ށ. ކޮމަންޑޫގައި އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވައުދުވި އެއާޕޯޓް އެޅީތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ސުވާލު ކުރައްވައިފިއެވެ.
ކޮމަންޑޫގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވީ 2018 ސެޕްޓެމްބަރު ދެ ވަނަ ދުވަހު އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ.
ރައީސް ޞާލިހް ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައި ޑރ. ޚަލީލު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައިގެން އަބަދު ވޯޓު ހޯދިދާނެ ކަމަށް ހީފުޅު ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ކޮމަންޑޫގެ ތަރައްގީއަށް މަސައްކަތް ކޮށްފައި ވަނީ ހަމައެކަނި އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވާތީ ގިނަ ބަޔަކު އަންނަނީ އެޕާޓީއަށް ފާޑު ކިޔަމުންނެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަނީ އެރަށުގެ ބިން ހިއްކައި ކުރިން 17 ހެކްޓްރުގައި އޮތް ބިން 26 ހެކްޓަރަށް ބޮޑުކޮށްފައެވެ.
ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ އަންނަނީ ރައީސް ޔާމީން އެރަށަށް ގެނެސްދެއްވި ތަރައްގީ ނުފެންނަނީތޯ ބުނެ ސުވާލު ކުރަމުންނެވެ.
ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންގެ ޖަލްސާގައި އިދިކޮޅު ކެންޑިޑޭޓުންނަށް ރައީސް ޞާލިހް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވުމުން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނާއި އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންނެވެ.





