ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހަކު، ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
ބަންދުގެ މުއްދަތު ޖަހާފައިވަނީ، އުއްދަޑިމާގެ / ހދ. ކުޅުދުއްފުށީ ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ)، މަލަ / ކ. ގާފަރު އަޙްމަދު ސިނާޒް (30އ) އާއި، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 21 އަހަރުގެ ދެ ދިވެހި ފިރިހެނުންނަށެވެ. ޢަބްދުﷲ ސައްމާޙަކީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާކަމަށް ވާއިރު، އަޙްމަދު ސިނާޒަކީ އެ ސައިކަލުގެ ފަހަތުގައި އިން ކަމަށް ތުހުމަތުކުރެވޭ މީހާއެވެ. މި ހަތަރު މީހުންގެވެސް ޔޫރިންގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ.
ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ފަތިހު 04:29 ހާއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ފުލުހުން ޖަހާފައި ހުރި ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރުކޮށް ދުއްވާފައި އައި ސައިކަލެއް ޗެކްޕޮއިންޓްގެ ބެރިކޭޑުގައި ޖެހި، ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހުނެވެ. އޮފިސަރުގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.





