ކޯވިޑްގެ ކާރިސާގެ ތެރޭގައި މަޝްހޫރުވެގެންދިޔަ އެމެރިކާގެ މަޝްހޫރު ސައިންޓިސްޓް، ޑރ. އެންތަނީ ފައުޗީ ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެންތަނީ ފައުޗީއަކީ، ކޯވިޑާއި ދެކޮޅަށް ކުރި ހަނގުރާމާގައި އެމެރިކާގެ އެންމެ ވަރުގަދަ ޝަޚުސިއްޔަތުގެ ގޮތުގައި ފާހަގަވެގެން އައި އެއް ފަރާތެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (NIH) އިން ހާމަ ކޮށްފައިވާ ގޮތުގައި ފައުޗީގެ ކިބައިން ކޯވިޑްގެ އާދައިގެން އަލާމާތްތައް ފެންނަމުންދާއިރު އޭނާ ގެންދަވަނީ ގޭގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ކަމުގައެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯބައިޑްންގެ މެޑިކަލް އެޑްވައިޒަރުގެ ގޮތުގައިވެސް މިހާރު ހުންނެވި، އުމުރުން 81 އަަހަރުގެ ފައުޗީ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ ރެޕިޑް އެންޓިޖެން ޓެސްޓް ހެދުމުންނެވެ.
ކޯވިޑާއި ދެކޮޅަށް ކުރެވުނު ހަނގުރާމާގައި މުޅި ދުނިޔެއަށް މަޝްހޫރުވި ފައުޗީ ވަނީ، 1984ވަނަ އަހަރުން ފެށިގެން އެމެރިކާއަށް ކުރިމަތިވި ހުރިހާ ސިއްޙީ ކާރިސާއެއްގައިވެސް އަމަލީގޮތުން މަސައްކަތް ކޮށްފައެވެ. އަދި އޭނާ ދަނީ ދިގު މުއްދަތެއް ވަންދެން، އެމެރިކާގެ ނޭޝަނަލް އިންސްޓިޓީއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަންސް ޑިސީސްގެ ޑިރެކްޓަރކަންވެސް ކުރައްވަމުންނެވެ.
ޑރ. ފައުޗީއަށް ގިނަބައެއް ތައުރީފް ލިބިގެން ގޮސްފައިވަނީ، އެޗްއައިވީ-އެއިޑްސް ކޮންޓްރޯލް ކުރުމަށް އެ ބަލީގެ އެންމެ ކުރީ ދުވަސްކޮޅުގައި އެބަލި ފެތުރިގެންދިޔަ ނުދިނުމަށް އޭނާ ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެންނެވެ.
އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ކޮށްފައިވާ ސާރވޭއަކުން ދައްކާފައިވާ ގޮތުގައި މިއަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް އެމެރިކާގެ %60 މީހުންނަށް ވަނީ ކޯވިޑް ޖެހިފައެވެ.