ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ބާރު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވަމުން ދިއުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވޯލްޑް ބޭންކް އިން ބުނެފިއެވެ.
އެ ބޭންކުން އިއްޔެ ނެރުނު އިކޮނޮމިކް އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަންޏާ ހެދި މާލީ ބުރައެއް އުފުލަން ޖެހިދާނެއެވެ. އެހެންވެ، ރަނގަޅު ސްޓްރެޓެޖީތައް ބޭނުންކޮށްގެން ދަރަނި މެނޭޖްކުރުމަށް ވޯލްޑު ބެންކުން ވަނީ ސަރުކާރަށް ލަފާދީފައެވެ. އެ ރިޕޯޓްގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެއެވެ. ނަމަވެސް އެކި ގައުމުތަކުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ހެދި އިގްތިސާދަށް އަސަރު ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ވެސް އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ ރަޝިއާ އާއި ޔޫކްރޭނުން އަންނަ ޓޫރިސްޓުން މަދުވެ އެގޮތުގައި ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިންއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފައިކަމަށް ވޯލްޑް ބޭންކް އިން ބުނެފައިވެއެވެ.
ރާއްޖެ އާއި އޭޝިއާގެ ގިނަ ގައުމުތަކުގެ އިގްތިސޯދުގެ ރިވިއުއެއް ހެދުމަށްފަހު ބުނެފައިވާ ގޮތުން މި އަހަރު 6.6 ޕަސެންޓް އަދި އަންނަ އަހަރު 6.3 ޕަސެންޓަށް އިގްތިސޯދުތައް ކުރިއަރާނެއެވެ. ނަމަވެސް ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރި އަސަރުތަކުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަހު އަންދާޒާއާ އަޅާބަލާއިރު 1.0 ޕަސަންޓް ދަށްވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މި ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ރާއްޖޭގެ އިތުރުން މި ސަރަހައްދަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ވެސް ވަނީ ބަލައިފައެވެ. ކޯވިޑާ ގުޅިގެން އަންހެނުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުމަކީ ވެސް ސަރަހައްދުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.