ޢީދު ފާހަގަކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުގެ ތެރޭގައި: ޚުތުބާ

ޢީދު ފާހަގަކުރަންޖެހޭނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުގެ ތެރޭގައި: ޚުތުބާ

އީދު އުފާ ފާހަގަކުރަންވާނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުން ބޭރު ނުވާ ގޮތަކަށްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އަރަފާތު ދުވަހުގެ މާތް ކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ ވޭތުކުރަމުން މި ދަނީ ހައްޖު މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ކަމަށާއި، މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތައް ކަމަށެވެ. އަދި މިއީ ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތައް ކަމަށާއި، ހެޔޮ އަމަލު ގިނަކުރަންވީ ދުވަސްތައް ކަމަށް ޚުތުބަގައި ވެއެވެ. އަދި އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށްވެސް ޚުތުބާގައި ވެއެވެ.

އީދު ދުވަސްތަކަކީ މުސްލިމުން އުފާ ފާޅުކޮށް، ގާތް ތިމާގެ މީހުންނާއި ރަޙުމަތްތެރިންނަށް ޒިޔާރަތް ކުރުމުގެ އިތުރުން، ތަހުނިޔާ ކިޔައި، އެކަކު އަނެކަކަށް ހެޔޮ ދުއާ ކުރުމުގެ ދުވަސްތަކެއްކަމަށް ޚުތުބާގަައި ބުނެފައިވެއެވެ. އެގޮތުގެ މަތިން އީދު ސަލާމް ކުރުމާއި، ތަހުނިޔާ ކިއުމަކީ މުސްތަޙައްބު ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އީދު ހަދިޔާ ބަދަލުކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ މީހުންގެ ހިތުން ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލާ ކަމެއްކަމަށް ވަނީ ބުނެފައެވެ.

އީދު ދުވަހު އުފާ ކުރުމާއި އުފާ ފާޅުކުރުމަކީ ހުއްދަ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އެކަން ކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޙްލާޤީ މިންގަނޑުން ބޭރު ނުވާ ގޮތަކަށް ކަމަށެވެ. އެގޮތުން ތިމާގެ އަމިއްލަ ނަފްސާއި އެހެން މީހުންނަށްވެސް ގެއްލުން ނުވާ ގޮތަށް، އަދި އާންމު މަސްލަޙަތަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާވެސް ޚިލާފު ނުވާގޮތަކަށް އީދުގެ އުފާ ފާހަގަކުރުމަށް ވަނީ ބާރު އަޅާފައެވެ.

ޙުތުބާގައި ވިދާޅުވެފައި ވަނީ، ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ހައްޖު ދުވަސް ނުވަތަ އަރަފާތް ދުވަސް ކަމަށެވެ. އެ ދުވަހު ހަރަފާތު ބިމަށް ޖަމާވެފައި ތިބޭ ހައްޖުވެރިންގެ ފާފަތައް މާތް ރަސްކަލާންގެ ފުއްސަވާ ދެއްވާކަމަށްވެސް ޚުތުބާގަައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ އަރަފާތް ދުވަހު ފާފަ ފުއްސެވުން އެދި ގިނގިނައިން ދުއާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި މާތް ރަސްލަނާގެއަށް ހަނދުމަކޮށް އެކަލާނގެ ހަޒްރަތުގައި ދުއާ ދެންނެވުމަކީ މަތިވެރި އަޅުކަމެއް ކަމެއް ކަމަށް ބަޔާންކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *