ޕުޓިންއަށް މަގާމުގައި ދެމި ނުހުރެވޭނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ބައިޑްން ދިފާއު ކުރައްވައިފި

ޕުޓިންއަށް މަގާމުގައި ދެމި ނުހުރެވޭނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ބައިޑްން ދިފާއު ކުރައްވައިފި

ފާއިތުވެދިޔަ ހަފްތާގައި ޕޮލެންޑް ކުރެއްވި ދަތުރުފުޅުގައި، އެގައުމުގެ ވެރިރަށް ވާރސޯގައި ވާހަކަފުޅު ދައްކަވަމުން، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންއަށް ދެން އިތުރަށް ވެރިކަމުގައި ދެމި ނުހުރެވޭނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު އެމެރިކާގެ ރައީސް ޖޯ ބައިޑްން ދިފާއު ކުރައްވައިފިއެވެ.

ބައިޑްން ވިދާޅުވި ގޮތުގައި އެގޮތަށް ވިދާޅުވެފައިވަނީ، ރަޝިއާގެ ރައީސްއާއި ދޭތެރޭ "އުތުރި އަރާފައި އޮތް ޖަޒްބާތު"ގެ ބޮޑު ކަމުންކަމަށާއި، އެއީ އެއްވެސް ހާލަތެއްގައި އެގައުމުން ޔޫކުރެއިންއަށް އެރުމާއި ގުޅިގެން ރަޝިއާގެ ސަރުކާރު ބަދަލު ކުރުމަށް އެމެރިކާއންި ގެންގުޅޭ ސިޔާސަތެއް ނޫންކަމުގައެވެ.

"އަހަރެން ބުނި އެއްވެސް ބަހެއް އަބުރާ ގެންނާކަށް ބޭނުމެއް ނޫން،" ޔޫރަޕްގެ ގައުމުތަކުންވެސް ދެކޮޅުހަދާފައިވާ، އަދި އެމެރިކާގެ ވައިޓްހައުސްއިންވެސް އެވާހަކަފުޅު އިތުރަށް ތަފްސީލު ކޮށްދޭން ޖެހުނު ވާހަކަފުޅާއި ގުޅޭގޮތުން ބައިޑްން ވިދާޅުވެފައި ވެއެވެ.

ޔޫރަޕަށް ފާއިތުވެދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި، ޔޫކުރެއިންއާއި އިންވެގެން އޮތް ޕޮލޭންޑުގެ ވެރިރަށް ވާސޯގައި ވާހަކަފުޅު ދައްކަވަމުން، ބައިޑްން ވިދާޅުވެފައިވަނީ ރަޝިއާގެ ވެރިކަމުގައި ޕުޓިންއަށް ދެން އިތުރަށް ނުހުންނެވޭނަކަމަށެވެ.

"އޭނާއަކަށް ވެރިކަމުގައި ދެން ދެމި ނުހުރެވޭނެ،" ޕޮލޭންޑުގެ ވެރިރަށް ވާރސޯގެ ރޯޔަލް ކާސަލްގައި ވާހަކަ ދައްކަވަމުން ބައިޑްން ވިދާޅުވެފައި ވެއެވެ.

ވައިޓްސްހައުސްއިން ބުނެފައިވަނީ، ބައިޑްން އިޝާރާތް ކުރައްވާފައިވަނީ، ރަޝިއާގެ ވެރިކަން ބަދަލުކުރުމުގެ ވާހަކައަށް ނޫންކަމުގައެވެ.

"ރައީސް ވާހަކަ ފުޅުގައި އިޝާރާތް ކުރައްވާފައިވަނީ، ޕުޓިންއަށް އޭނާގެ އަވައްޓެރި ގައުމުތަކުގެ މައްޗަށް ބާރު ހިންގުމުގައި ދެމި ނުހުރެވޭނެ ވާހަކަ، އިޝާރާތް ކުރައްވާފައިވަނީ ރަޝިއާގައި ޕުޓިންއަށް އޮތް ބާރުގެ ވާހަކައެއް ނޫން، އަދި އެގައުމުގެ ވެރިކަން ބަދަލުކުރުމުގެ ވާހަކައަކަށްވެސް ނޫން،" ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ، ޕުޓިންއަށް ވެރިކަމުގައި ދެމި ނުހުރެވޭނެކަމަށް ވިދާޅުވެ ބައިޑްން ދެއްކެވި ވާހަކަ ފުޅަކީ، ކުރިން ތައްޔާރު ކޮށްފައިވާ ޚިތާބުގެ ބައެއް ނުންކަމަށެވެ.

ޕުޓިން ރަޝިއާގެ ވެރިކަމުން ދުރުކުރުމަކީ، އެގައުމުގެ މަގުސަދެއް ނޫންކަމަށް އެމެރިކާގެ އޮފިޝަލުން މީގެ ކުރިންވެސް ވިދާޅުވެފައި ވެއެވެ.

"އަހަރެމެންގެ މަގުސަދަކީ ރަޝިއާގެ ވެރިކަން ބަދަލު ކުރުމެއް ނޫން. އެމީހުންގެ ވެރިއަކީ ކާކުކަން އިޚްތިޔާރު ކުރުމަކީ ރަޝިއާގެ ރައްޔިތުންގެ ޒިންމާއެއް،" އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން މިމަހުގެ ކުރީކޮޅު ވިދާޅުވެފައި ވެއެވެ.

ބައިޑްންގެ ވާހަކަފުޅާއި ގުޅިގެން ކްރެމްލިންއިން ބުނެފައިވަނީ، އެގައުމުގެ ރައީސް އިޚްތިޔާރު ކުރުމަކީ ރަޝިއާގެ ރައްޔިތުންގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. "އެއީ ބައިޑްން އިޚްތިޔާރު ކުރާ ކަމެއް ނޫން،" ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރ ޕެސްކޯވް ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން މީގެ ކުރިންވަނީ ރަޝިއާގެ ރައީސް ޕުޓިންއަކީ ހަގުރާމައިގެ މުޖުރިމެއް ކަމުގައިވެސް ވިދާޅުވެފައެވެ. ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަމުގައި ބައިޑްން ވިދާޅުވުމުން ރަޝިއާއިންވަނީ އެއީ މާފް ނުކުރެވޭނެ ކަމެއް ކަމުގައި ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *