މިފްކޯ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏަކަށް ހަދާނަން: ރައީސް

މިފްކޯ އަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏަކަށް ހަދާނަން: ރައީސް

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރު ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެގޮތަށް ބަދަލު ގެނައީ މަސްވެރިންނަށް ހަމަ އަގު ހޯދައިދީ މިފްކޯއަކީ ފައިދާވާ ކުންފުންނަކަށް ހެދުމުގެ މަޤްޞަދުގައެވެ. ނަމަވެސް މިހާތަނަށްވެސް އެކަން ހާސިލްކުރެވިފައެވެ.

މިސަރުކާރުން އަންނަނީ މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިންނަށް ހަމަ އަގު ހޯދައިދީ މަސްވެރިކަމަށް ޒަމާނީ ޓެކްނޮލޮޖީ އީޖާދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ދުނިޔެ ފުރަބަންދުވެ އިޤްތިޞާދީ ހަރަކާތް ހުއްޓި އާމްދަނީގެ ހުރިހާ މަގެއް ފަޅުވެ ދިޔައިރު ފަޅުނުވެ އޮތީ ވަށާ އޮތް ދިވެހި ނޫފަޅުތަކާއި ރާއްޖޭގެ މަސްކަނޑުތައް ކަމަށެވެ. އަދި ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރުވީ ނިމިދިޔަ އަހަރު ކަމަށާއި، ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން މަސްވެރިންނަށް މިހާރު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް މިހާރުވެފައިވަނީ މަހަށް ލިބޭ އަގުކުރިއާ އަޅާ ބަލާއިރު ދަށްވުމެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ މަސްވެރިންނަށް މިކަމާއި ގުޅޭ އުފާވެރި ޙަބަރެއް ދެއްވާފައެވެ. އެގޮތުން އަންނަ މާޗްމަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ ކަމަށާއި ދެން މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ބާޒާރުގާ ބޮޑު އަގު ލިބޭނަމަ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި މިފްކޯ ބަދަލުކުރެވޭނެ ކަމަށެވެ.

އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގާ އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ، މިފްކޯގެ ކެޕޭސިޓީ އިތުރުކުރާވާހަކަ މިދިޔަ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑުވާނީ ހާމަކޮށްފައި

– ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޞާލިޙު ވަނީ މަސް ފިނިކުރާ ނިޒާމްތައް ދޯނިތަކުގައި ހަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގާ ހޫނު ކަމެއް ހުންނަނީ ކިރާ މަހުގާ ފިނިކަމެއް ހުރެގެން، އެގޮތުން 118 ދޯންޏެއްގާ މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ

– ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ބާނާ މަހުގެ އަދަދު މި ފާއިތުވި 2 އަހަރުތެރޭ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 8 އަހަރުގެ ތެރޭގައި މިފްކޯއިން އެންމެ ގިނަ އަދަދެއްގެ މަސް އެކްސްޕޯޓްކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *