަވީރު 6:25ގައި ދުބާއީއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓުންނެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިމިގްރޭޝަންގެ އޮފިޝަލުން ގޮޓަބަޔަ ވީއައިޕީއޭރިއާއަށް ވަނުމުގެ ފުރުސަތު ނުދިނުމުގެ ސަބަބުން ޔުނައިޓޭޑް އަރަބް އެމިރޭޓްސްއަށް ފުރައިގެން ދިޔަ 4 ފްލައިޓަކުން ގޮޓަބަޔައަށް ވަނީ ޖާގަ ލިބޭ ގޮތް ނުވެފައެވެ. އަދި ދުބާއީއަށް ފުރާވަޑައިގެންނެވޭ ގޮތް ނުވުމުގެ ސަބަބުން އަނބިކަބަލުންނާއެކީ އެބުރި ވަޑައިގެންނެވީ އެއަރޕޯޓުގެ ކައިރީގައި ހުރި މިލިޓަރީ ބޭސްއަކަށެވެ.
ގޮޓަބަޔައަކީ އަދިވެސް ސްރީ ލަންކާގެ ރައީސް ކަމަށްވުމާއެކު، އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އަދިވެސް ސްރީ ލަންކާގައި ނެތެވެ. ގަބޫލުކުރެވޭ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އޮތުމާއި ގުޅިގެން، ހަޔަރުން ސަލާމަތް ވުމަށްޓަކާ އޭނާ ބޭނުންފުޅުވަނީ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކޮށް ވަޑައިގެންނެވުމަށެވެ.
2009ވަނަ އަހަރު ސްރީ ލަންކާގެ ތަމަޅައިން ވަކިވެގަތުމަށް ކުރަމުން އައި ހަނގުރާމަ ނިމުމަމަށް އައިއިރު، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން އިންސާނިއްޔަތާއި ޚިލާފް އެތައް އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ގޮޓަބަޔަގެ މައްޗަށް ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ކުރެވިފައެވެ.
ފާއިތިވި 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިތުހުމަތުތަކާއި ކުރިމަތި ލުމަށް ގޮޓަބަޔަ ކޯޓުތަކަށް ހާޒިރު ކުރެވިފައެއް ނުވެއެެވެ.
ގޮޓަބަޔަ މަގާމުން އިސްތިއުފާ ދެއްވާނޭކަން ހާމަ ކޮށްފައިވަނީ، އޭނާގެ އިސްތިއުފާއަށް ގޮވާ، ސްރީ ލަންކާގެ ރައްޔިތުން މުޒާހިރާ ކުރަމުންދާތާ އެތައް މަހެއް ފާއިތުވެގެން ދިޔަފަހުންނެވެ.





