މެއި6 ހަމަލާގެ ހެއްކަށް ބަލައި އިތުރު ބަޔަކަށް ދައުވާ ކުރެވިދާނެ: ޕީޖީ

މެއި6 ހަމަލާގެ ހެއްކަށް ބަލައި އިތުރު ބަޔަކަށް ދައުވާ ކުރެވިދާނެ: ޕީޖީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަހުގީގަށް ލިބޭ ހެއްކަށް ބަލައި އިތުރު ބަޔަކަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

2021 މެއި 6ގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 9 މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. މި ހަމަލާއާއި ގުޅިގެން ފަންޑުކުރި މީހުން ނުހޯދޭތީ ސަރުކާރަށް ވަނީ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ 6 މެއި 2021 ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ނުރައްކާތެރި ޙަމަލާގެ މައްސަލައިގެ ތަޙްޤީޤާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ޤާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ޤާނޫނުގައި ކަނޑައަޅައިފައި އޮތް އުޞޫލުތަކުގެ ތެރެއިންކަމަށެވެ.

ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި، މިހުރިހާ ކަމެއް ހިނގައިދިޔައީ، ފުލު ހުންގެ ތަޙްޤީޤު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތް ކޮށްގެންކަމަށާއި، މިމައްސަލައަށް ޚާއްޞަ ކޮށްފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން 2 މީހަކު، ހުރިހާ ވަގުތެއްގައި ފުލުހުންނާ އެއްކޮށް މަސައްކަތް ކޮށްފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އޭގެ ފަހުން، މައްސަލަ ދިރާސާ ކުރުމުގެ މަރްޙަލާގައި، މައްސަލައަށް ބޭނުންވާ ވަރަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަޞީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާނެކަމަށާއި، އެގޮތުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި، އިނގިރޭސި ވިލާތާއި، އޮސްޓްރޭލިޔާއާއި، އެހެނިހެން ޤައުމުތަކުގެ ފަންނީ އެހީތެރިކަން މިމަސައްކަތަށް އަބަދުވެސް ލިބެމުން ގޮސްފައިވާކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މިޙަމަލާ ދިނުމުގައި އިސްކޮށް ޙަރަކާތްތެރިވި މީހަކު، ތަޙްޤީޤުއާއި ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ވެފައިވާކަމަށާއި، އޭނާގެ މައްޗަށް ހުކުމްކޮށް، އެޙުކުމް މިހާރު އެގެންދަނީ ތަންފީޒުކުރަމުންކަމަށް ޕީޖީން ބުނެފައިވެއެވެ. އެއީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބޮން ގޮއްވާލި އަޙްމަދު އަދުހަމް ރަޝީދެވެ. އޭނާގެ އިޢުތިރާފާއި ހެކިތަކުން ފެންނަން ހުރި ކަންކަމާ ދިމާވާކަމަށާއި، އޭނާގެ އިޢުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ވެފައިވާ އިޢުތިރާފެއްކަން، ފުލުހުންނާ ވަކިން، ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރު ކުރެއްވިފައިވާކަމަށް ޕީޖީން ބުންޏެވެ. އޭގެ ފަހުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ބާރު ލިބިގެން، ކޯޓުންވެސް އޮތީ އެކަން ކަށަވަރު ކުރައްވާފައިކަމަށާއި، އޭނާ، ޝަރީޢަތުގެ މަރްޙަލާގައި އިޢުތިރާފުނުވިނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅި ދަޢުވާތަކަށް ބާރުދޭނެ ހެއްކާއި ޤަރީނާ ހުރީ ކޯޓަށް ހުށަހެޅިފައިކަމަށް ޕީޖީން ބުންޏެވެ.

މިމައްސަލައިގައި ހިމެނޭކަމަށް، ހެކި ހުރެގެން ދަޢުވާކުރި އެހެން މީހުންގެ ބައިތަކުގައިވެސް، މިއޮފީހުން ހުށަހެޅި ދައުވާތަކަށް ބާރުލިބޭ ކާފީ ހެކި ހުށަހަޅާފައިވާނެއެވެ. ހެކީގެ ތެރޭގައި، އިޢުތިރާފު ބަޔާނުގެ އިތުރުން، ޑީ.އެން.އޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ޚަބީރުންގެ ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެއެވެ. މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކުގައި، އެހެކިތައް ހުށަހެޅުމުން، އެހެކިތަކުގެ ހަރުދަނާކަމާމެދު ގޮތެއް ނިންމުމަކީ، ކޯޓުތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާއެކެވެ. އެފުރުޞަތު ކޯޓުތަކަށް ލިބިދޭންވާނެއެވެ.

– ޕީޖީ އޮފީހުން ބުންޏެވެ.

މިމައްސަލަ ހިނގައިދިޔައިރު، މިމައްސަލައިގެ ތަޙްޤީޤާއި ދައުވާ ކުރުމުގެ ކަންކަން ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ ޢައްބާސް ފާއިޒު ގެންދެވީ، ތަޙްޤީޤާއި ދައުވާކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަޤްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްކަން ކަށަވަރު ކުރެއްވުމަށް، އެކަންކަން ގާތުން ބައްލަވަމުންކަން ޕީޖީން ފާހަގަކޮށްފައިވެއެވެ. ތަޙްޤީޤާއި ދައުވާކުރުމުގެ މަރްޙަލާތަކުގައި އެމަނިކުފާނުންގެ ކަންބޮޑުވުމެއް މިވަގުތު ނެތްކަމަށް، އެމަނިކުފާނުން އޮތީ ވިދާޅުވެފައިވާކަމަށާއި، ޓެރަރިޒަމްގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ނިޔާކުރާގޮތުން، ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުންވެސް ހެކި ލިބިއްޖެނަމަ، އެމައްސަލައެއްގައި ދަޢުވާ ކުރުމަކަށް ހުރަހެއް ނެތެވެ. މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ، އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރޭނެކަމުގެ ޙުއްޖަތެއް ނޫނެވެ. ވީމާ، މިމައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެމައްސަލައިގައި މިހާރު ކުރިއަށްދާ ތަޙްޤީޤުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު އެއޮފީހުން ގޮތެއް ނިންމާނެކަމަށް ޕީޖީން ބުންޏެވެ..

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *